ވުލްވްސް އަތުން ބަލިވެ ސިޓީގެ ސީޒަން ގޯހުން ގޯހަށް

ވުލްވްސްގެ އެޑަމް ޓްރައޯރް ސިޓީ ކޮޅަށް ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// ގާއީ އެޓިކްސަން

އިނގިރޭސި ޕްރްމިއާ ލީގުގައި މިރޭ ވޮލްވާހަމްޓޮނާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ އެންމެ ފަހުން ދެ ސީޒަނުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ތަށި މިލްކު ކުރުމަށް ކުރަމުން އަންނަ އުންމީދުތަކަށް ހުރަސް އެޅިއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން ވުލްވްސް ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާއާ އެކު ސިޓީއާއި، އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު ވަނީ އަށް ޕޮއިންޓްގެ ބޮޑު ލީޑެއް ގާއިމު ވެފަ އެވެ. ސިޓީން ވަނީ މި ސީޒަނުގައި ލީގުގެ ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރު ވެފަ އެވެ. އެ ޓީމާއި އެންމެ ވާދަވެރި ލިވަޕޫލް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފަ އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފިޔަވާ އެހެން ހުރިހާ މުބާރާތެއްގެ ތަށި އުފުލާލި ސިޓީ މިއަހަރުގެ ސީޒަނާއި ކުރިމަތިލީ ހަމަ ކުރީ ސީޒަނުގެ ސްކޮޑާ އެކު މާބޮޑު ބަދަލުތަކެއް ނެތި އެވެ. ނަމަވެސް މި ސީޒަނުގައި އެ ޓީމުން މިހާތަނަށް ވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

މިއަދުގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެ ޓީމުން މެޗުގައި ގިނަ ހަމަލާތަކެއް އުފެެއްދި އިރު ވުލްވްސްގެ ޑިފެންސުން ވަނީ އެ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވުލްވްސް އިން މެޗުގައި ޖެހި ދެ ގޯލު ވެސް ޖެހީ ފަހު ހާފު ނިމެން ދަނިކޮށް އެޑަމް ޓްރައޯރް އެވެ. އޭނާ ގޯލުތައް ޖެހީ 80 ވަނަ މިނެޓާއި 90 ވަނަ މިނެޓުގަ އެވެ.

މިރޭގެ މެޗުން ބަލިވި ސިޓީ އަދިވެސް ތާވަލުގެ ދެވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. ނަމަވެސް މިއަދު ހަމަ އެވަގުތު ކުޅުނު މެޗުން އާސެނަލް ވަނީ ބޯންމައުތް ބަލިކޮށް ސިޓީގެ ފަހަތުގައި ވިއްދާފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން އެ ޓީމު ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު އެ ޓީމު ތިންވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. އެ ޓީމުން މެޗުގައި ޖެހި ހަމަ އެކަނި ގޯލު ފުރަތަމަ ހާފުގެ ނުވަ ވަނަ މިނަޓުގައި ޖަހައިދިނީ މި ސީޒަނަށް އަލަށް ގުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެވެ.

މީގެ އިތުރުން ޒުވާން ސްކޮޑަކާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީން ވަނީ މިރޭ ސައުތަމްޓޮންއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޗެލްސީ މޮޅުވީ 1-4 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެ ޓީމަށް މިއަދުގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޓެމީ އަބްރަހަމް އާއި މޭސަން މައުންޓް އަދި އެންގޯލޯ ކާންޓޭގެ އިތުރުން މިޗީ ބަޓްޝުއާއީ އެވެ. ސައުތަމްޓޮނުން މެޗުގައި ޖެހިި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޑެނީ އިންގްސް އެވެ.

comment ކޮމެންޓް