ކޯޗުގެ މައްސަލައިގައި ތުހުމަތުގެ އިނގިލިތައް ކްރިކެޓް ބޯޑާ ދިމާލަށް!

ގައުމީ ކްރިކެޓު ޓީމުގެ ކޯޗު އާސިފް ޙާން --

ގައުމީ ކްރިކެޓް ޓީމުގެ ކޯޗް އާސިފް ޚާން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލަ ފޮރުވައި، އޭނާ ފުރުވާލަން ކްރިކެޓު ބޯޑުން އުޅުނު ކަމަށް ގައުމީ ކްރިކެޓު ޓީމުގެ ކުޅުންތެރިން ތުހުމަތުކޮށްފި އެވެ.

ފުރަން ގޮސް ހުއްޓައި 46 އަހަރުގެ އާސިފް ޙާން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވެނީ 18 އަހަރުން ދަށުގެ ކުދިންތަކެއްގެ އިތުރުން 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓު ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނީ، ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު ކްރިކެޓު ބޯޑުން އާއްމުންނަށް ފޮރުވާލާފައިވާކަން ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޒުވާން ކްރިކެޓު ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ކްރިކެޓު ބޯޑުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް ކުޅުންތެރިން ބުނީ، އާސިފް ޙާންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނެސް އޭނާއަށް ފިލަން ސީދާކޮށް ނުވަތަ ނުސީދާކޮށް ކްރިކެޓު ބޯޑުން އެހީވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ކްރިކެޓު ބޯޑުން އަމަލުކޮށްފައިވާ ގޮތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނު ގެއްލުން ބޮޑުވެފައިވާ ކަމަށް ކުޅުންތެރިން ބުންޏެވެ. ކުޅުންތެރިން ގޮވާލާފައި ވަނީ ކްރިކެޓު ބޯޑުގެ މެމްބަރުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.

ކްރިކެޓުގެ އަސްލު އުސޫލުތައް އަލުން ގާއިމްކޮށް، ޒުވާން ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ތައްޔާރަށް ތިބި ކަމަށްވެސް ގައުމީ ކްރިކެޓު ޓީމުގެ ކުޅުންތެރިން ބުންޏެވެ.

ގައުމީ ކްރިކެޓު ޓީމުގެ ކޯޗަކަށް އާސިފް ޙާން ހަމަޖެއްސީ މިދިޔަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް