މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ދަނީ މިރޭ.... މާދަން އަންނާނަން" ނަވީން އިބާއަށް ބަލާލާ ހިނިތުންވެލިއެވެ. އޭނާ ފަހު ފަހަރަށް މަންމަގެ ހާލެއްވެސް ބަލާލިއެވެ. ނަވީން ނުކުމެގެން ދިޔައެވެ. އެއާއެކު އިބާވެސް ސޯފާ މަތީގައި ބަހައްޓާލެވިފައިވާ ކުޝަންތައް ރީތިކޮށްލާފައި ޓީވީ ރިމޯޓް ވެއްޓިފައި އޮތީތީ އެ ނަގަން ކުޑަކޮށް ގުދުވެލިއެވެ. އެއާއެކު އަނެއްފަރާތުގައި ކޮންމެވެސް އެއްޗެއް ވެއްޓިފައި އޮތްތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ރިމޯޓް ނަގާ މޭޒުމަތީ ބޭއްވުމަށްފަހު އަނެއްފަރާތުން ގޮސް ވެއްޓިފައި އޮތް ފޮޓޯގަނޑު އޭނާ ނެގިއެވެ. އެއަށްފަހު އެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކުޑަކޮށް ބިރުގަތެވެ. އަތުން ދޫވެގެން އެ ފޮޓޯގަނޑު ވެއްޓުނުއިރު އިބާގެ ދުލުން ކޮންމެވެސް އެއްޗެއް ބޭރުވާން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް ލިބުނު ޝޮކުގެ ސަބަބުން އޭނާގެ ބަސް ހުއްޓުނެވެ. އަދިވެސް އެއްފަހަރު ވެއްޓިފައިވާ ފޮޓޯގަނޑަށް ބަލާލުމަށްފަހު އޭނާ ދެ ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

"ކާކު އެއްޗެއް؟" މަޑުމަޑުން އިބާއަށް ބުނެލެވުނެވެ.

އަނެއްކާވެސް ފޮޓޯގަނޑާ ކައިރިވެލާ އޭނާ ފޮޓޯ ގަނޑު ނަގަމުން އެއަށް ބަލާލިއެވެ. އެރޭގެ ހަނދާންތައް އަނެއްކާވެސް އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔައެވެ. ކުރިމަތިން ފެންނަމުންދާ ފޮޓޯ ގަނޑުގައި ކުޑަ ފިރިހެން ކުއްޖަކާއެކު ހުރި މީހާ އަކީ މީހެއްގެ ގާތިލެކެވެ. ހުއްޓުން އަރާފައި ހުއްޓާ ކުއްލިއަކަށް ގޭގެ ދޮރު ހުޅުވާލި އަޑަށް ސިހިފައި އިބާއަށް ދޮރާ ދިމާލަށް ބަލާލެވުނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީ އަދިވެސް ލިބުނު ޝޮކު ފިލައިގެން ނުދާތީއެވެ.

"އިބާ ކިހިނެތްވީ؟" ނަވީން އިބާއާއި ސުވާލުކޮށްލިއެވެ.

އަތުގައި އޮތް ފޮޓޯ ގަނޑަށް ބަލާލުމަށްފަހު އިބާ އަނެއްފަހަރު ނަވީންއަށް ބަލާލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިނަމަވެސް އަޑެއް ނުނިކުތެވެ. މިގޭތެރެއަށް ވަނީ ނަވީންގެ އިތުރުން އާހިލްއާއި ރާފިހްއެވެ. އެހެންވެއްޖެނަމަ މި ވާނީ އެ ތިން މީހުން ތެރެއިން ކޮންމެވެސް އެކެއްގެ އެއްޗަކަށެވެ. އެއީ ނަވީން ގެންގުޅޭ އެއްޗެއް ނޫންކަން އިބާއަށް އެނގެއެވެ. އެހެނީ އެމީހަކީ އެ އަމަލުގައި ބައިވެރިވި ބޮޑެއްކަމެއް ނަވީންއަކަށް ނޭނގޭނެއެވެ. އެހެންވެއްޖެނަމަ އެ ފޮޓޯ ގަނޑު ނަވީން ގެންގުޅުމުގެ ބޭނުމެއްވެސް ނެތްތާއެވެ.

"އިބާ" އިބާ ހުރި ގޮތުން އިބާ އާއި ދާދި ގާތަށް އައިސް އިބާގެ ދެ ކޮނޑުގައި ހިފަމުން ނަވީން ވާހަކަ ދެއްކިއެވެ. އެއާއެކު އިބާ ސިހިފައި ނަވީންގެ ދެލޮލަށް ބަލާލިއެވެ. އަތުގައި އޮތް ފޮޓޯގަނޑު ނަވީންއަށް ދިއްކޮށްލަމުން އޭނާ ހިންދިރުވާލިއެވެ.

"މީ ކޯންޗެއް؟" ނަވީން ފޮޓޯގަނޑަށް ބަލާލާފައި އަހާލިއެވެ.

"ތީ... ތީ... އެރޭ..." އިބާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ކޮން ރެއެއް އިބާ...؟" ނަވީން ބުމަ އަރުވާލަމުން ވާހަކަ ދެއްކުމަށް އިޝާރާތް ކުރިއެވެ. މަޑުމަޑުން އިބާ އެއީ ކާކުކަން ނަވީންއަށް ކިޔައިދިނެވެ. ނަވީންގެ މޫނުމަތީގެ ކުލަވަރުވެސް އެކީ ބަދަލުވިއެވެ. އޭނާ އިބާއަށް ބަލާލުމަށްފަހު ވާހަކަދެއްކިއެވެ.

"މާދަން އަންނާނަން އިނގޭ އިބާ... ކޮބާތަ އަހަރެންގެ އަޅި ކުލައިގެ ކޯޓް... އެ ކޯޓް ބަލާ މި އެރީ..." ނަވީން އިބާގާތު އެކަމާ ނުވިސްނަން ބުނެފައި ސުވާލުކޮށްލިއެވެ. ނަވީން ގާތު މަޑުކޮށްލަން ބުނެފައި އިބާ ކޮޓަރިއަށް ވަދެ އެ ކޯޓް ހިފައިގެން އައިސް ނަވީން އަތަށް ދިނެވެ. އިބާގެ ކޯތާފަތުގައި އަތް ޖައްސާލުމަށްފަހު ނަވީން ގޮސް ގޭން ނުކުތެވެ. އިބާގެ ގާތުގައި ކިތަންމެ ހަމަޖެހިގެން ހުއްޓަސް ނުކުތުމާއެކު އޭނާގެ ދެބުމަ ވެސް ގާތް ވެއްޖެއެވެ. އަތް މުށްކެވިއްޖެއެވެ. އެއީ ހަމަ ގައިމުވެސް އާހިލްގެ ބައްޕައެއް ނޫނެވެ. އެހެންވެއްޖެނަމަ އެއީ ރާފިހްގެ ބައްޕަހެއްޔެވެ؟ ވިސްނިވަރަކަށް ޕަޒުލްއެއްގެ އެތިކޮޅުތައް ގުޅެމުން ދިޔަފަދައަކުން އައިސް އޭނާގެ ސިކުނޑީގައި ވެސް މަންޒަރެއް ކުރެހިއްޖެއެވެ. ޔާސިރު އާއި ހާދީއާއި ޝަކީބުއަކީވެސް އެ ނުބައި އަމަލް ހިންގުމުގައި އިސްކޮށް ތިބި ތިންމީހުންނެވެ. ހާދީ މަރާލުމުގައި ޔާސިރުގެ އަތެއް ވާނަމަ އޭގެ މާނައަކީ މާހިރާ މަރާލުމަށްފަހު އެ ދެމެދުގައި ދެކޮޅު ވެރިކަމެއް އުފެދުނު ކަމެވެ. އަދި އެ ދެކޮޅު ވެރިކަމުގެ ސަބަބުން އެމީހުންނަށް ހާދީވެސް މަރާލަން މަޖުބޫރުވީއެވެ. މި ވަގުތު އޭނާ ބޭނުންވަނީ ރާފިހް ގާތަށް ދާށެވެ. ސިކުނޑިން ވިސްނައިދޭ އެއްޗެހިވެސް ގަބޫލް ކުރަންވާނީ ފުރިހަމައަށް ހަޤީގަތް އެނގިގެންނެވެ. ލޮލަށް ފެންނަ އެންމެ މަންޒަރަކުން ހުރިހާކަމެއް ނިންމާކަށް ނުވާނެއެވެ. ކޮންމެވެސް ވަރަކަށް ނުތަނަވަސް ކަންވެސް އުފެދުނެވެ. ކާރަށް އެރުމަށްފަހުވެސް އެތައް އިރަކު އޭނާ ވިސްނަން އިނެވެ. އެންމެ ފަހުން ގޮތެއް ނިންމާ އޭނާ ރާފިހް މެންގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އާދަޔާ ހިލާފަށް އޭނާގެ މޭގަނޑު ވެސް ތެޅެމުން ދިޔައެވެ. ދެއަތަށް މަޑު ތުރު ތުރު އެޅުމެއް ވެރިވިއެވެ. ހާދީ އަށް އިންސާފު ހޯދައިދިނުމަށް ނޭނގި އޭނާ ރާފިހް އާއެކު އެއްބަސް ވެވުނު ނަމަވެސް މަންމަގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭ އެކަކީ އެއީ ކަމަށް ވާނަމަ އޭނާ އެހީތެރިކަން ފޯރުކޮށްދޭނީވެސް ކިހިނަކުންހެއްޔެވެ؟ ދުނިޔޭގައި ނެތަސް ހާދީއަކީ ވެސް ޔާސިރުމެން ފަދަ ނުބައި މީހެއްތާއެވެ.

ރާފިހް މެންގެއަށް އައިސް އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރޭން ނިކަންއަވަހަށް ރާފިހް ދޮރުވެސް ހުޅުވާލިއެވެ.

"ނަވީން... ކިހިނެތްވީ؟" ރާފިހް ސުވާލުކޮށްލިއިރު އެ އަޑުގައި ހައިރާންކަން ވިއެވެ.

"އިޒް ދިސް ޔޯޒް؟" ޖީބުން ނެގި ފޮޓޯގަނޑު ރާފިހްއަށް ދައްކާލަމުން ނަވީން ސުވާލުކޮށްލިއެވެ. އެއާއެކު ރާފިހް އެ ފޮޓޯގަނޑަށް ބަލާލަމުން ބޯ ޖަހާލިއެވެ.

"އަހަރެންގެ ބައްޕަ ތިއީ" ރާފިހް ޖަވާބުދިނެވެ. އެއަށްފަހު އޭނާ ވޮލެޓް ހުޅުވާލާ ބަލާލިއެވެ.

"ވެދާނެ ވޮލެޓް ހުޅުވާލި ގަނޑީގަ ވެއްޓުނީ ކަމަށް... ގޭތެރޭގަ ދޯ އޮތީ...... އެކަމަކު ތި ދޭންތަ މިއޮތް ފަދަ ގަޑީގަ ތިއައީ... ގުޅާލާފަ ބުނެލިނަމަވެސް..." ފޮޓޯ ގަނޑު ނަވީން އަތުން ނަގަމުން ރާފިހް ވާހަކަ ދެއްކިއެވެ. އެއާއެކު ނަވީން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެ ވާހަކަ ރާފިހް ގާތު ބުނަން ވީ ހެއްޔެވެ؟ ރާފިހް ގަބޫލު ނުކޮށްފިނަމަ ދެން ވާނީ ކިހިނެތްހެއްޔެވެ؟އެ ދެމެދުގައި އޮތް އެކުވެރިކަން ވެސް ފުނޑު ފުނޑު ވާނީއެވެ.

ދެ ވިސްނުމެއްގައި ހުރެފައި އޭނާ ރާފިހްއަށް ބަލާލާ ހިނިތުންވެލިއެވެ. ކިތަންމެ ވަރަކަށް ހިތްއަވަސްވެފައި ހުރިނަމަވެސް އޭނާ ކެތްތެރިކަން އިސްކުރިއެވެ. ހާދީގެ ދަރިއަކަށް ރާފިހް ވީތީ ރާފިހް ދެކެވެސް ރުޅި އާދެވުނެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. ރާފިހް އަކީ އާހިލް ފަދައިން ތެދުވެރި ޒުވާނެއްކަން އޭނާއަށް އެނގެއެވެ. ތަފާތަކީ ރާފިހް އަކީ ކެތްތެރިކަން ކުޑަ ޒުވާނަކަށް ވުން އެކަންޏެވެ. ވީހާވެސް އަވަހަށް ކަންތައްތައް ނިންމަން ބޭނުންވާ މީހަކަށް ވުމެވެ.

*****

ލަކްޝް އިނީ އޭނާގެ މޭޒު ދޮށުގައި އިށީނދެގެންނެވެ.

"މި ނަންބަރަރަށް ގުޅެނީއެއްނޫން... އެންމެ ފަހު ވަގަތު ކަލޭ އައިސް އެހެން ބުނަން ޖެހުނު ސަބަބަކީ މި ވީޑިއޯ ކަމަށް ވަންޏާ އެބަޖެހޭ މި ނެގި މީހަކުވެސް ހޯދަން... އެމީހަކު ވާނީ މިތާ އެތެރޭގަ... " ލަކްޝް ވާހަކަދެއްކީ އޭނާގެ ސެކެޓްރީއާއެވެ. ޔާސިރު އޭނާއާއި ދިމާކުރި ދުވަސްމަތިން އޭނާ ހަނދާންކުރިއެވެ. ނަވީންގެ ވާހަކަ ބުނަން އުޅެނިކޮށް އެވަގުތު އެތަނަށް ވަދެ އެކަމަށް ހުރަސް އެޅީ އޭނާގެ ސެކެޓްރީއެވެ.

"މާހިރާ އަމިއްލައަށް ފިލީ... އެއްވެސް މީހެއް ނޫން... އަހަރެމެން އޭނާ ހޯދަން ކެނޑި ނޭޅި އެބަ މަސައްކަތް ކުރަން... އަދި ކުރިއެރުމެއް ނުލިބޭ!" ލަކްޝް ސަލާމަތް ކުރަން އޭނާގެ ސެކެޓްރީ ޔާސިރު އާ ދެއްކި ވާހަކަތައް ހަނދާންވުމާއެކު އޭނާ ބޮލުގައި އަތް އަޅާލިއެވެ. އަދި އަނެއްކާވެސް އެ ވީޑިއޯ ޕްލޭ ކޮށްލިއެވެ. އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެ ވީޑިއޯ ފޮނުވި މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އެމީހުން ދެމީހުން ދެއްކި ވާހަކަތަކުގެ ވީޑިއޯއާއެކު މާހިރާއަށް އަނިޔާ ކުރާ ވީޑިއޯއެކެވެ. އެ ފޮނުވި މީހާ ބުނީ މާހިރާގެ ހަޤީގަތް ކިޔައިދީފިއްޔާ ފުލުހުންނާ އެ ހަވާލުކުރާނެކަމުގައެވެ. އެހެންވެއްޖެނަމަ އެމީހުން ވެސް ބެދޭނެއެވެ. ގާތް ގަނޑަކަށް އެއީ ނަވީންގެ އަމަލެއްކަން އެމީހުން ޔަގީން ކުރެވުނަސް އަދިވެސް އެކަމުގައި ނަވީންއާއެކު އެތަނުން ބައިވެރިވާ މީހަކު އެމީހުންނަކަށް ނުހޯދެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ. އެމީހަކު ހޯދިއްޖެނަމަ ދެން ކަންތައް ގެންދަން ޖެހޭ ގޮތްވެސް އެނގޭނެއެވެ. މާހިރާ އަމިއްލައަށް ފިލީއޭ ބުނުމުން ޔާސިރުއަށް އެކަން ގަބޫލު ނުކުރެވޭނޭ ކަންވެސް ލަކްޝްއަށް އެނގެއެވެ. ސަބަބަކީ މާހިރާ އަކީ ރަނގަޅަށް ހިނގާވެސް ލެވޭ މީހެއް ނޫންކަން ޔާސިރުއަށް އެނގޭތީއެވެ. ކޮންމެވެސް އެއްކޮޅެއްގައި މިކަންތައް ޖައްސަން އެބަޖެހެއެވެ. ލާރިއާއިގެން މޮޔަވެގެން އުޅުމުގެ ނަތީޖާ ހިއްޗެވެ. މިހާރު އެތިބީ ޔާސިރުއާއި ނަވީންއާއި ދެމީހުންގެ ދެމެދުގައި ހައްޔަރުވެފައިތާއެވެ.

*****

މަންމައާ މެދު ހުދު ނަވީންވެސް ކަންބޮޑުވަނީ އެހާ ވަރަށެވެ. ލަކްޝްމެންގެ ކަންތަން ބަލަން އެކޮޅުން އޭނާ ހަވާލުކޮށްފަ ހުންނަ މީހާ ބަރާބަރަށް އޭނާއަށް ހަބަރު ފޮނުވައެވެ. ލާރިތަކެއް ދިން ނަމަވެސް ލަކްޝް މެންނަށް އިތުބާރު ނުކުރެވޭތީ އޭނާ އެ ދެމީހުންނަށް ކަޅި އެޅުމަށް އެކޮޅުގެ މީހަކަށް ލާރި ދީފައި ބެހެއްޓީއެވެ. އެކޮޅުގެ ކަންތައްތައް ރަނގަޅުނަމަވެސް ޔާސިރު ވެސް މާހިރާ ހޯދަން ކެނޑި ނޭޅި މަސައްކަތް ކުރާނެކަން ވެސް އެނގެއެވެ. ފައިސާގެ ދަހިވެތިކަމުގައި ލަކްޝް މެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެއްގޮތަކުން ރަނގަޅެވެ. ކިތަންމެބޮޑު ދޮގެއްވެސް އެމީހުން ލައްވާ ހެދުވިދާނެއެވެ. ބޭނުންވަނީ ފައިސާއެވެ. ޔާސިރުގެ އަތުން ބާރުއަތުލެވިއްޖެކަމުގައި ވާނަމަ އޭނާއަށް އެކަން ކުރަން މާބޮޑަށްވެސް ފަސޭހަ ވާނެއެވެ. އެކަމަކު އަދި އެ ހިސާބަށް ދާކަށް ނަވީން ބޭނުމެއް ނޫނެވެ. ކޮންމެހެން ފައިސާ އެއް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ޔާސިރުގެ ހަޤީގަތް ނެރެވެން އޮތީ އެހެން ކަންތައް ކޮށްގެން ކަމަށް ވަންޏާ އޭނާ އެކަން ވެސް ކުރަން ތައްޔާރެވެ.

އެތަނުގައި މާހިރާ ނެތްކަން ޔާސިރުއަށް އެނގުމަކީ ރަނގަޅު ފާލެއް ނޫނެވެ. އޭނާގެ ހަޤީގަތްވެސް ޔާސިރުގެ ކުރިމައްޗަށް އަރާނީ މާދަމާ ނޫންކަމެއް ނޭގެއެވެ. އެހެންވެއްޖެނަމަ އަނެއްކާވެސް ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. މިހާރުވެސް ކެނޑި ނޭޅި މާހިރާ ހުރިތަނެއް ހޯދުމަށް ޔާސިރު ދަނީ މަސައްކަތް ކުރަމުންނެވެ. ވަގުތީ ގޮތުން އޭނާ އެވަނީ ލަކްޝްވެސް ބްލެކްމެއިލް ކޮށްފައެވެ. އެހެންނަމަވެސް އަބަދަކު އެހެނެއްވެސް ނުހެދޭނެ ނޫންހެއްޔެވެ؟ އިތުރު ގޮތެއް ވިސްނަން އެބަޖެހެއެވެ. ނޫނީ ހުރިހާކަމެއްވެސް ފަޅާއަރާފާނެއެވެ. އޭރުން މަންމައަށް އިންސާފު ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތަށްވެސް ހުރަސް އެޅޭނެއެވެ.

ރާފިހްއަށް ހަޤީގަތް ހާމަކުރަން ނަވީން ނިންމީ އިބާ އަދި އާހިލްއާއިވެސް މަޝްވަރާ ކޮށްފައެވެ. ރޭގަނޑު ގަޑިން ބާރަޖަހަނީއެވެ. މާހިރާ ނިދާފައެވެ. ސިޓީން ރޫމުގައި އިބާގެ އިތުރުން ދެން ތިބީ ނަވީން އާއި އާހިލްއާއި ރާފިހްއެވެ.

"ކޮން ވާހަކައެއް ދައްކަންތަ އަހަރެން ތި ގެނައީ... އަހަރެން ކުރިމަތީ ބައިންދައިގެން އެއްވެސް އެއްޗެއް ނުބުނެ ތިހެން ތިބެން ފެށީމަ ބިރުގަންނަން ފަށައިފި..." ރާފިހް ވާހަކަ ދެއްކިއެވެ. ތަނަށް ވެރިވި ހަމަހިމޭންކަން ނެތުނީ ދެނެވެ. އިބާ ނަވީންއަށް ބަލާލިއެވެ. ނަވީން ބޯ ޖަހާލީ އިބާ ގާތު ވާހަކަ ދައްކަން ފަށާށޭ ބުނަމުންނެވެ.

"ރާފިހްއަށް އެނގެއެއްނު އަހަންނަށް އެރޭ މީހަކު މަރާލަނިކޮށް ފެނުނުކަން... އެއީ ކާކުކަން އަހަންނަށް އެނގޭކަންވެސް..." އިބާ އިނީ ސީދާ ރާފިހްއަށް ބަލާށެވެ.

"އާނ... މިދިޔަ ދުވަސްތަކުގަ އަހަރެންނަށް ވަނީ ތި ހުރިހާ ކަމެއްގެ ތަފްސީލްވެސް އެނގިފަ"

"އެކަމަކު ރާފިހްއަށް ނޭގޭ ކަމެއް އަދި އެބައޮތް...." އިބާ ނަވީންއަށް ބަލާލިއެވެ. އެވާހަކަ ބުނާނެ ގޮތެއް އޭނާގެ ސިކުނޑިއަށް ނައީއެވެ.

"އިބާ ބުނަން އުޅޭ ވާހަކަ ބުނި ނިމުމުގެ ކުރިން ރާފިހް މަޑުން އިންނައްޗޭ... އަހަންނަށް އެނގޭ ރާފިހްއަށް އަޑު އަހަން ފަސޭހަ ނުވާނެކަން... އެކަމަކުވެސް...." ނަވީން ވެސް ރާފިހްއަށް ބަލާލިއެވެ.

"މިހާރު ބިރުގަންނަން ފަށައިފި... އަވަހަށް ބުނޭ" ރާފިހްގެ ކެތްތެރިކަންވެސް ކޮޅުންލައިގެން ދާން ފެށިއެވެ.

"އަހަންނަށް އެރޭ ފެނުނު ދެމީހުންގެ ތެރެއިން އެކަކަކީ ރާފިހްގެ ބައްޕަ އޭ ބުނެފިއްޔާ ގަބޫލު ކުރެވޭނެތަ؟" އިބާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"ވަޓް...؟" ރާފިހްއަށް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ. އޭނާގެ އަޑުވެސް ބާރުވިއެވެ.

"އަހަރެންގެ ބައްޕަ މި ދުނިޔެ ދޫކުރީ ޔާސިރުގެ ސަބަބުން. އެއީ ވެސް ވިކްޓިމްއެއް... ގާތިލެއް ނޫން..." ކުއްލިއަކަށް އިވުނު ބަސްތައް ރާފިހްގެ ސިކުނޑިއަށް ގަބޫލުކުރަން ދަތިވިއެވެ. އެހާ ބާރަށް ވާހަކަ ދެއްކުނީވެސް އެހެންވެއެވެ.

"ތިހެން ކިހިނެތްވާނީ... ތީ ތެދެއް ނޫން އޮޅުމެއް..." ރާފިހް ބުނެލިއެވެ. އިވުނު ހަޤީގަތް ގަބޫލުކުރަން އޭނާ ތައްޔާރެއް ނޫނެވެ.

(ނުނިމޭ...)

https://sun.mv/125198

comment ކޮމެންޓް