ފުރަތަމަ ދުވަހުގެ ދެ ރަން މެޑަލް ސާއިދާއި ހިމްނާއަށް

ހަސަން ސާއިދު އަދި އައިޝަތު ހިމްނާ ހަސަން --- ފޮޓޯ : އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެވަނަ ގައުމީ ގްރޭންޑް ޕްރިކްސްގެ ފުރަތަމަ ދުވަހުގެ ދުވުމުގެ މުބާރާތުން ދެ ކެޓަގަރީން ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން ރަން މެޑަލް ހޯދައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ދެދުވަހަށް ކުރިއަށްދާ ގްރޭންޑް ޕްރިކްސްއިން ސައިދު ދެ ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރުގެ ދުވުމުންނާއި 400 މީޓަރުގެ ދުވުމުންނެވެ. އަދި ހިމްނާ ރަން މެޑަލް ހޯދާފައިވަނީ އަންހެނުންގެ ބައިން 100 މީޓަރުގެ ދުވުމުންނާއި 400 މީޓަރުގެ ދުވުމުންނެވެ.

މުބާރާތުގެ 100 މީޓަރުގެ ފިރިހެނުންގެ ބައިން ސާއިދު ރަން މެޑަލް އެއް ހޯދާފައިވަނީ 10.58 ސިކުންތުންނެވެ. އެ މުބަރާތުގެ ދެވަނައަށް ގޮސްފައިވަނީ 11.21 ސިކުންތާއެކު އިބާދުﷲ އާދަމެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ ނުޖޫމް ހަސަނެވެ. ނުޖޫމް އެ މުބާރާތް ނިންމާފައިވަނި 11.25 ސިކުންތުންނެވެ.

1500 މީޓަރުގެ އަންހެނުންގެ ބައިން އެއްވަނަ ހޯދާފައިވާ އައިޝަތު ޖައިޝާ ޖުނީޒު --- ފޮޓޯ : އެތުލެޓިކްސް އެސޯސިއޭޝަން

ފިރިހެން 400 މީޓަރުގެ ބައިން ސާއިދު ރަން މެޑަލެއް ހޯދާފައިވަނީ 50.75 ސިކުންތާއެކުގައެވެ. މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ މުހައްމަދު އައިހަމް އަސްފަރު ވަހީދެވެ. އޭނާ އެ މުބާރާތް ނިންމާފައިވަނީ 52.09 ސިކުންތުންނެވެ. އަދި 52.37 ސިކުންތާއެކު މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އިބްރާހީމް އަޝްފާން އަލީއެވެ.

މުބާރާތުގެ އަންހެނުންގެ 100 މީޓަރުގެ ބައިން ހިމްނާ އެއްވަނަ ހޯދީ 12.54 ސިކުންތުންނެވެ. އަދި ދެވަނައަށް ނަޝާ ނިޒާރު ދިޔައިރު އިރު އޭނާ ރޭސް ނިންމާފައިވަނީ 12.87 ސިކުންތުންނެވެ. އަދި 13.20 ސިކުންތުން ރޭސް ނިންމައި ތިންވަނަ ހޯދާފައިވަނީ މަރިޔަމް އަލްހާ ހުސައިންއެވެ.

އިއްޔެގެ މުބާރާތުގައި ވަނީ 1،500 މީޓަރުގެ އަންހެނުންގެ ބަޔާއިި ފިރިހެނުންގެ ބައިވެސް ކުރިއަށް ގެންގޮސްފައެވެ. އަންހެނުންގެ 1،500 މީޓަރުގެ ބައިން އެއްވަނައަށް ގޮސްފައިވަނީ އާމިނަތު ޖައިޝާ ޖުނީޒެވެ. އޭނާ އެ ރޭސް ނިންމާފައިވަނީ ފަސް މިނެޓު 25.70 ސިކުންތުންނެވެ. ދެވަނައަށް އައިޝަތު ނަފްހާ ނަޝީދު ދިޔައިރު އޭނާ އެ ރޭސް ނިންމީ ފަސް މިނެޓު 51.90 ސިކުންތުންނެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ ޒުލައިޚާ އަބްދުﷲއެވެ. އޭނާ ރޭސް ނިންމީ ހަ މިނެޓާއި 02.20 ސިކުންތުންނެވެ.

1500 މީޓަރުގެ ފިރިހެނުންގެ ބައިން ރަން މެޑަލް ހޯދި ހުސައިން ރިޒާ --- ފޮޓޯ : އެތުލެޓިކްސް އެސޯސިއޭޝަން

ފިރިހެނުންގެ 1،500 މީޓަރުގެ ބައިން ރަން މެޑަލް ހޯދާފައިވަނީ ހުސައިން ރިޒާއެވެ. އޭނާ އެ ރޭސް ނިންމާފައިވަނީ ހަތަރު މިނެޓާއި 08.24 ސިކުންތުންނެވެ. ޖުމްލަ ހަތަރު މިނެޓު 10.97 ސިކުންތުން ރޭސް ދެވަނައަށް ނިންމާފައިވަނީ ހުސައިން ފަޒީލް ހާރޫނެވެ. އަދި ތިންވައަށް ރޭސް ނިންމާފައިވަނީ އައިމަން ޚާލިދެވެ. އޭނާ ރޭސް ނިންމާފައިވަނީ ހަތަރު މިނެޓާއި 36.37 ސިކުންތުންނެވެ.

މުބާރާތުގައި މިއަދު އޮންނާނީ ދެ ޖިންސުގެ 800 މީޓަރާއި 200 އަދި 3،000 މީޓަރުގެ ރޭހެވެ. އެ ރޭސްތަކުގެ ތެރެއިން 800 މީޓަރުގެ ރޭހުގައި ރިޒާ ބައިވެރިވާއިރު 200 މީޓަރު ރޭހުގައި ސާއިދު ބައިވެރިވާނެއެވެ.

comment ކޮމެންޓް