150 ކިލޯގެ ޑްރަގް ނަގަން ދިޔަ ދިވެހި ދޯނިވެސް ހިފަހައްޓައިފި

މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ބޭރު ބޯޓާއި ރާއްޖޭގެ މަސް ދޯނި -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަތް ބޭރުގެ ބޯޓުން މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި މަސް ދޯންޏެއް ވެސް ހިފަހައްޓާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ބޭރުގެ ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ.

ބޭރުގެ އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށާއި، ނަމަވެސް އެ ބޯޓު ދުއްވަމުން ދިޔައީ އީރާނުގެ ދިދަ ޖަހައިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަޙައްދުން ކަމަށެވެ.

https://sun.mv/125424

އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދިވެހި މަސްދޯންޏެއް ވެސް ހިފަހައްޓާފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

މައްސަލައިގައި ހިފަހައްޓާފައި ވަނީ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެކެވެ. އެ ދޯނި ހިފެހެއްޓި އިރު، ދޯނީގައި ހަތަރު ފަޅުވެރިން ތިއްބެވެ. އެއީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ.

އެ ދޯނި މާލެ ގެނައުމަށް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ސަރަހައްދުން ހިފެހެއްޓި ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ބޯޓު އަތުލައިގަތްއިރު، އެ ބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ.

ފުލުހުން މިހާރު އަންނަނީ އެ އުޅަނދުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް