އިންޑިއާއިން ބަލާ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅުން ހުރި ޔޮޓެއް ރާއްޖޭގައި

އެޗްޑީއައިއެލްގެ ޗެއާމަން ރާކޭޝް ވާދަވަން އާއި ދަރިފުޅު ސަރަނަގް ވަނީ ކޮރަޕްޝަނުގެ މައްސަލައިގައި ހައްޔަރުކޮށްފައި -- ފޮޓޯ: ޑީއެންއޭ

އިންޑިއާއިން ތަހުގީގު ކުރަމުންދާ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅުން ހުރި ޔޮޓެއް ރާއްޖޭއްގައި ބަނދަރުކޮށްފައި އޮތް ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެގައުމުގެ ފައިނޭންޝަލް އިންވެސްޓިގޭޝަން އޭޖެންސީ، އެންފޯސްމެންޓް ޑިރެކްޓޮރޭޓްއިން ބަލަމުން ދަނީ ރެއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ހައުސިން ޑެވެލޮޕްމެންޓް އެންޑް އިންފްރާސްޓްރަކްޗާ ލިމިޓެޑް (އެޗްޑީއައިއެލް)ގެ ޗެއާމަން އާއި އޭނާގެ ދަރިފުޅާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެކެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެޗްޑީއައިއެލްއިން ވަނީ ގަވާއިދާ ހިލާފަށް ޕަންޖާބު އެންޑް މަހާރަޝްތުރާ ކޯޕަރޭޓިވް (ޕީއެމްސީ) ބޭންކުން 43 ބިލިއަން ރުޕީސް (616 މިލިއަން ޑޮލަރު)ގެ ލޯނު ނަގައިފަ އެވެ. އަދި ޕީއެމްސީގެ އިސް ވެރިން ވަނީ ބޭންކުގެ އޮޑިޓް ރިޕޯޓުތަކުގައި އެލޯނުތަކާ ބެހޭ ގޮތުން އޮޅުވާލައިފަ އެވެ.

އެމައްސަލާގައި މުމްބާއީ ފުލުހުންގެ އިކޮނޮމިކް އޮފެންސެސް ވިންގުން ވަނީ އެޗްޑީއައިއެލްގެ ޗެއާމަން ރާކޭޝް ވާދަވަން އާއި އޭނާގެ ދަރިފުޅު ސަރަންގު ވާދަވަން ހައްޔަރުކޮށްފަ އެވެ. އަދި އެދެ މީހުންގެ މަތިންދާބޯޓަކާއި ކާރުތަކާއި 600 މިލިއަން ރުޕީސް (8،457،000 ޑޮލަރު)ގެ ގަހަނާ ހިފަހައްޓައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް، ސަރަންގް ވާދަވަންއަށް ނިސްބަތްވާ ޔޮޓެއް އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

އެމައްސަލައާ ގުޅިގެން ޕީއެމްސީ ބޭންކުގެ ކުރީގެ ޗެއާމަން އާއި މެނޭޖިން ޑިރެކްޓަރުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އިން ވަނީ އެބޭންކުގެ ހުއްދައާ ނުލައި ޕީއެމްސީން އެއްވެސް ލޯނެއް އާ ކުރުމާއި ލޯނެއް ދިނުމާއި އިންވެސްޓު ކުރުން މަނާކޮށްފަ އެވެ.

comment ކޮމެންޓް