އެފްއޭއެމްގެ އާ އޮފީހާއި އިތުރު ދެ ޓާފް ދަނޑުގެ ބިންގާ އަޅައިފި

އެފްއޭއެމްގެ އޮފީހާއި އިތުރު ދެ ދަނޑުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފޯވާޑް ޕްރޮގުރާމުގެ އެހީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އޮފީސް އިމާރާތާއި، އިތުރު ބޮޑު ދެ ޓާފް ދަނޑުގެ ބިންގާ އަޅައިފި އެވެ.

ފީފާގެ ސްޓޭންޑަޑަށް ހަދާ ސްޕޯޓްސް ރިހެބިލިޓޭޝަން ސެންޓަރެއް ހިމެނޭ ގޮތަށް އިމާރާތް ކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި، ޓާފް ބޮޑު ދަނޑުގެ ބިންގާ މިއަދު ހަވީރު އަޅުއްވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މި ދެ މަޝްރޫއަކީ ވެސް ފީފާއިން އަލަށް ތައާރަފު ކުރި ފީފާ ފޯވާޑްގެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބިޔަ ދެ ޕްރޮޖެކްޓެވެ.

ފީފާގެ ފޯވަޑް ޕްރޮގްރާމަކީ ކުރިން ފީފާއިން ގެންދިޔަ ގޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ފަހު، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ދައުރުގެ ފުރަތަމަ އަހަރުގައި ތައާރަފް ކުރި ޕްރޮޖެކްޓެކެވެ. ފީފާގެ މި ޕްރޮޖެކްޓާ އެކު އަދިވެސް އިތުރު ކަންކަން ކުރިއަަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ކުރެވިގެންދާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އެގޮތުން މިއަދު ބިންގާ އެޅި އެފްއޭއެމްގެ އޮފީސް އިމާރާތަކީ ތިން ފަންގިފިލާ ހިމެނޭގޮތަށް އިމާރާތް ކުރާ އޮފީހެކެވެ. އެ އޮފީހުގައި ކުޅުންތެރިންގެ ނިއުޓިރިޝަން އާއި ޑައިޓް ޕްރޮގްރާމަށް ފެތޭގޮތަށް ހުޅުވާ ކެފިޓީރިއާއެއްގެ އިތުރުން ކުޅުމުގެ ތެރެއިން ކުޅުންތެރިންނަށް ލިބޭ އަނިޔާއިން ރިކަވާ ވުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

"ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުގެ ސަބަބުން މިހާރު ރިކާވެގެން އަލުން ކުޅެން ނުކުތުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދޭ، އެހެންވީމަ ފީފާ ސްޓޭންޑަޑްގެ ރިހެބިލިޓޭޝަން ސެންޓަރެއް މިތާންގައި އެޅިގެން ދިއުމަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އިންޖަރީން އަވަހަށް ރިކަވާވެގެން ކުޅެން ނުކުތުމަށް މަގުފަހި ވެގެންދާނެ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ފުޓްބޯޅަ ސަމާނު ވިއްކާ ސްޕޯޓްސް ވެއާ ފިހާރައަކާއި ޖިމެއްވެސް އޮފީސް އިމާރާތާ އެކު ހިމެނޭނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ބިންގާއެޅި އެފްއޭއެމް އޮފީހާއި ޓާފް ދެ ދަނޑު އިމާރަތް ކުރާނީ، އެފްއޭއެމްގެ މިހާރުގެ ދެ ޓާފް ދަނޑު އޮންނަ ސަރަހައްދުގެ ދެކުނުުން، ކަޅުތުއްކަލާ ކޮށީ އިރުމަތިން އޮންނަ ހުސް ބިމުގަ އެވެ. މި ދެ ބިމަކީ ކުރިން ހަވީރާއި ރޭގަނޑަށް މާލޭގައި ތިބޭ ޒުވާނުން ފުޓުބޯޅަ ކުޅުމަށް ބޭނުން ކުރަމުން އައި ބިމެކެވެ. އަދި ފަހަކަށް އައިސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތް ވެސް ބާއްވަމުން އަންނަނީ އެ ތަނުގަ އެވެ.

މި ދެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޓިބަރޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

comment ކޮމެންޓް