އެމްޑީއެން އިން އުޅެނީ ދީނީ ވަހުދަތު މުގުރާލަން، އެ ޖަމްއިއްޔާ އުވާލަންޖެހޭ: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ: ޕީޕީއެމް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ރާއްޖޭގެ ދީނީ ވަހުދަތު މުގުރާލަން އުޅޭ ޖަމްއިއްޔާއެއް ކަމަށާއި، އެ ޖަމްއިއްޔާ އުވާލަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އެމްޑީއެން އިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކުރި ދިރާސާގެ ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެ ރިޕޯޓާ ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެން އަކީ އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ރާއްޖޭގެ ދީނީ ވަހުދަތު މުގުރާލަން އުޅޭ ޖަމްިއްޔާއެއް ކަމަށެވެ.

އެހެންކަމުން ޖަމްއިއްޔާތަކާ ބެހޭ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަންކޮށްފައިވާ މި ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުން ވަކިވެސް ކުރަން ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި ހުއްޓުމެއް ނެތި ހިންގަމުންދާ ހަރަކާތްތަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން، ވަރަށް ގިނަ ބަޔަކު އަންނަނީ އެ މައްސަލަ ބަލައި އެމްޑީއެންގެ އިސްވެރިންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ގާނޫނު އިސްލާހުކޮށް، ދީނަށް ފުރައްސާރަކުރުމަކީ އުމުރަށް ޖަލަށް ލެވޭ ފަދަ ކުށަކަށް ހަދަން ޖެހޭ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ގާނޫނު ހަދާ ބީދައިން ލާދީނީ ފިކުރާ ދެކޮޅަށްވެސް ބޮޑެތި އަދަބު ކަނޑައަޅައި، ގާނޫނު ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ އެހެން ފަސްގަނޑެއްގައި ހުރެ "ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ" ޖަލަށް ލާފައި، އަމިއްލަ ފަސްގަނޑުގައި ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއިން އިއްޔެ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން ފުލުހުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވާއިރު، އެމްޑީއެން އިން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް މައާފަށް އެދިފައެވެ. އަދި ދީނީ އިލްމުވެރިޔަކާ އެކު ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ދީނީ ހައްދުފަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދާދި ފަހުން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ކުށްތަކަށް ވާ ކަންކަން ހަރުކަށިކޮށް، ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރެވޭނެ ގޮތް ވަނީ ފަސޭހަކޮށްދީފައެވެ.

comment ކޮމެންޓް