ފަންނު އެކްސްޕޯގައި ހިލޭ ސްޓޯލް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފި

"ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން ނެޝަނަލް އާޓް ގެލަރީގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ކަމަށްވާ "ފަންނު އެކްސްޕޯ"ގައި ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ސްޓޯލްތައް އޮޕަރޭޓުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޑް (އެމްއައިޑީ) އިން ބާއްވާ އެކްސްޕޯގައި ސްޓޯލުތައް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެގޮތަކަށް ކުރިމަތިލެވޭނެއެވެ. އެއީ އޮންލައިން ލިންކް ބޭނުންކޮށްގެން އަދި އެޕްލިކޭޝަން ހުށަހަޅައިގެންނެވެ. އެޕްލިކޭޝަން ހުށަހަޅާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އަށެވެ.

ބީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 އިން ފެށިގެން 28 އަށެވެ. އަދި އެ އެކްސްޕޯ ކުރިއަށްދާނީ ދަރުބާރުގޭގައި ކަމަށްވެސް ބީސީސިން ބުންޏެވެ.

ބީސީސީން ބުނީ މައުރަޒު ބާއްވާ ސަރަހައްދުގެ ޑިޒައިނާއި ކޮންސެޕްޓް މިހާރު ވަނީ އެމްއައިޑީން އެ ސެންޓަރާ ހަވާލުކޮށްފައި ކަމަށެވެ.

ފަންނު އެކްސްޕޯއަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް އުފެއްދުމެވެ.

އެ މައުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި، ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކާއި، ފެޝަން އެންޑް ޑިޒައިނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

މިއަންނަ މަހުގައި ފަންނު އެކްސްޕޯ ބާއްވާއިރު މިދިޔަ މަހުގެ 16 ގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އެ އެކްސްޕޯ ލޯންޗުކޮށްދެއްވާފަ އެވެ.

comment ކޮމެންޓް