ޖޭއެސްސީގެ އާންމުންގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލަނީ

މަޖިލިސް: ޖޭއެސްސީ އިން އާންމުގެ ތެރެއިން ހޮވާ މެމްބަރަކަށް އަލުން ހުޅުވާލަން މަޖިލީހުން ވަނީ ނިންމާފައި --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި އެންމެ ފުރަތަމަ ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ ކޮމިޝަންގެ މެންބަރު، އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ.

ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމި ސަބަބު ހާމަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރު ކަމަށް އިއުލާންކޮށްފައިވަނީ، ކުރީގައި އަމަލު ކުރަން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށެވެ.

ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވުމާއި ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޖުޑީޝަރީ ކޮމިޓީން އެދިފައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް އަލުން އިއުލާން ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ އަނެއްކާވެސް އަލުން މި ދެންވި މަގާމަށް [ޖޭއެސްސީގެ މެމްބަރު ކަމަށް] ކުރިމަތިލުމަށް އިއުލާން ކުރެވޭނެ. މަޖިލީހުން އެދެނީ ވީހާވެސް ގިނަ ބޭފުޅުންނެއް، އެއީ ކުރީގެ އިއުލާނަށް ޝައުގުވެރިކަމާއެކު ވަޑައިގެންނެވި ބޭފުޅުން [ކުރިތިލެއްވި ބޭފުޅުން] އެދިވަޑައިގަންނަވާނަމަ، އެ ބޭފުޅުންގެ ނަންފުޅުތައްވެސް ފޮނުއްވަވަން ވީ. އަދި އިތުރަށް އެހެން ބޭފުޅުން ޝައުގުވެރިވެވަޑައިގަންނަވާ ނަމަ އެބޭފުޅުންގެ ނަންފުޅުތައްވެސް ހުށަހަޅުއްވަންވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކު
  3. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  4. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  5. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހެއް
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކު
  7. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
  8. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  9. ބަންޑާރަ ނައިބު
  10. ވަކީލުންގެ ފަރާތުން އިންތިހާބު ކުރާ މެމްބަރަކު
comment ކޮމެންޓް