ނިއުކާސަލް އަތުން ވެސް ބަލިވެ ޔުނައިޓެޑް 12 ވަނަ އަށް ވެއްޓިއްޖެ

ޔުނައިޓެޑާއި ނިއުކާސަލް މިރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 އިން ކާމިޔާބު ކުރީ ނިއުކާސަލް --- ފޮޓޯ// ގެޓީ އިމޭޖެސް

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ގިނަ ކާމިޔާބީތައް ހޯދައި އެގައުމުގެ ލީގު އެންމެ ގިނަ ފަހަރު ހޯދި މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅުނު މެޗުން ވެސް ބަލިވެ ތާވަލުގެ 12 ވަނައަށް ވެއްޓިއްޖެ އެވެ.

ރަށުން ބޭރުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުން މިރޭ ކުޅުނު މެޗުން ބަލިވީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ ތާވަލުގެ 12 ވަނައަށް ވެއްޓިފަ އެވެ. އެ ޓީމުން މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. މިއީ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ބައިވެރިވާން ފެށީން ސުރެއް މިހާތަނަށް ޖެހެންދެން އެންމެ ނަތީޖާ ދަށް ސީޒަނެވެ.

ޒަމާނީ ފުޓުބޯޅައިގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ މަގާމު ކަމުގައިވާ ސްޓްރައިކަރެއް، ނުވަތަ ނަންބަރު ނުވައަކަށް ކުޅޭނެ ކުޅުންތެރިޔަކު ނެތި މެންޗެސްޓާ ޔުނައިޓެޑުން ސީޒަނާއި ކުރިމަތިލި އިރު ވެސް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ގޯލުޖެހުމުގެ ދަތިކަމެވެ. އެގޮތުން އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް އެ ޓީމަށް އެއް ގޯލެއް ވުރެން އިތުރަށް އެންމެ މެޗެއްގައި ވެސް ޖެހިފައެއް ނުވެއެވެ.

މިރޭގެ މެޗުގައި ވެސް ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގޯލު ނުޖެހުމެވެ. މެޗު ފެށިގެން ވެސް ރަނގަޅު ފުރުސަތުތައް އުފެއްދި ނަމަވެސް ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލާނެ ކުޅުންތެރިޔަކު ވަނީ ނުވެފަ އެވެ. ފުރަތަމަ ހާފުގައު ޔުނައިޓެޑަށް ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާއަށެވެ. ކޯނަރަކުން ނެގި ބޯޅަ ހުސްކޮށް ހުރެ އޭނާ ބޮލުން ފޮނުވާލީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ނިއުކާސަލްއަށް މެޗުގައި ލީޑު ނަގައިދިނީ މެތިއު ލޯންގް ސްޓާފް އެވެ. އޭގެ ފަހުން ވެސް އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ.

މިރޭގެ މެޗުން ލިބުނު ބައްޔާ އެކު އެންމެ ގިނަ ޔުނައިޓެޑް ސަޕޯޓަރުންގެ ފާޑުކިޔުން ޔަގީނުން ވެސް އަމާޒުވާނެ އެކަކީ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝާޔާ އެވެ. ވޭތުވެ ދިޔަ ސީޒަނުގައި ހޯސޭ މޮރީނިއޯ ބޭރުކޮށް ސޮލްޝަޔާ ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑް ފުރަތަމަ ކޮޅު ރަނގަޅު ކުޅުމެއް ވަނީ ދައްކާފަ އެވެ. ނަމަވެސް ފަހަކަށް އައިސް ޔުނައިޓެޑްގެ ފަރާތުން ފެންނަނީ ދަށް ކުޅުމެކެވެ.

comment ކޮމެންޓް