އެންއައިސީއަށް ނަގަން ރައީސް އިސްކަން ދެއްވަނީ ޝުއައިބަށް

މަޖިލިސް ޖަލްސާގެ ތެރެއިން: --- ފޮޓޯ/ މަޖިލިސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފަިއވާ މެންބަރު ކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ޖޭއެސްސީގެ ކުރީގެ މެމްބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަމާ އެކު ހަތަރު ނަމެއް ރައީސް މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ހަތަރު ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް އިއްވައި އެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ އެ މާގާމުގައި ހުންނެވި މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ފަހަރު، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުއާ އެކު 26 ބޭފުޅަކު ކުރިމަތިލި އެވެ. ނަމަވެސް މާނިއު ފަހުން ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ. އަދި ފަހުން މަޖިލިލީހާ މަޝްވަރާ ކުރުމަށްފަހު، ރައީސް އޮފީހުން އަލުން މަގާމަށް ކުރިމަތިލުމަށް ހުޅުވާލި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާޅުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހު އިސްކަންދެއްވާ ނަންތަކުގެ ތެރެއިން އެއްވަނައިގައި އޮތީ، ޖޭއެސްސީގެ ކުރީގެ މެންބަރު ޝުއައިބު އަބްދުއްރަހުމާންގެ ނަންފުޅެވެ. ޝުއައިބު ޖޭއެސްސީގައި އަދާކުރައްވާފައި ވަނީ އާންމުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރުކަމުގެ މަގާމެވެ.

ރައީސް އިސްކަންދެއްވި ބޭފުޅުން:

  1. ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ރސ. 1188
  2. ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ. ދިވެތި
  3. ޑރ. މަރުޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
  4. ހައްވާ ލީޝާ، ގ. ތުޑިވެލި

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލީ މީހުންގެ ޖުމްލަ އަދަދެއް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.

އެންއައިސީގެ މެމްބަރުކަމަށް އެންމެ ފުރަތަމަ ކުރިމަތިލި 26 މީހުންގެ ނަންތައް ކޮމިޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އޭގެއިން އެއްވެސް ނަމަކަށް ރުހުން ނުދީ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފަހުން ފޮނުވާލި އެވެ.

އެންއައިސީގެ ގާނޫނު ބުނާ ގޮތުން ފަސް މެމްބަރުން ހިމެނޭ އެންއައިސީގެ މެމްބަރުންގެ ދައުރަކީ، ފަސް އަހަރެވެ. މިހާރު ކޮމިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނަކީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް