ކުދިން ބެލުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިޚްތިޔާރު ކުރަންޖެހޭ: ފަޒްނާ

"މަމްސް އެކްސްޕޯ 2019"ގައި މެޑަމް ފަޒްނާ ހަރަކާތްތެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކުދީން ބެލުމާއި، ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަ ގޮތްތައް އިޚުތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، މަސައްކަތްތެރި މައިންނާއި އަންހެން ކަނބަލުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ބާއްވާ "މަމްސް އެކްސްޕޯ 2019" އިފްތިތާހު ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ "މަމްސް" ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިއްމު ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުދީން ބޮޑުކުރުމުގައި ވެސް ތިމާވެއްޓާއި ރަޙުމަތްތެރި، އަދި އިސްރާފުވުން ކުޑަވާނެ ގޮތްތައް އިޚުތިޔާރު ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، "މަމްސް" ޖަމްއިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާވަނީ، ހުރިހާ މައިންނަށް، އަދި ޚާއްސަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި "މަމްސް" ޖަމްއިއްޔާއިން އިސްނަގައިގެން ހަދާފައިވާ "ފެމިލީ ޓު ފެމިލީ ފަންޑް" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.

"މަމްސް އެކްސްޕޯ" އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމްޢިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްސަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުސަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.

comment ކޮމެންޓް