ރިސޯޓު ހެދުމަށް 27 ރަށެއްގެ އެސެސްމަންޓް ހަދަނީ

ހއ. އުލިގަމު : މިއީ ރަށު ފަތުރުވެރިކަން ތަރައްގީކުރަން ބަލާ ރަށެއް --- ފޮޓޯ : ފްރެޑް އޯލްސެން ކްރޫޒް

ރާއްޖޭގެ 27 ރަށެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރެވިދާނެތޯ ބެލުމުގެ އެސެސްމަންޓް ސަރުކާރުން ހަދަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދައުރު ނިމެންވާ އިރަށް ރަށު ފަތުރުވެރިކަން މިހާރަށް ވުރެ ފުޅާކޮށް، ޓޫރިޒަމްގެ ދާއިރާއަށް މަދުވެގެން 35،000 އެނދު އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަރަކާތްތައް ނިންމާލުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި އޮތް ގާލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 27 ރަށެއްގެ ފުރަތަމަ އެސެސްމަންޓް، މީގެ ދެ ދުވަސް ކުރިން ލިބިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއްވެސް ރަށެއް ފަތުރުވެރިކަމަށް ނެރޭނީ ތިމާވެއްޓާ ގުޅޭ ހުރިހާ އެސެސްމެންޓެއް ހެދުމެއް ފަހުގައި ކަމަށާއި އަދި އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރެވޭ ރަށެއްތޯ ބެލުމަށްވެސް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެސެސްމެންޓްގައި ހިމެނޭ ހުރިހާ ރަށެއްގެ މައުލޫމާތު އަލި ލިބިފައި ނުވާ ކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އެސެސްމެންޓް ހަދާ ހއ. އަތޮޅު، ހދ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ލ. އަތޮޅުގައިވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މ. އަތޮޅާއި، ލ. އަތޮޅާއި، ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ޓޫރިޒަމް ތަރައްގީކުރުމަށް ރަށްރަށާއި ސަރަހައްދުތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ރަށްތައް ހާމަކުރާނީ ކޮންސަލްޓަންޓުން އެސެސްމެންޓް ހަދާ ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި އެސެސްމަންޓުތަކުގެ ބޭރުން، އެމްޓީޑީސީން ސިޓީ ހޮޓަލެއް ތަރައްގީކުރަމުން އައި ހއ. އުލިގަމުގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން މި އަރުވަނީ އުލިގަން ހުއްޓިފަ އޮތް އޮތުން ނިމުމަކަށް އައިސް، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރެވޭވަރު އަޅުގަނޑުމެންނަށް ވާނެ. އިރާދަކުރެއްވިއްޔާ އުލިގަން ހުއްޓިފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް