ޖިންސީ ފުރައްސާރައިގެ މައްސަލާގައި ހައްޔަރުކުރި ކްރިކެޓް ކޯޗު ދޫވެއްޖެ

ގައުމީ ކްރިކެޓު ޓީމުގެ ކޯޗު އާސިފް ޚާން --

ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއްގައި އިއްޔެ ހައްޔަރު ކުރި ގައުމީ ކްރިކެޓު ކޯޗު ފުލުހުންގެ އިހުމާލުން ދޫވެއްޖެއެވެ.

އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ ގައުމީ ކްރިކެޓް ކޯޗު ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވެނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ އިތުރުން 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން އެވެ. އޭނާއަކީ ޕާކިސްތާނަށް އުފަން، ދެކުނު އެފްރިކާގެ ރައްޔިތެކެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ 8:20 ހާއިރު އެވެ.

ކްރިކެޓު ކޯޗުގެ ބަންދުގެ މުއްދަތު ނުޖަހާ ހުއްޓާ ބަންދުން ދޫވި މައްސަލާގައި ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރި އިރު، އޭނާ ހައްޔަރު ކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކޯޗުގެ ޕާސްޕޯޓު ހިފަހައްޓާ 30 ދުވަސްވަންދެން ރާއްޖެއިން ފުރުން މަނާކޮށްފައިވާތީ، އޭނާ އަދިވެސް ހުރީ ރާއްޖޭގައި ކަމަށާއި ޖިންސީ ފުރައްސާރައިގެ އެ މައްސަލަ އަދިވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރިތާ 24 ގަޑިއިރުގެ ތެރޭ ކޯޓަށް ހާޒިރު ނުކުރެވުމުން ކޯޓުން އޭނާ ދޫކޮށްލި މައްސަލަ އިދާރީގޮތުން ބަލަމުންދާ ކަމަށާއި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންތައް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ގައުމީ ކްރިކެޓު ޓީމުގެ ކޯޗަކަށް އާސިފް ޚާން ހަމަޖެއްސީ މިދިޔަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް