ގއ. ވިލިނގިލީ ގޮނޑުދޮށުން 100 އެއްހާ ބަސްތާ ވެލި ނެގި މައްސަލައެއް ބަލަނީ

ގއ. ވިލިގިލީ ގޮނޑުދޮށުން ވެލި ނަގަނީ -- ފޮޓޯ/ ޕޮލިސް

ގއ. ވިލިނގިލީ ގޮނޑުދޮށުން 100 އެއްހާ ވެލި ބަސްތާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ރަށުގެ ގޮނޑުދޮށުން ވެލި ނެގުމުގެ ދެ މައްސަލައެއް ވިލިނގިލިން އެ މުއައްސަސާއަށް ހުށަހެޅި ކަމަށެވެ. އަދި އެ ދެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލައަކީ، އިއްޔެ އެ ރަށު އިބްރާހިމް މުހައްމަދު ކަލޭފާނުމަގު ގޮނޑުދޮށުން ޖުމްލަ 61 ބަސްތާ ވެލި ނެގި މައްސަލައެކެވެ. އަދި ދެވަނަ އަށް ހުށަހަޅާފައި ވަނީ، މިއަދު ރަށުގެ ކުނިކޮށްޓާ ދިމާ ގޮނޑުދޮށުން 100 ބަސްތާ ވެލި ނެގުމުގެ މައްސަލައެކެވެ.

ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އަދި އެހެނިހެން ބޭނުންތަކަށް ވެސް ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ، "ރާއްޖޭގެ މީހުން އުޅޭ ރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބެހޭ ގާނޫން" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ގަވައިދު" އާއި "ދިވެހި ރާއްޖޭގެ ރަށްރަށުނާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭ އިން ހުއްދަ ދީފައިވާ ތަންތަނުން ކަމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

ފުލުހުން ބުނީ، އުސޫލުތަކާ ހީލާފަށް ގަލާއި ވެއްޔާ އަކިރި ނަގާ ފަރާތްތަކުގެ މައްސަލަ އީޕީއެ އާ ގުޅިގެން ބަލައި އަޅަން ޖެހޭ ފިޔަވަޅޫތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ގއ. ވިލިނގިލީގައި ހާމަކަން ބޮޑު ގޮތެއްގައި ގޮނޑު ދޮށުން ވެލި ނެގުމަކީ، އާންމު ކަމެކެވެ.

comment ކޮމެންޓް