ބޮޑުފޮޅުދޫގެ ތަރައްގީއަށް ބޭނުންވާ ކަންތައް ރައީސާ ހިއްސާކޮށްފި

ރައީސް ސޯލިހު ބޮޑުފުޅަދޫ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ ރައީސް އޮފީސް

އއ. ބޮޑުފޮޅުދޫގެ ތަރައްގީއަށް ބޭނުންވާ ކަންތައް އަވަސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެ ރަށު ކައުންސިލުން އެދެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބޮޑުފުޅަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ޕްރޮޖެކްޓުތަކާއި ހިދުމަތްތައް ރަނގަޅުކުރުމަށް ރައީސް އަރިހު އެދިފައެވެ.

އެގޮތުން ރަށުގެ ފެނާއި ނަރުދަމާ މަޝްރޫއު އަވަސްކޮށްދިނުމަށާއި ރަށުގެ ބިންހިއްކުމުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތާއި އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސް އަރިހު ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ބޭނުންވާ ބައެއް ހިދުމަތްތަކާއި ވަސީލަތްތައް ގާއިމްކޮށްދިނުމަށްވެސް ކައުންސިލުން ވަނީ ރައީސް އަރިހު އެދިފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރައްވައިފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިދާނެ މަޝްރޫއުތަކާއި ބެހޭ މަޝްވަރާކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީހުތައް ރައީސް ވަނީ ބޮޑުފޮޅުދޫ ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ.

ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި އިތުރުކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް