ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ކުރިއަށް އޮތްތަނުގައި މޫސުން އިތުރަަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ފަސް ގަޑިއިރު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ކަނޑުގަދަވެ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ކަނޑުދަތުރު ކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

އެމްއެންޑީއެފުން ބުނީ ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށާއި ދަތުރު ކުރާއިރު ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ޚިދުމަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކް ކުރަން ޖެހޭނެ ކަމަށެވެ.

އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރު ނުކުރަންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޑައިވިިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން ކުޅިވަރުތައް ރޭވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅުތަކަށް މިރޭ 11:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

comment ކޮމެންޓް