މިނިސްޓަރު ރިސޯޓުތަކަށް: އެހެން ގޮތެއް ހޯދާ، ކަނޑަށް ކުނި އަޅާނަމަ ފިޔަވަޅު އަޅާނަން

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކަނޑުތަކަށް ކުނި އެޅުން ހުއްޓާލަން އެބަ ޖެހޭކަމަށާއި، ކަނޑަށް ކުނި އަޅާނަމަ ސީރިއަސް ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ ރާއްޖޭގައި ކަނޑުތަކަށް ކުނި އެޅުމަކީ އާންމު ކަމެކެވެ. އަދި ބައެއް ރިސޯޓުތަކުންވެސް ކަނޑަށާއި ފަޅުރަށްރަށަށް ކުނި އަޅާ މައްސަލަތައް ފެންމަތިވެއެވެ.

ކ. އެނބޫދޫފަޅުގައި ހުންނަ ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓޫރިޒަމް ކޮންފަރަންސްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަނޑަށް ކުނި އެޅައިގެން ޓޫރިޒަމް މިނިސްޓްރީއަށް މިހާތަނަށް ޝަކުވާއެއް އައިސްފައި ނުވާކަމަށެވެ. އަދި މިނިސްޓްރީން ބެލި މައްސަލައެއްވެސް ބަލާފައިވަނީ އަމިއްލައަށް އިސްނަގައިގެން ކަމަށެވެ.

"ގިނަ ފަހަރަށް ސޯޝަލް މީޑިއާގައި ޖަހާލަނީ. އަޅުގަނޑުމެންނަށް މިހާތަނަށް ޝަކުވާއެއް ހުށައެއްނާޅާ. ނޭޅިޔަސް އަޅުގަނޑުމެން ޕްރޮއެކްޓިވްކޮށް މިހާތަނަށް މި އައި އިންސިޑެންޓްސް ބަލަމުން މި ދަނީ،"

މިނިސްޓަރު ވިދާޅުވީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ ވާހަކަތައް އަޑު އެހުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހައްލެއް ނޫންކަމަށާއި، ހައްލަކީ އަމިއްލައަށް ޒިންމާ ނަގައިގެން ކުނި ނޭޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ތިމާމީހުން ކުނި މި އަޅަނީ ތިމާގެ އަމިއްލަ ގަޔަށްކަން އެނގެންވީ. މިކަން ސިއްރެއްވެސް ނުކުރެވޭނެ. އޮރެންޖު ތޮށިތައްވެސް ކޮތަޅަށް ލާފައި [އެއްލާލީމާ] އޭގައި ތިބޭފުޅުންގެ އަމިއްލަ ނަން އޮންނަނީ [ރަށަކަށް] އައިސް ލައްގާ އިރު،" ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ނިސްބަތްކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަނޑަށް ކުނި ނާޅަންވީ ހަމައެކަނި އަތިރިމައްޗަށް ކުނި ލައްގައިގެން އެތަން ހަޑިވާތީ ނޫންކަމަށާއި، އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށްވެސް ގެއްލުންތައް ލިބޭތީ ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރުގަދަކޮށް ހުއްޓަސް ޕްލާސްޓިކް ކޮތަޅެއް ބޮލުގައި އަޅައި ބާރުކޮށްލުމުން ނޭވައެއް ނުލެވޭނެ. މުރަކައަށްވެސް ވާނީ ހަމަ އެހެން،"

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ކަނޑަށް ކުނި އެޅުމުގެ ކަންތައްތައް ހުއްޓާލަންވެއްޖެ ކަމަށެވެ. އަދި ރިސޯޓުތަކުން ކުނި މެނޭޖުކުރަން އެހެން ގޮތެއް ހޯދުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ. ކަނޑަށް ކުނި އަޅާއިގެން އަންނަ ޝަކުވާތަކުގައި ސީރިއަސް އެކްޝަން ނަގާނަން. ފިޔަވަޅު އަޅާނަން. ދިވެހިބަހުް މި ދަންނަވަނީ. އެހެން ގޮތެއް ހޯއްދަވާ ރިސޯޓުގައި ކުނި މެނޭޖުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ދާދި ފަހުން ރިސޯޓުތަކުން ކުނި އެޅުމާ ބެހޭ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ކަނޑަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ފަޅު ރަށްރަށަށް ކުނި އެޅުމުގެ މައްސަލަތައް ހިމެނެއެވެ.

ރިސޯޓެއްގައި އުފެދޭ ކުނި، މީހުން ދިިރިއުޅޭ ރަށްރަށަށް އެޅުމާއި އަދި އެފަދަ ކުނި މީހުން ދިރިއުޅޭ ރަށްރަށުގައި އެންދުމަކީ މަނާ ކަމެކެވެ.

comment ކޮމެންޓް