ރާއްޖެ، އިންޑިއާ-ޗައިނާ ދެމެދު ފިތޭކަށް ނޭދޭ: ނަޝީދު

އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑޯ-ޕެސެފިކް ސަރަހައްދާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަަވަނީ ---

ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގާ ފިނި ހަނގުރާމަ (ކޯލްޑް ވޯ)އެއްގެ މެދުގައި ރާއްޖެއިން ތާށިވެ ފިތެން ނޭދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑޯ-ޕެސެފިކް ސަރަހައްދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗައިނާ އަދި އިންޑިއާ ފަދަ ބާރުގަދަ ދެ ގައުމުގެ ދެމެދުގައި އުފެދޭ މައްސަލަތަކުގައި ބެދެން ރާއްޖެއިން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، އިންޑިއާގެ ފަރާތުން އެހީތެރިކަން ހޯދައިގެން ކުރިއަށްދާން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޗައިނާގެ މައްސަލައަކީ އެގައުމުން ރާއްޖެ "ދަރަނީގައި ބެއްދުމަށް ބޭނުންވުން"ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް، ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް ގެނައީ، ޗައިނާގެ "ބެކިންގް" ނުވަތަ އެއްބާރުލުމާ އެކުއެވެ. ޗައިނާއިން އެގައުމުގެ ފިކުރު ފަތުރަނީ އެފަދައިން ނުފޫޒު ފޯރުވައި އެންމެ ފަހުން ގާނޫނުތަކަށް ބަދަލުގެނެސް، ސިންގަލް ޕާޓީ ރޫލްއަށް މަގުފަހިކޮށްގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސް ހުއްޓުމަކަށް ގެނެސް، އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުން، އިދިކޮޅުން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އެ ދުވަސްވަރު އިންޑިއާއާއި ޗައިނާއާ ދެމެދު ކޮންމެވެސް ގޮތަކުން ކުރިމަތިލުމެއް ދިޔަ ކަމަށް، މައުލޫމާތު އެނގޭ ފަރާތްތަކުން އެމަނިކުފާނަށް ހިއްސާކުރިކަމަށް ނަޝީދު ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވައި، އެމަނިކުފާނު ސުވާލު އުފެއްދެވީ، އިންޑޯ-ޕެސިފިކްގެ ގައުމުތަކުގައި އިންތިހާބުތައް ބާއްވާ އިރު، ޗައިނާއިން އިންތިހާބުގައި ވާދަ ކުރާ އެއް ޕާޓީއެއްގައި ފަހަތުގައި އޮވެ، އިންޑިއާއިން އަނެއް ޕާޓީގެ ފަހަތުގައި އޮންނަ ހާލަތެއް ކުރިމަތިވެދާނެތޯއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ބޭނުން ވަނީ އެފަދަ މައްސަލަގަނޑެއްގައި ނުބެދި، އަމިއްލަވަންތަކަމުގައި އުޅެން ކަމަށެވެ. އަދި ރާއްޖެ، ބާރުގަދަ ދެ ގައުމުގެ ދެމެދުގައި ހިނގާ "ކޯލްޑް ވޯ" ނުވަތަ ފިނި ހަނގުރާމައެއްގެ ތެރޭގައި ފިތެން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އަމާންކަމާއެކު އުޅެން. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަރަމުންދާ ސުޕަޕަވަރުންގެ ދެމެދުގައި ހިނގާ، ކޯލްޑް ވޯއެއްގެ ތެރޭގައި 'ސޭންޑްވިޗް'ވާކަށް،" ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް، ރާއްޖެއަށް، އިންޑިއާ ކަނޑުގެ މީހުންނަށް މިއީ ވަރަށް ސީރިއަސް ކަމެއް،"

އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑޯ-ޕެސެފިކް ސަރަހައްދާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަަވަނީ ---

ޗައިނާއިން އިންޑޯ-ޕެސިފިކްގައި އެގައުމުގެ ނުފޫޒު ވަރުގަދަކުރަން އުޅޭ އުޅުމާ ބެހޭގޮތުން ނަޝީދު ވިދާޅުވީ، މައްސަލައަކީ ޗައިނާގެ މީހުންނާއި ސަގާފަތާއި އުފެއްދުންތައް ނޫން ކަމަށާއި، އެގައުމުގެ މައްސަލައަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.

"އެކަންތައްތައް ރާއްޖެއަށް ނުވަތަ އެހެން ގައުމަކަށް އެކްސްޕޯޓުކުރަން އުޅުމާ އަޅުގަނޑުމެން ދެކޮޅު. އެއީ އަޅުގަނޑުމެން ހުއްޓުވަން މި އުޅޭ ކަމަކީ. ހުއްޓުވަން ބޭނުން ވަނީ އަޅުގަނޑުމެންގެ ރޯ މެޓީރިއަލް ހޯދައި، އެ މީހުންގެ މުދާ ރާއްޖޭގައި ވިއްކަން އުޅުމެއް ނޫން. އެކަންކަން ކުރިއަސް ތި ފިކުރު ރާއްޖޭގައި ނުވިއްކާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާއަށް ސުޕާޕަވަރެއްގެ ގޮތުގައި ދެމި އޮވެވޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އިދިކޮޅުވާ ހުރިހާ އެންމެން ޖަލަށް ލައިގެން ގައުމެއް ނުހިންގޭނެ ކަމަށް ވިދާޅުވިއެވެ.

އެއާ ހިލާފަށް އިންޑިއާ ވާނީ ތަފާތު ސުޕަވަރަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ސަބަބަކީ، އިންޑިއާއިން ކަންކަން ކުރަނީ އެގައުމުގެ ރައްޔިތުން އެކަމެއް ކުރަން ބޭނުންވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް