އދ. ގައި ތަގުރީރު ނުކުރެއްވި ސަބަބު ރައީސް ޔާމީން ހާމަކުރައްވައިފި

ސެޕްޓެމްބަރ 5، 2019: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި އދ.ގައި ތަގުރީރު ނުކުރެއްވީ ކީއްވެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އދ.ގައި ތަގުރީރު ކުރައްވާފައި ނުވެއެވެ. އެމަނިކުފާނުގެ ބަދަލުގައި ތަގުރީރު ކުރެއްވީ އެހެން ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫނާއި، ޑރ. މުހައްމަދު އާސިމްގެ އިތުރުން އެމެރިކާގައި ހުންނަވާ ދާއިމީ މަންދޫބުކަން ކުރެއްވި ޑރ. އަލީ ނަސީރު މުހައްމަދެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހިންމަފުށީގައި މިއަދު ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އދ.ގައި ތަގުރީރު ކުރެއްވީ އިނގިރޭސި ނުވަތަ ދިވެހި ބަހުން ތަގުރީރު ކުރަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށެވެ. އަދި ތަގުރީރު ނުކުރެއްވީ އެކަމަށް ފުރުސަތު ލިބިވަޑައިނުގަތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އެމަނިކުފާނު ދޮގު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު އދ. ގެ އާންމު މަޖިލިހުގެ ޖަލްސާ ދިމާވީ ހައްޖު މޫސުމާ ކަމަށްވާތީ، އެމަނިކުފާނު އިސްކަން ދެއްވީ ހައްޖަށް ވަޑައިގަތުމަށް ކަމަށެވެ. އަދި ޖެހިގެން އައި އަަހަރު އާންމު ޖަލްސާ ދިމާވީ މޭޑޭއާ ކަމުން، އެމަނިކުފާނު އިސްކަން ދެއްވީ ގައުމުގެ ދާހިލީކަންކަން ހަމައަކަށް އެޅުވުމަށް ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ އދ.ގެ ދަތުރު ދިމާވީ، އަޅުގަނޑުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ހައްޖު މޫސުމާ. އަޅުގަނޑަށް އިސްކަން ދެވުނީ ހައްޖަށް ދާން. ދެވަނައަށް އދ.ގެ ދައުރު ނުވަތަ އާންމު ޖަލްސާ ބައްދަލުވީ މޭޑޭ މުޒާހަރާއާ. މޭޑޭގެ މުޒާހަރާގައި ހިނގި ކަންތައްތައް ތިބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަންތައްތައް، އެގޮތަށް ދިމާވުމުން، އެކަމަނިކުފާނު ދެކެވަޑައިގެންނެވީ އދ. ގައި ތަގުރީރު ކުރެއްވުމަކީ ދެވަނައަށް ކުރައްވަން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އދ.އަށް ދިޔުމަކީ ދެވަނައަށް ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދުށީ. އަޅުގަނޑަށް ފުރަތަމަ މުހިންމުވީ ރާއްޖެ ހަމައަކަށް އެޅުވުމާއި، ރާއްޖޭގެ ރައްޔިތުން ކައިރީ ތިބެގެން ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އދ.އަށް ވަޑައިނުގެންނެވި ނަމަވެސް، ޗައިނާގައި އޮތް ބައްދަލުވުމެއްގައި އދ.ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުވި ކަމަށެވެ. އަދި އދ.ގައި ތަގުރީރު ކުރައްވައިގެން ނުދެއްކޭނެ އެތައް ވާހަކަތަކެއް ސެކްރެޓަރީ ޖެނެރަލްއާ އެކު ދެއްކެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޗައިނާގައި އަޅުގަނޑާ ބައްދަލުވި އދ.ގެ ސެކެޓްރީ ޖެނެރަލްއާ. އޭނާ އަޅުގަނޑާ މި ވާހަކަ ދެއްކެވި. އަދި ވަރަށް ގިނަ ވާހަކަ، އދ.އަށް ގޮސްގެން ތަގުރީރުކޮށް ނުދެކެވޭނެ އެތައް ވާހަކައެއް ވަން ޓު ވަން އަޅުގަނޑަށް ދެކެވުނު އޭނައާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ފިޔަވައި، ރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ވަނީ އދ. ގެ އާންމު ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. ރާއްޖޭގެ ރައީސަކު އދ.ގައި ތަގުރީރު ނުކުރައްވަތާ ހަތް އަަހަރު ފަހުން، މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ، އދ.ގެ 74 ވަނަ އާންމު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އދ.ގައި ތަގުރީރު ކުރެއްވީ 2012 ވަނަ އަހަރު އެވެ. އޭރު ރައީސްކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

comment ކޮމެންޓް