މަމްސް އެކްސްޕޯ: އެތައް އަންހެނުންގެ ތަފާތު ހުނަރު!

މަމްސް އެކްސްޕޯގައި މަންމައަކު އޭނާގެ ދަރިފުޅު ގޮވައިން ވިޔަފާރި އިޝްތިހާރުކުރަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

އަންހެން ވިޔަފާރިވެރީންނާއި އަންހެން ފަންނުވެރީން އަންނަނީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއޮތީ އެ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ފަހިވެފައެވެ. މަމްސް އެންޖީއޯއިން ވަނީ އަންހެނުންނަށް ހާއްސަ މަމްސް އެކްސްޕޯ އިއްޔެ ފަށާފައެވެ. އެއާއެކު ތަފާތު އެކި ހުނަރުތަކުގެ އަންހެނުންނަށް އެ ފަރާތްތަކުންގެ ހުނަރު ދައްކާލުމަށް މިއޮތީ ވަރުގަދަ ޕްލެޓްފޯމެއް ލިބިފައެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި ދެ ދުވަހަށް ކުރިއަށް ގެންދާ މި އެކްސްޕޯ އިއްޔެ އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ޖުމްލަ ހަތް ސްޓޯލް އާއެކު ކުރިއަށްދާ މަމްސް އެކްސްޕޯ އަކީ ހަމައެކަނި "މަމްސް"އަށް އެކަނި އޮތް އެކްސްޕޯއެއް ނޫނެވެ. މައިންގެ އިތުރުން ހުނަރުވެރި އަންހެނުންނާއި އެފަރާތްތަކުގެ ވިޔަފާރިތަކަށްވެސް މި އެކްސްޕޯ ވަނީ ހުޅުވާލާފައެވެ. އެ ފަރާތްތަކަށް އަމިއްލަ ހުނަރުވެރި މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު މި އެކްސްޕޯ މެދުވެރިކޮށް ލިބިގެންދާނެއެވެ.

މަމްސް އެކްސްޕޯގައި ތަފާތު ވައްތަރުގެ ގަސްތަކެއްގެ ވިޔަފާރި ދައްކާލަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

ރީތިކޮށް ތައްޔާރުކޮށްފައިވާ މީރު ފޮނި އެއްޗެހީން ފެށިގެން އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ހެދުމާ ހަމައަށް މި އެކްސްޕޯގެ ތަފާތު ސްޓޯލްތަކުން ފެނިގެންދާނެއެވެ.

އެތަނަށް ގޮސްފި ނަމަ ހުނަރުވެރި އަންހެނުންގެ ކުޅަދާނަކަން ފެނިފައި ހަމަ ގައިމުވެސް އާޝޯހުވާނެއެވެ. އަތުގައި ހީނާފަތްއަޅައިދޭ ޒުވާން އަންހެނުންގެ ހުނަރު ފެނިފައި އެތަނުން އަތުގައި ހީނާ ޑިޒައިންކޮށްލަން ބޭނުންވާނެއެވެ. އެތަނުން ނުކުތުމުގެ ކުރީން ހަމަ ގައިމުވެސް އެތަނުގައި ހުރި "ފުޑީސް" ސްޓޯލުން ނުވަތަ "ވިސްކް އެމްވީ" ސްޓޯލުން ފޮނިއެއްޗެއް ގަނެލަން ބޭނުންވާނެއެވެ.

އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ކުޑަކުދިންނަށް ހާއްސަ ހެދުމާއި ފޮތިން ތައްޔާރުކޮށްފައިވާ ފޮތްތައްވެސް ހަމަ އެހާމެ ޗާލެވެ. މިއީ އެތައް ބައެއްގެ ބުރަ މަސައްކަތްތައް އާންމުންނަށް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ލިބިގެންދާ ފަހަރެކެވެ.

ޝަޒްލާ ވޫލް ބޭނުންކޮށްގެން ވިޔެފައިވާ ތަފާތު ހެދުން ފަދަ ތަކެތި އެކްސްޕޯގައި ދައްކާލަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

ކުޑަކުދީންނަށް ހާއްސަ ތަކެތި ތައްޔާރުކުރާ އެއްޗެހި ބަހައްޓާފައިވާ ސްޓޯލެއް އެތަނުގައި އެބަހުއްޓެވެ. "ޔުނިކޯ" ނަމަކަށް ކިޔާ ވިޔަފާރި ފަށައިގެން އުޅެނީ ޒުވާން މަންމައެކެވެ. އިންޓަނެޓްގައި ވިޔަފާރި ކުރާ މަންމަ އައިމިނަތު ޝަޒްލާ މިއަދު "ސަން" އަށް ކިޔައިދިނީ އޭނާގެ މަސައްކަތް ފެށުނީ ބަނޑުބޮޑުއިރު ކަމަށެވެ.

"ދެން އެދުވަސްކޮޅު ގޭގައި ކަމެއް ނެތިފައި ހުންނާތީ އަމިއްލައަށް ފެށި މަސައްކަތެއް މިއީ،" ޝަޒްލާ ބުންޏެވެ.

ކުޑަކުދިންގެ އެކި ކަހަލަ އެއްޗެހި އޭނާ އަތުން ވިޔެ ވިޔަފާރިއެއް ވަނީ ފަށާފައެވެ. ހެދުމުން ފެށިގެން ބޮލުގެ ތޮތްޕައް ދަންދެން އޭނާ ވަނީ ވޫލުން ވިޔެ ބޮޑު ކަލެކްޝަނެއް ހަދާފައެވެ.

ޔުނިކޯގެ ޝްޒްލާ "ސަން" އަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

މިފަދަ އެކްސްޕޯއަކީ އަންހެނުންނަށް ވަރަށް ހާއްސަ އެއްޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން ވިޔަފާރި ކުރިއަރުވަން ބޭނުންވާ އަންހެނުންނަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަކޮށް އޭނާ ބުނީ މިއީ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ. އަދި އެކްސްޕޯގެ ސަބަބުން ވަރަށް ބޮޑު އެކްސްްޕޯއެއް ލިބިގެންދިޔަ ކަމަށް ޝަޒްލާ ބުންޏެވެ.

އިތުރު ސްޓޯލެއްގައި ހަރަކާތްތެރިވަމުން ދިޔަ ޒުވާނަކު ކިޔައިދިން ގޮތުގައި މިއީ ސޯޝަލް މީޑިއާގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފުރުސަތެކެވެ. އެގޮތުން އާންމުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިޔަފާރި ނުކުރާ ފަރާތްތަކަށް އެ ވިޔަފާރިތައް އިޝްތިހާރުކުރުމުގެ ފުރުސަތު އެކްސްޕޯ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އެކްސްޕޯގައި ފޮނި އެއްޗެހި ވިއްކާ ސްޓޯލެއް --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

އެކްސްޕޯގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި އެކްސްޕޯޜާ ލިބިގެން ދިޔަ ކަމަށް ގިނަ ސްޓޯލްތަކުން ބުނެއެވެ. އަދި އެއީ ވިޔަފާރި އިތުރަށް ކުރިއަރައިގެން ދާނެ ކަމެއް ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

comment ކޮމެންޓް