ހޮންކޮންގް މުޒާހަރާތަކުގައި މާސްކު އެޅުން މަނާކޮށްފި

ހޮންކޮންގައި މުޒާހަރާ ކުރާ ގިނަ މީހުން ތިބެނީ މޫނު ފޮރުވޭ ގޮތަށް މާސްކު އަޅައިގެން -- ފޮޓޯ: އޭއެފްޕީ

ހޮންކޮން (އޮކްޓޯބަރު 4): ހޮންކޮންގައި ބާއްވާ ބޮޑެތި އެއްވުންތަކުގައި މޫނު ފޮރުވޭ ގޮތަށް މާސްކު އެޅުން މަނާކޮށްފި އެވެ.

ހޮންކޮންގެ ލީޑަރު ކެރީ ލާމް އެފަދައިން އަމަލު ކުރެއްވީ، ކުއްލި ހާލަތްތަކުގައި ސަރުކާރުން ތަންފީޒު ކުރާ އެމާޖެންސީ ރެގިއުލޭޝަންސް އޯޑިނެންސްގެ ދަށުންނެވެ. އެގާނޫނު ތަންފީޒު ކުރުމުން ހޮންކޮންގެ މުޖުތަމައުގެ މަސްލަހަތާ ގުޅުން ހުރި ކަމަށް ބެލެވޭ ގަވާއިދުތައް ތައާރަފް ކުރުމުގެ ބާރު ސިޓީގެ ލީޑަރަށް ލިބިގެންދާނެ އެވެ.

ލާމް ވިދާޅުވި ގޮތުގައި ހޮންކޮންގެ މުޒާހަރާތަކުގައި މާސްކު އެޅުން މަނާ ކުރަން ނިންމެވީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކަ އެވެ.

"ހަމަނުޖެހުންތައް ހުއްޓުވައި މުޖުތަމައު އަމާން ކުރުމަކީ ވީހާވެސް އަވަހަކަށް ކުރަން ޖެހޭ ކަމެއް. އާ ގާނޫނުގެ ސަބަބުން މާސްކު އަޅައިގެން ތިބެ މުޒާހަރާ ކުރާ މީހުންނާއި ހަމަނުޖެހުން ހިންގާ މީހުން ހުއްޓުވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" ލާމް ވިދާޅުވި އެވެ.

އަދި ލާމް ވަނީ އެ އެމާޖެންސީ ގާނޫނު ތަންފީޒު ކުރި ނަމަވެސް، އެއީ ހޮންކޮން ކުއްލި ހާލަތަށް ގެނައުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މިރެއިން ފެށިގެން އަމަލު ކުރަން ފަށާ އެގަވާއިދުގެ ސަބަބުން ދީނީ އަދި ސިއްހީ ސަބަބުތަކަށްޓަކައި މާސްކު އަޅާ މީހުންނަށް ހުރަސް ނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގަވާއިދާ ހިލާފުވާ މީހުން އެއް އަހަރުގެ މުއްދަތަކަށް ޖަލަށްލާ، 25،000 ހޮންކޮން ޑޮލަރު (3،100 ޑޮލަރު)ން ޖޫރިމަނާ ކުރެވޭނެ އެވެ.

ލާމް އެގަވާއިދު އިއުލާން ކުރެއްވި ވަގުތު ހޮންކޮންގައި އެތައް ހާސް މީހުން ވަނީ މާސްކު އަޅައިގެން މުޒާހަރާކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މޫނު ފޮރުވަނީ ފުލުހުންނަށް އެއީ ކޮން ބަޔެއްކަން ނޭނގޭ ގޮތަށާއި ޕެޕާ ސްޕްރޭއިން ސަލާމަތްވުމަށެވެ.

ހޮންކޮންގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ފަރާތްތަކުން ސިލްސިލާ މުޒާހަރާތައް ކުރަމުން ދަނީ އެސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ ކަމަށް ބުނެ އެވެ.

މިދިޔަ އޭޕްރިލް މަހު އެމުޒާހަރާތައް ފެށުނީ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރުމާ ބެހޭ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ވެސް ހަވާލު ކުރެވޭނެ އެވެ.

އެބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށުމުން ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލް ސަސްޕެންޑު ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ވެސް މުޒާހަރާތައް ކުރިއަށްގެންދާތީ، މިދިޔަ މަހު ބިލް އަނބުރާ ގެންދެވި ނަމަވެސް އެމުޒާހަރާތަކަށް ނިމުމެއް ނާދެ އެވެ.

އެމުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ބިލް އަނބުރާ ގެންދިޔުމުގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށާއި އެމުޒާހަރާތަކަކީ "ހަމަނުޖެހުން ހިންގުން ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް