ޓީޖެޓީ ސަރަހައްދުގެ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އެހީވުމަށް އުކުޅަހުގައި ޚާއްސަ ހަރަކާތްތަކެއް

އއ. އުކުޅަސް -- ފޮޓޯ/ ފޭސްބުކް

މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު އއ. އުކުޅަހުގެ ތިން މީހުންނާއި އެހީއަށް ބޭނުންވެފައިވާ އެރަށުގެ އިތުރު މީހަކަށް އެހީވުމުގެ ގޮތުން އުކުޅަހުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ދީފިއެވެ.

އެހީއަށް ބޭނުންވެފައިވާ ހަތަރު މީހުން ތެރެއިން ތިން މީހަކީ، މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުންނެވެ. އެ ތިން މީހުންނަކީވެސް އުކުޅަސް ތިން މީހުންނެވެ. އަދި ހަތަރު ވަނަ މީހަކީ ފުއްޕާމޭގެ މައްސަލައެއް ހުރި، އެހީއަށް ބޭނުންވެފައިވާ މީހެކެވެ.

އެ ހަތަރު މީހުންގެ އިތުރު ފަރުވާއަށް އުކުޅަހުގެ ރައްޔިތުން ވަނީ ބޮޑު ފަންޑްރައިޒިން އިވެންޓެއް ފަށާފައެވެ.

އެ އިވެންޓާ ގުޅޭގޮތުން އުކުޅަހު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ އެ ފަންޑްރައިޒިންގައި ރަށުގެ މުއައްސަސާތަކުގައި ހަރަކާތްތެރިވާ ދިވެހި އަދި ބިދޭސީ މުއައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން ބައެއް މުއައްސަސާތަކުގެ ދިވެހި މުއައްޒަފުން ވަނީ 500 ރުފިޔާ ހަދިޔާކޮށްފައި ކަމަށާއި ބިދޭސީ މުވައްޒަފުން ވަނީ 200 ރުފިޔާ ހަދިޔާކޮށްފައި ކަމަށެވެ.

އެ ހަރަކާތުގައި އެހީވެފައިވާ މުއައްސަސާތަކުގެ ތެރޭގައި އުކުޅަހު ކައުންސިލްގެ އިދާރާ އާއި ސިއްހީ މަރުކަޒާއި އުކުޅަހު ސްކޫލާއި އުކުޅަހު މެޖިސްޓްރޭޓް ކޯޓު އަދި ސްޓެލްކޯ އުކުޅަހު ބްރާންޗު ވެސް ހިމެނެއެވެ.

ސައީދު ވިދާޅުވީ މިއަދު ފެށި އެ ފަންޑްރައިޒިން ގައި މިހާތަނަށް 54،560 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މާދަމާ އިތުރު ހަރަކާތްތައްވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ރަށުގެ އެއް ފަޅިން ކުރިއަށް ގެންދާނެ ސައި ވިއްކުމުގެ ހަރަކާތެއް. އެއީވެސް ފަންޑްރައިޒްކުރުމަށް. އެއަށްފަހު ރަށުގެ އަނެއްފަޅީގެ ރައްޔިތުން ހޮނިހިރު ދުވަހު ހަރަކާތެއް ކުރިއަށް ގެންދާނެ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށަކީ ހިބަރަށް ދާމީހުން އުޅޭ ރަށެއް ކަމަށާއި އެ ފަރާތްތަކާ ގުޅިގެންވެސް ފަންޑްރައިޒްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

comment ކޮމެންޓް