މަޖިލިސް ރައީސް ތަނަކަށް ގެންދެވޭނީ ޓިކެޓާއި ހުރުމުގެ ހަރަދު ދިނީމާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް އިދާރާ \

މަޖިލީހުގެ ރައީސް އެއްވެސް ދަތުރެއްގައި ތަނަކަށް ގެންދެވޭނީ، އެކަމެއް އިންތިޒާމް ކުރާ ފަރާތުން ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދިނުމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ބޮމްބޭގައި އޮތް އެޑެކްސް ޑައިވް ފެއާގައި ބައިވެރިވުމަށް އެމަނިކުފާނު މިއަދު އިންޑިއާއަށް ފުރާވަޑައިގަންވާނެ ކަމަށެވެ.

މިއަދު އިންޑިއާއަށް ފުރާވަޑައިގެން ނަމަވެސް ދެން ބާއްވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފެއާގައި އެއްޗެއް ވިދާޅުވާން ފެއާ އިންތިޒާމު ކުރާ ފަރާތުން އެދިފައިވާ ކަމަށާއި ފެއާގައި ބައިވެރިވެވަޑައިގަތީ އެއީ ރާއްޖެއާ ވަރަށް ގުޅުންހުރި ކަމެއް ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ދަތުރުގެ ބަޖެޓު ވަރަށް ކުޑަ ކަމަށާއި، އެހެންކަމުން އެފަދަ ކޮންމެ ދަތުރެއްގައި ވެސް ބައިވެރިވެވޭނީ ދަތުރުގެ ހަރަދާއި ހުރުމުގެ ހަރަދު ހަމަޖެހުމުން ކަމަށް އެކަމެއް އިންތިޒާމުކުރާ ފަރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

"އެހެންވީމަ މި މައުލޫމާތު އެހެން ހުރިހާ ފަރާތަކަށް ވެސް އެނގިފައި އޮތުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މަޖިލިސް ރައީސް ތަނަކަށް ގެންދަވާން ބޭނުންވެވަޑައިގަންވަންޏާ ދެކޮޅު ޓިކެޓާ ހުރުމުގެ ހަރަދު ހަމަޖެހުނީމަ އަޅުގަނޑަށް ތަނަކަށް ދެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

މިއީ އެޑެކްސް ޑައިވް އެކްސްޕޯ ބާއްވާ 25 ވަނަ އަހަރެވެ. އަދި މިއީ މި އެކްސްޕޯ އިންޑިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެކްސްޕޯ ކުރިއަށް ދާނީ މާދަމާއިން ފެށިގެން މި އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދުނިޔޭގެ ފުންނާބު އުސް ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.

comment ކޮމެންޓް