އެމްޑީއެންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: ފުލުހުން

އޮކްޓޯބަރ 2، 2019: ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން)އިން އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ، 2015 ވަނަ އަހަރު ޝާއިއު ކުރި ރިޕޯޓުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ދީނާ ދެކޮޅު ވާހަކަތަކެއް ހިމެނޭ އެމްޑީއެންގެ ރިޕޯޓުގެ މައްސަލައާ ގުޅޭ ގޮތުން މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ ރިޕޯޓާ ގުޅޭ މައްސަލައެއް މި މަހުގެ ތިން ވަނަ ދުވަހު އާންމު ފަރާތަކުން ހުށަހެޅުުމުން އެ މައްސަލަ ބަލަން ނިންމާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީއިންވެސް ހަމަ އެ މައްސަލަ އެ ދުވަހު ހުށަހަޅާފައިވާ ކަަމެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި އެމްޑީއެންގެ މައްސަލައިގައިވެސް ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން މި މައްސަލައާ ގުޅިގެންވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅޭ ތަހުގީގު ހިނގަމުންދާކަމުގެ މައުލޫމާތު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ދީނަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ދިވެހީންގެ އެއްބައިވަންތަކަމާއި މުޖުތަމައުގެ މަސަލަސްކަމާ ގުޅިފައިވާ ކަންތައްތައް ކަމުން، އެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަަދަ އަމަލެއްކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

"ހާއްސަކޮށް، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުމާއި ނަފުރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި، ދިވެހި ރައްޔިތުންގެ ދީނީ އަދި ގައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވަމެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި މި ސާވިސްއިން އެއްވެސް ފަސްޖެހުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތު ރައްޔިތުންނަށް އަރުވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މައްސަލަ ބޮޑުވެގެން އުޅޭ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް 2015 ވަނަ އަހަރު ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާ ހިލާފު ވާހަކަތައް ހުއްޓެވެ.

އެ ރިޕޯޓުގެ މައްސަލައާ ގުޅިގެން ރާއްޖޭގެ ނަން މަޝްހޫރު ދީނީ އިލްމުވެރިން ވަނީ އެއްވެ ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން މަޝްވަރާކޮށްފައެވެ. އެފަދަ ބައްދަލުވުމެއް އިސްލާމިކް މިނިސްޓްރީއާ އެކުވެސް މިއަދު ވަނީ ބާއްވާފައެވެ.

ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.

comment ކޮމެންޓް