އެމްޓީޑީސީއިން ރިސޯޓް ހަދަނީ، އަންނަ އަހަރު ފައިދާ ބަހަނީ

އެމްޓީޑީސީގެ އެމްޑީ، ތަޒްމީލް އަބްދުއްސަމަދު -- ސަން ފޮޓޯ

ބޮޑު ގެއްލުމެއްގައި އޮތް ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އިން ރިސޯޓްތަކެއް ތަރައްގީކޮށް ނެރެ، އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރާނެ ކަމަށް އެ ކުންފުނީގެ އެމްޑީ، ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅު އެނބޫދޫ ފަޅުގައި ހިއްކައިގެން ހަދާފައިވާ "ކްރޮސްރޯޑް މޯލްޑިވްސް"ގައި ޓޫރިޒަމްގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި އެމްޓީޑީސީގެ އެމްޑީ ތަޒްމީލް ވިދާޅުވީ، މި ސަރުކާރުގެ ދެވަނަ އަހަރުގައި އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކުންފުނީގެ ވިޔަފާރީގެ މޮޑެލް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުންފުނިން އެންމެ ފުރަތަމަ ހިންގާނެ މަޝްރޫއަކީ، ހދ. ނާގޯށީގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ރިސޯޓް ތަރައްގީ ކޮށް ނިންމައި އޮޕަރޭޝަނަސް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މިހާރު އިންވެސްޓަރުންނާ ވެސް ވާހަކަ ދައްކައި އެކަމަށް ކުންފުނިން ވާން ޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. މަޑުކޮށްގެން ތިބީ ސަރުކާރުގެ ފެހި ސިގްނަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުމްލަ 600 އެނދާ އެކު އެމްޓީޑީސީއިން ނާގޯށި ރިސޯޓް ތަރައްގީ ކުރަން ފެށީ ރަޝިޔާގެ ތްރީކޭ އިންޓަނޭޝަނަލްއާ އެކު ހެދި ޖޭވީއެއްގެ ދަށުން އެވެ. އެހެން ނަމަވެސް މައްސަލަތައް ދިމާވެ، އެ ރަށުގެ 50 ޕަސެންޓް މަސައްކަތް ނިމުނު ފަހުން އޮތީ މަސައްކަތް ހުއްޓި އަހަރުތަކެއް ވެފަ އެވެ.

މީގެ އިތުރުން ތަޒްމީލް ވިދާޅުވީ، ރިސޯޓް ހެދުމަށް އެހެން ބައެއް ރަށްތައް ވެސް އެ ކުންފުންޏާ ހަވާލުކުރުމުގެ ވާހަކަތަކެއް ވެސް ދެކެވޭ ކަމަށެވެ. އެގޮތުން އެ ރަށްތައް ލިބުމާ އެކު ކޮންމެ އަހަރަކުވެސް، އޭގެއިން އެ ރަށުގައި ރިސޯޓް ހަދައި މާކެޓަށް ނެރުމަކީ އަމާޒެއް ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން މި ކުންފުނީގެ 24،500 ހިއްސާދާރުންނަށް މި ސަރުކާރުގެ ދެވަނަ އަހަރުގައި މި ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާ ބަހާ ކުންފުންޏަކަށް ބަދަލު ކުރާނަމޭ. އެންމެ އާންމު ހިއްސާދާރުން ގިނަ ކުންފުނި، އެންމެ މަތީ އުޑުގައި ފިޔަޖަހާ ބޮޑު ކުންފުންޏަކަށް އަޅުގަނޑުމެން ބަދަލު ކުރާނަމޭ،" ތަޒްމީލް ވިދާޅުވި އެވެ.

ޓޫރިޒަމް ވިޔަފާރީގެ ނަފާ އާންމު ދިވެހިންނަށް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާއާއެކު އުފެއްދި ކުންފުންޏަށް މިދިޔަ އަށް އަހަރުވެސް ގެއްލުންވެ ފައިދާ ބަހާފައެއް ނުވެ އެވެ.

ނަމަވެސް، އަހަރުތަކަކަށް ފަހު އެ ކުންފުންޏަށް 2018 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 4.5 މިލިއަން ޑޮލަރު (69.8 މިލިއަން ރުފިޔާ) ލިބި ފައިދާއަށް ވަނީ 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ލިބިފަ އެވެ.

އެންމެ ފަހުން ބޭއްވި އޭޖީއެމްގައި ވެސް އެމްޑީ ތަޒްމީލް ވަނީ އެ ކުންފުނިން އަންނަ އަހަރު އަލުން ހިއްސާދާރުންނަށް ފައިދާ ބެހޭ ވަރު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތަޒްމީލް މިރޭ ވެސް ވިދާޅުވީ މި ސަރުކާރަށް ފުރަތަމަ އަހަރު ފުރޭއިރު، އެމްޓީޑީސީގެ ދަރަނިތައް ފިލުވާލައި އަރަނިވެރި ކުންފުންޏަކަށް ބަދަލު ކުރަން ސަރުކާރުން ލިބެން ޖެހޭ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހާއި ޓޫރިޒަމް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

"މި ކުންފުނިން އަރަނި ކުންފުންޏަކަށް ބަދަލު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރާއި ރައީސްގެ ކިބައިން ވަނީ ލިބިފައި. ހިއްސާދާރުންގެ ހައްގުތައް އޭގެ ފުރިހަމަ ގޮތުގައި މި ކުންފުނިން ހޯދައިދޭނެ،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީއަށް މާބޮޑު ގެއްލުމާ ކުރިމަތިވާން ފެށުމުން އެ ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައި ހުރި ރަށްތައް ކުރީގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ. އެ ކުންފުންޏަށް ހަމައެކަނި އާމްދަނީ ލިބެނީ އެ ކުންފުންޏަށް ލިބިފައިވާ ރަށްތަކެއް ސަބްލީޒްކޮށްގެން އެ ރަށްތަކުގެ ކުލީގެ ގޮތުގަ އެވެ. އޭގެ ތެރެއިން ދެ ރަށެއް އެ ކުންފުނިން ވަނީ އެއްކޮށް ވިއްކައިވެސް ލައިފަ އެވެ.

comment ކޮމެންޓް