ފޭކް ވިސާ ކާޑްތަކަކާއެކު ރާއްޖެ އެތެރެވާން އުޅުނު މީހަކު އަތުލައިގެންފި

ހިފެހެއްޓި ފޭކް ވިސާ ކާޑުތައް --- ފޮޓޯ/ އިމިގްރޭޝަން

ފޭކް ވިސާ ކާޑުތަކާއެކު ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު އިމިގްރޭޝަން އިން ހުއްޓުވައިފި އެވެ.

އިމިރޭޝަންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެ މީހާ އަތުލައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"އޭނާ އަތުލައިގަތް އިރު، އޭނާ އަތުން ފޭކް ތިން ވިސާ ކާޑް ފެނުނު. އެއީ އެންމެ ފަހުގެ ވިސާ ކާޑްތަކުގެ ކޮޕީއެއް،" އޮފިޝަލް ވިދާޅުވިއެވެ.

އެންމެ ފަހުން ވިސާ ކާޑަށް ބަދަލު ގެނެވިފައި ވަނީ މިިދޔަ އަހަރުގެ ތެރޭގައެވެ. އޮފިޝަލް ވިދާޅުވީ، ދޭތެރެ ދޭތެރެއިން ކުރީގެ ވިސާ ކާޑުތަކުގެ ކޮޕީ ހައްދައިގެން ގިނަ އަދަދަކަށް މީހުން މީގެ ކުރިން ހިފަހައްޓާފައި ވާ ކަމަށެވެ. ނަމަވެސް އާ ވިސާ ކާޑުގެ ކޮޕީއާއެކު އަތުލައިގަންނަ މީހުން މަދު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ތިން ވިސާ ކާޑާއެކު އަތުލައިގަތީ، ބަންގަލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އޭނާ އަތުލައިގަތް އިރު، އޭނާގެ އަތުުގައި ރާއްޖޭގެ ސައްހަ ވިސާ އޮތެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށްޓަކައި ސަރުކާރުން ވަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ކޯޓާ ނުދިނުމަށް ނިންމާފައެވެ. އަދި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ވެއްދުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ހަ މަސް ދުވަސް ވަންދެން ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 63،000 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުން އަންނަނީ ގަވާއިދާ ހިލާފައެވެ. ސަރުކާރުގެސް ފަސް އަހަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވާގޮތުން ސަރުކާރުގެ އަމާޒަކީ، 2023 އަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން 33 ޕަސަންޓަށް މަދުކުރުމަށެވެ.

comment ކޮމެންޓް