މަންޓާ އެއާގެ ދެ ސީޕްލޭން އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ގެންނަނީ

އެއާލައިންމަންޓާ އެއާލައިންއިން ރާއްޖެ ގެންނަ ޑީޗްސީ - 6 ޓުވިން އޮޓާ މަރުކާގެ ސީޕްލޭންތައް--- ފޮޓޯ: މަންޓާ އެއާ

ރާއްޖޭގެ ޑޮމެސްޓިކް އެއާލައިން މަންޓާ އެއާލައިންގެ ފްލީޓަށް ދެ ސީޕްލޭން އަންނަ ހަފްތާގައި ގުޅޭނެކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މަންޓާ އެއާއިން ބުނި ގޮތުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު، ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ދެ އެއާކްރާފްޓު ކެނެޑާއިން ރާއްޖެ ގެންނާނެއެވެ.

މީގެ އިތުރުން ހަމަ އެ މަރުކާގެ އިތުރު ތިން އެއާކްރާފްޓު މި މަހުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ތާވަލުކޮށްފައިވާ ކަމަށާއި، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 10 ސީޕްލޭނުގެ ފްލީޓެއް މަންޓާގައި އޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މިއީ އަލަށް ފެށި އެއާލައިންއަކާ ބަލާއިރު ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއާލައިންއާ މެދު ކަސްޓަމަރުން ކުރަމުންދިޔަ އުންމީދުތަކާ އެއްގޮތަށް ވަރަށް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަަމަށެވެ.

މަންޓާއިން މިހާރު ދަތުރުކުރަނީ ދކ ކުޑަހުވަދޫގެ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ. ޑޮމެސްޓިކް ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރަނީ އޭޓީއާރު 600-72 މަރުކާގެ އެއާކްރާފްޓެވެ.

މަންޓާ އެއާގެ ބޯޓުތަކުގައި ހުންނަނީ "ސެފަޔާ" އަދި "ކޮމްފޯޓް" ކްލާހުގެ ސީޓެވެ. ދެ ކްލާހުގެ ކެބިންތައް ޑިޒައިންކޮށްފައިވަނީ ޒަމާނީކޮށް، އަދި ފަސިންޖަރުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އަދި ފަސިންޖަރުންނަށް ބޮޑު ލެގްރޫމެއް ލިބޭނެ ފަދައިން ސީޓުތައް ކަސްޓަމައިޒްކޮށްފައިވެއެވެ.

comment ކޮމެންޓް