ގްރަނާޑާ ބަލިކޮށް ރެއާލް އެއްވަނައިގައި ހަމަޖެހިލައިފި

ރެއާލް މެޑްރިިޑާއި ގްރަނާޑާ ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-4 ގެ ނަތިީޖާ އަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑް --- ފޮޓޯ// ޑެޔަން ކަލިނިޗް

ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ހަމަޖެހިލައިފި އެވެ.

ރެއާލްފެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން އެ ޓީމު ގްރަނާޑާގެ މައްޗަށް ކުރި ހޯދީ 2-4 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރެއާލް އެއްވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ރޭގެ މެޗުން ބަލިވި ގްރަނާޑާ 14 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި ހަމަ އެވަރަށް ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުރިމަތިވި ބޮޑު ނާކާމީޔާބީއާ އެކު ޓީމަށް ބޮޑު ބަދަލުތަކެއް ގެނެސް މިފަހަރުގެ ލީގާއި އެ ޓީމުން ކުރިމަތިލި އިރު އެ ޓީމުގެ ތާރީހުގައި ވެސް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ، އެޑެން ހަޒާޑް ވަނީ ރޭގެ މެޗުގައި އޭނަގެ ފުރަތަމަ ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ. އިނގިރޭސި ވިލާތުގެ ޗެލްސީއަށް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު ހަޒާޑް ރެއާލަށް މި ސީޒަނުގައި ބަދަލުވި ނަމަވެސް އޭނާއަށް އަދި ވަނީ އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.

ރޭގެ މެޗުގައި ރެއާލުން ޖެހި ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފޯވަޑް ކަރިމް ބެންޒޭމާ އެވެ. ބެންޒެމާ ލަނޑު ޖެހީ ވޭލްސްގެ ގެރެތު ބޭލް ދިން ޕާހަކުންނެވެ. ދެ ވަނަ ލަނޑު ހަޒާޑް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިޑްފިލްޑާ ފޭޑޭ ވަލްވޭޑޭ ދިން ބޯޅަ ހަޒާޑު ގޯލުގެ ތެރެއަށް ވައްދާލީ ގްރަނާޑާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯ މަތިންނެވެ.

ދެވަނަ ހާފު ފެށިގެން ރެއާލުން ވަނީ އަނެއްކާ ވެސް އިތުރު ގޯލެއް ޖަހައިފަ އެވެ. އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލޫކާ މޮޑްރިޗް ޖަހައިދިން އެ ގޯލާ އެކު ގްރަނާޑާއިން ވަނީ ކުޅުން ރަނގަޅުކޮށް މަތިމައްޗަށް ދެ ގޯލު ޖަހައި އުންމީދު އައު ކޮށްފަ އެވެ.

ދެ ގޯލު ޖެހުމަށްފަހު މެޗުން އެއް ޕޮއިންޓް ނަމަވެސް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ގްރަނާޑާގެ އުންމީދުތައް ފުނޑުފުނޑު ވެގެން ދިޔައީ މެޗު ނިމެން ދަނިކޮށް ހަމޭޒް ރޮޑްރިގުއޭޒް ރެއާލަށް ޖަހައިދިން ގޯލުންނެވެ. ލޯނު އެއްބަސް ވުމެއްގެ ދަށުން ވޭތުވެ ދިޔަ ދެ ސީޒަން ބަޔާން މިއުނަކަށް ކުޅުނު ހަމޭޒް ރޭ ޖަހައިދިން ގޯލަކީ އޭނާ ރެއާލަށް އަނބުރާ އައި ފަހުން ޖެހި ފުރަތަމަ ގޯލެވެ.

comment ކޮމެންޓް