ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށްޓަކައި ސައޫދީން، ނުސީދާކޮށް ހޫޘީންނާ ވާހަކަ ދައްކަނީ

ރިޔާޟް (އޮކްޓޯބަރ 6) : ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށްޓަކައި ތިންވަނަ ފަރާތެއް މެދުވެރިކޮށް ސައޫދީ ސަރުކާރުން ހޫޘީންނާއެކު ވާހަކަ ދައްކަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޔަމަންގެ ހޫޘީންނާ ގާތްގުޅުންތަކެއް އޮންނަ އެގައުމުގެ އަސްކަރީ ފަރާތަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ސައޫދީ ވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށްޓަކައި ތިންވަނަ ފަރާތެއް މެދުވެރިކޮށް ހޫޘީންނާއެކު ވާހަކަ ދައްކަން ފަށާފައެވެ. އެ ވާހަކަތަކުގައި ހޫޘީންގެ ފަރާތުން ބައިވެރިވަނީ އެޖަމާއަތުގެ ސިޔާސީ އެންމެ މަތީ ކައުންސިލްގެ ވެރިޔާ މުހައްމަދު މަހްދީ އަލްމުޝާތު އެވެ. މިވާހަކަތައް ކުރިޔަށްދިޔަނަމަވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް އަދި ދެވިފައިނުވާކަމަށް އަލްޖަޒީރާ ބުނެއެވެ.

އަނެއްކޮޅުން ޔޫރަޕްގެ ޖާސޫސީ ދާއިރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ސައޫދީ ސިފައިން ޔަމަންގައި ހިންގަމުންގެންދާ އަސްކަރީ ހަރަކާތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މި ދާއިރާތަކާ ހަވާލާދީ ހުޅަނގުގެ ނޫސްއެޖެންސީތައް ބުނާގޮތުން ފާއިތުވި ތިން ހަފްތާތެރޭގައި ސައޫދީ ވައިގެ ސިފައިންގެ ހަރަކާތްތައް ޔަމަންގައި ވަނީ ވަރަށް ބޮޑަށް މަދުވެފައެއެވެ. އަދި ސައޫދީ އެއްގަމު ސިފައިންގެ އެއްވެސް ހަރަކާތެއް ޔަމަންގެ އެއްވެސް ސަރަހައްދެއްގައި ހިނގާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

މި ޚަބަރުތައް ފެތުރިފައި މިވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލުމާމެދު ސައޫދީ ސަރުކާރުން ސީރިޔަސްކަމާއެކު ވިސްނަމުން ގެންދާކަމުގެ ޚަބަރުތަކެއް ރޮއިޓާސް އާއި އެމެރިކާގެ ބްލޫމްބާގް ނޫސް އެޖެންސީން ފަތުރާފައިވަނިކޮށެވެ. ނަން ހާމަކުރަން ނޭދޭ މަތީ ފެންވަރުގެ ޑިޕްލޮމެޓިކް ތިން ދާއިރާއަކާ ހަވާލާދީ ރޮއިޓާސް އާއި ބްލޫމްބާގް އިން ބުނެފައިވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލައި ސުލްޙައިގެ ވާހަކަތައް ފެށުމާބެހޭގޮތުން ހޫޘީ ޖަމާއަތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ސައޫދީ ސަރުކާރުން ދިރާސާ ކުރަމުން ގެންދާކަމުގައެވެ. މިގޮތުން ސައޫދީ ސަރުކާރުން ގެންދަނީ ޔަމަނަށް ދޭ ހަމަލާތައް އެއްކޮށް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައަށްޓަކައި ސީރިޔަސްކޮށް ވިސްނައި ނިންމުންތަކެއް ނިންމުމާމެދު އެގައުމުގެ އަސްކަރީ އަދި މަދަނީ ފަރާތްތަކާ މަޝްވަރާކުރަމުންނެވެ. ނަމަވެސް މި ރިޕޯޓްތަކާ އަދި މި ޚަބަރުތަކާބެހޭގޮތުން ސައޫދީ މަސްއޫލުވެރިން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން އިންގިލާބަކުން ބަދަލުކޮށްގެން ޔަމަންގެ ވެރިކަމުގައި ތިބި ހޫޘީ ޖަމާއަތް ބަލިކޮށް ރައީސް ހާދީގެ ސަރުކާރު އަނބުރައި ޔަމަންގެ ވެރިކަމަށް އަލުން އިޢާދަ ކުރުމުގެ ނަމުގައި އަރަބި ކޯލިޝަނެއް ހަދައިގެން ސައޫދީ އިސްކޮށް އޮވެގެން ޔަމަންގެ ހަނގުރާމަ ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

މިހަނގުރާމައަށް 5 އަހަރުވާން ގާތްވެފައިވާއިރު ހަނގުރާމައިގެ ސަބަބުން ޔަމަންގެ އިންފްރާސްޓްރަކްޗާ ފުނޑުފުނޑުވެ ރައްޔިތުންނަށްވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެފައެވެ. ހަނގުރާމައިގެ ސަބަބުން ޔަމަންގެ 24 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާއިރު ކޮލެރާފަދަ ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ޔަމަންގެ ގިނަބަޔަކު ވަނީ ވެގެންގޮސްފައެވެ.

މިހަނގުރާމައިގަ ޔަމަންގެ އާންމުންނަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެދޮރުފަދަ އާންމުތަންތަނަށް ހަމަލާދީ ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ތުހުމަތު ސައޫދީ ސިފައިންނާއި ޔޫއޭއީގެ ސިފައިންގެ މައްޗަށްވަނީ ކުރެވިފައެވެ.

ސައޫދީން ޔަމަންގެ ހަނގުރާމަ ހުއްޓާލުމާމެދު ވިސްނަމުންދާކަމުގެ ޚަބަރުތައް ފެތުރިފައި މިވަނީ މީގެ ތިން ހަފްތާ ކުރިން ސައޫދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ވަރުގަދަ ހަމަލާތަކެއްގައި ސައޫދީ ތެލުގެ އުފެއްދުންތައް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ޒިންމާ ސައޫދީއާއި އެމެރިކާއިން އީރާނުގެ ބޮލުގައި އެޅުވިނަމަވެސް އެ ހަމަލާތައް ދިނީ އީރާނުން ކަމުގެ އެއްވެސް ހެއްކެތް ސައޫދީ އަށްވެސް އަދި ސައޫދީ އަށް ވާގިވެރިވާ އެމެރިކާއަށްވެސް ދެއްކިފައެއް ނުވެއެވެ. އެމެރިކާއިން އެ ހަމަލާތަކުގެ ޒިންމާ އީރާނުގެ ބޮލުގައި އެޅުވިނަމަވެސް ސައޫދީގެ ދިފާއުގައި އީރާނަށް އަސްކަރީ ގޮތުން ރައްދު ދިނުމަށް އެމެރިކާވަނީ ފަސްޖެހިފައެވެ.

ސައޫދީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމާމެދު ވިސްނަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހޫޘީން ބަލނުކުރެވުމާއި ޔަމަންގެ ހަނގުރާމައިގާ ސައޫދީ އެކަނިވެ ތެލުގެ މަރުކަޒުތައް ދިފާއު ނުކުރެވުން ހިމެނެއެވެ.

މީގެއިތުރުން ސައޫދީގެ ދިފާއުގައި އެމެރިކާ ހަނގުރާމަ ނުކުރާނެކަން ސައޫދީ މަސްއޫލުވެރިންނަށް މިހާރު ކަށަވަރުވުމާއި އިންޑިއާއެކު ސައޫދީ ބާއްވާ ގޮތްނޭންގޭ ގުޅުންތަކުގެ ސަބަބުންނާއި ކަޝްމީރުގެ މައްސަލައަށް އަޅައިނުލުމުގެ ސަބަބުން ޕާކިސްތާނުގެ ހަމްދަރްދީވެސް ސައޫދީ އަށް ގެއްލިފައިވުމާއި ގަތަރުގެ މައްސަލާގައި ޖިސީސީ ގެ ގައުމުތައް ބައިބައިވެފައި ވުމަކީވެސް ހަނގުރާމަ ހުއްޓާލުމާމެދު ސައޫދީ ވިސްނަންޖެހުނު ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް