އުތުރުކޮރެއާގެ ނިއުކްލިޔާ ވާހަކަތައް ސްޓޮކްހޮމްގައި ފަށައިފި

ސްޓޮކްހޯމް (އޮކްޓޯބަރ 5): އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭ ވާހަކަތައް ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ފަށައިފިއެވެ.

ސްޓޮކްހޯމްގެ ކައިރީގައިވާ ކޮންވެންޝަން ސެންޓަރެއްގައި އެމެރިކާއާއި އުތުރު ކޮރެއާގެ މަސްއޫލުވެރިން މަޝްވަރާތައް ކުރިޔަށްގެންދަވަނީ އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔައަހަރުގެ ޖުލައިމަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުން ސިންގަޕޫރުގައި އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކާބެހޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވާހަކަތައް ފެށުމުގެކުރިން ސްވިޑްންގެ ފުލުހުންވަނީ އެސަރަހައްދަށް ދާ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. ބޯލްޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ލިޑްންޖޫ ޖަޒީރާގައިވާ އެ ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ވަފްދުގެ ވެރިއަކީ އެމެރިކާއިން އުތުރުކޮރެއާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވަން ޕިޖަންއެވެ. އުތުރުކޮރެޔާގެ ވަފްދުގެ ވެރިއަކަށް ހުންނެވީ ކިމް މިޔޮންގް ޖިލް އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ސްޓޮކްހޮމްގައި ފެށި އެމެރިކާއާއި އުތުރު ކޮރެއާ ގެ ވާހަކަތަކުގައި އެމެރިކާއިން އައު ފިކުރުތައް ހުށަހަޅާނެކަމަށާ އެ ފިކުރުތަކުގެ އަލީގައި އުތުރުކޮރެޔާއިންވެސް ވާހަކަތައް ކުރިޔަށްގެންގޮސް ރަނގަނޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭގޮތުން އެދެގައުމުގެ މަސްއޫލުވެރިން އެކި ފަހަރުމަތިން ބައްދަލުކުރައްވާފައިވީނަމަވެސް އެވާހަކަތަކަށް ކުރިއެރުން ލިބިފައިނުވަނީ އުތުރުކޮރެއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެމެރިކާ ގެ މަސްއޫލުވެރިން ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ. އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެމެރިކާގެ ހަރުކަށި ވިސްނުމުގެ މަސްއޫލުވެރިޔާ ޖޯން ބޯލްޓަން ދާދިފަހުންވަނީ މަގާމުން ވަކިކުރައްޥާފައެވެ. މިއާއެކު އެމެރިކާ އުތުރުކޮރެއާމެދު ގެންގުޅޭ ހަރުކަށި ސްޓޭންޑަށް ލުއިކަމެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ.

އެމެރިކާއާއި އުތުރު ކޮރެއާއާގެ ވާހަކަތަކުގެ އަމާޒަކީ އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. މީގެއިތުރުން އުތުރުކޮރެއާ އިގްތިސާދީ ގޮތުން ކުރިޔަށްދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިމޮކްރަސީގެ ނަމުގައި އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތްކޮށް އުތުރުކޮރެއާގައި ހަމަނުޖެހުންއުފައްދަން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އެމެރިކާ ދިނުމަކީވެސް މި ވާހަކަތަކުގެ ލަނޑު ދަނޑިއެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް