އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ފާރުގައި ގޮށްމުށުގެ އެތައްފަހަރެއް ވީއްލާލުމުން ފާރުތަކަށް ޒަލްޒަލާއެއް އައިފަދައިން ލޮޅުމެއް އެރިއެވެ. ހުޅުދާންކޮށްފައިވާ ބައްތިތަކުގައިވާ ހުޅުކޮޅުވެސް ރޫރޫއަޅައިގަތީ އެއަށް ދިރުމެއް ވާފަދައިންނެވެ. ބޮޑުވެ ފާރަށް އެޅުނު ހިޔަނި ބިޔަވިއިރު އިސްތަށިގަނޑުވެސް މޫނަށް ފައިބައިގަތެވެ.

ކޮންމެވެސް މީހެއްގެ ހިލަންވެގެން ސެފްރަން އެނބުރި ބަލައިލީ ރުޅިވެރިކަމުން ފުރިފައިވާ ނަޒަރަކުންނެވެ.

ދޮރުމަތީގައި ހުރީ އާރްޔާއެވެ. ފިނިން ސަލާމަތްވާން ހެދުންތަކުގެ ނިވަލުގައި ފޮރުވިގެން ހުރިއިރު ފިޔާތޮށިކުލަ އަރާފައިވާ މޫނު ނޫންތަނެއް ނުފެނެއެވެ. އަނގަމަތީ އަތް އަޅައިގެން އަޅި ލޯ ބޮޑުކޮށްލައިގެން ހުރެފައި އަތް ތިރިކޮށްލިއެވެ.

"އާ ޔޫ އެ ފެއަރީ؟ ދިސް ގޯލްޑެން ވިންގް.........ވަން ވިންގްޑް އެންޖެލްއެއްހެން... އެމޭޒިން.............." އާރްޔާގެ ނަޒަރު ހުރީ ސެފްރަންގެ ވަރައަށެވެ. ރަންކުލަ އަރާ އެ ވަރައިގެ ރީތިކަމުން އަޝޯޚުވާވަރުވެއެވެ. ސެފްރަންގެ ވަރައާއި ޒޭބްގެ ވަރަ އެއްގޮތްކަމެއް ހުރުމުންވެސް އެކަމާމެދު ވިސްނައިލަން މަޖުބޫރުވިއެވެ. " ލަވް ދިސް..."

އާރްޔާ ކުޑަކުއްޖެއްގެ ޝައުގުވެރިކަމާއެކު ސެފްރަންގެ ވަރައިގާ އިނގިލި ޖައްސާލަން އުޅުމުން ސެފްރަންއަށް ފަހަތަށް ޖެހިލެވުނެވެ.

"އާރްޔާ ތިއައީ ކީއްކުރަން؟އަހަރެން ކޮޓަރިއަށް ހުއްދަނެތި ވަދެގެންވެސް ނުވާނެކަން ނޭގުނު. ކުޑަކުއްޖެއް ނޫންނަމަ...." ސެފްރަން ފުންނޭވާއެއް ދޫކޮށްލިއެވެ. އާރްޔާގެ ޅަކަމާމެދު ހަމްދަރުދީވެ އެވަގުތު އައިސްފަ ހުރި ރުޅ ފިނިވެ މީހާ ހަމަޖެހިލާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. އޭނަގެ ރޯބް ގަޔަށް މަހާލުމަށްފަހު ދިގު ޖެކެޓް ލައިގެން އިސްތަށިގަނޑާއެކު އަނގަމަތިވެސް ހޫޑީން ފޮރުވިއެވެ. ހަމައެކަނި އެ ކްރިމްސަން ދެލޯ ދައްކާލައިގެން ހުރެފައި އޭނަ ކަމަރަށް ޚަންޖަރު ޖެހިއެވެ. ލައިގެން ހުރި ބޫޓަށް ތޫނު ފިޔޮހިތަކެއް ޖަހާ ކަނޑިވެސް ނެގިއެވެ. ހަގުރާމައަކަށް ތައްޔާރުވަނީ ހެއްޔޭ އަހަން އުޅެފައިވެސް ސެފްރަންއާއި ސަމާސާކުރުމުގެ ޚިޔާލު ދޫކޮށްލިއެވެ. ޖިންނީން ތަންކޮޅެއް "ގަމާރު" ވާނެކަން އޭނަ ދަނެއެވެ. އިންސާނުންހާ ވިސްނުންތޫނު މަޚުލޫގެއް ނުވާނެއެވެ ޖިންނިން ޒުވާން އުމުރު ފެށެނީވެސް އަށްޑިހަ އަހަރުން ކަމުގައި ސޯރާ ބުނުމުން އާރްޔާއަށް ސިހުމެއް ލިބުނެވެ. އެތައް ހާސް އަހަރަކަށް ދުނިޔޭގައި އުޅުމުގެ ނަސީބު ޖިންނިންނަށް ލިބިފައިވާއިރު އެފަދަ ކަންތައްތަކުންވެސް ތަފާތުވާނެކަން އެނގެއެވެ. ސެފްރަންގެ އުމުރު ލަފާކޮށްލާކަށްވެސް އޭނައަކަށް ނޭގުނެވެ.

އާރްޔާ އެ ސުވާލަށް ޖަވާބު ދިނުމެއްނެތި އޭނަ ގެނައި ސްޓޫލް މޭޒުކައިރީ ބެހެއްޓިއެވެ. ލައިގެން ހުރި ބޯ ހެދުމުގެ ތެރެއިން ނެގީ ތާރަޖަހަން ގެންގުޅޭ އެއްޗެކެވެ. އާރްޔާ ސްޓޫލް މައްޗަށް ކޮޅަށް އެރިއެވެ. ސެފްރަން އެސްފިޔަޖަހަނުލާ އާރްޔާގެ ހަރަކާތްތަކަށް ބަލަން ހުއްޓާ އާރްޔާގެ ރީތި އަޑުން ލަވައެއް ކިޔަންފެށިއެވެ. ބެންތިކް ބަހުން ޝުކުރު އަދި މަރުހަބާވެސް އެކުލެވޭ ލަވައެކެވެ. ސެފްރަންއަށް މަޖާވިއެވެ. މިއިން ޒަމާނެއްގައިވެސް މިފަދަ މަޖާކަމެއް އޭނައަށް ފެނިފައެއްނުވެއެވެ. އާރްޔާ ލަވަ ކިޔާ ނިންމާލާފައި ސެފްރަން ހުރީ ހީ ނުލާ އާރްޔާއަށް ބަލާށެވެ. އާރްޔާގެ ތުންފަތުގައިވާ ހިނިތުންވުން ގެއްލުނީ ސެފްރަން ރުޅިއައިސްފަ ކަމުގެ ކުށްހީކުރެވިފައެވެ. އެކަމާއި މޮޅިވެރިވެ ރުޅިވެސް އަންނަ ގޮތްވެ ތުން ދަމާލެވިއްޖެއެވެ. އެއާއެކު ސެފްރަން ކުއްލިއަކަށް ހޭންފެށިއެވެ.

"ދެޓް ވޯޒް ސޯ އަންއެކްސްޕެކްޓެޑް.....އިންސާނުން އުޅޭލެއް ހާދަ މަޖައޭ......" ސެފްރަންގެ ނަޒަރު ދެން ހުއްޓުނީ އާރްޔާ ޖީބުން ނެގި ބުދަށެވެ. " އާރްޔާ އާކްޓިކް އެއްކޮށް ހެދުމުގެ ތެރެއަށް ލައިގެންތަ؟"

"ހަހަ.......ޔޫ އާ ފަނީ ސެފްރަން. ޝުކުރިއްޔާ މި ޑޯލް ދިނީތީ. ޝީ ކީޕްސް މީ ކޮމްޕެނީ އެކަނިވާއިރު.............." އާރްޔާ އެއް އަތުން ހިފަހައްޓާލައިގެން ހުރި ބުދު ދެއްކުމުން ސެފްރަން ހީލިއެވެ. ބާރައަހަރުގެ ކުޑަ އަންހެންކުއްޖަކު ގަޔާވާނެ ހަދިޔާއަކަށް ބުދުތައް ވެދާނެކަމަށް ހީކުރެވުނީ ރަގަޅަށެވެ.

ސެފްރަން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އާރްޔާވެސް ފަހަތުން ނުކުތްއިރު ފަޒާ ފިނިގަދަކަމުން ނޭވާއިން އާވި އަރައެވެ. އެތަން މިތާ ރޯކޮށްފައި ހުރި އަލިފާންގަނޑުތައް މަގު ދައްކާ އެހީތެރިއަކަށްވިއެވެ. ސެފްރަން ނުކުތުމާއެކު އޭނަ ގެންގުޅޭ ޕޯލާބެއާ ފުންމައިގެން އައިގޮތަށް ސެފްރަން ގަޔަށް ޖެހިގަތްގޮތަށް ދެ އެކުވެރިން ސްނޯމައްޗަށް ޖެހުނެވެ. ސެފްރަން ހީހީފައި ބޫގެ ގައިގާ ހިފާ އޮޅުލީތަން ބަލަން އާރްޔާއަށް ހުރެވުނީ ނިކަން ގަޔާވެފައެވެ. އެހެން އިންސާނުންނާއި ޖިންނިން ތަފާތުވާ އެއް ސަބަބަކީ މިއީއެވެ. މިއޮތް ގެންގުޅޭ އޮޅު ޖަނަވާރުތައްވެސް އިންސާނުންނަށް ނުގެންގުޅެވޭނެކަން ޔަގީނެވެ. އާރްޔާއަށްވެސް ނުހުރެވިގެން ބޫގެ ބޮލުގައި ފިރުމައިލެވުނެވެ.

"އަހަންނަށް މިއާއެކު ކުޅެވޭނެތަ؟ "އާރްޔާ އެހިއެވެ.

"ކުޑަ އަންހެންކުދިން މިހާ ނުރައްކާތެރި ޖަނަވާރުންނާއެކު އުޅުން ރައްކާތެރިއެއްނޫން....."

"ޖިންނީންގެ ޒުލެއް އޮވޭތަ؟ "

"އާކްޓިކްއަކީވެސް ހައިވާން ބަގީޗާއެއް. ޖިންނީންނަކީވެސް އޭގެތެރެއިން ހިމެނޭ ބަޔެއް...................." ސެފްރަންގެ ޖުމްލައިން އާރްޔާއަށް ހީގަނެވުނެވެ.

"ސެފްރަންގެ މަންމައާއި ބައްޕަކޮބާތަ؟ " އާރްޔާގެ ސުވާލުން ސެފްރަން ހިތްހަމަނުޖެހުނީކަން ނޭގެއެވެ. ޖަވާބެއްނުދީ ދިގު ފިޔަވަޅުތައް އަޅާފައި ހިނގަން ފެށުމުން އާރްޔާ ދުވެ ދުވެވެސް ސެފްރަންއާއި އަރާ ހަމަކުރެވޭވަރެއް ނުވިއެވެ. އެނބުރި އައިއިރު ސޯރާ ރިފްކާ އަދި ޕަރީ އޭނަގެ އިންތިޒާރުގައި ދޮރުމަތީގައި ތިބެފައި އާރްޔާގެ އަތުގައި ހިފާފައި ފިތާލަމުން އުފާފާޅުކުރިއެވެ. ނަމަވެސް އެގޭގައި ހުންނަން އައީ ނޫންކަން އެނގުމުން ސޯރާގެ މޫނުވެސް މޯޅިވިއެވެ. އާރްޔާ ބުނީ ދޭތެރެއަކުން އަންނާނެ ކަމަށާއި އޭނަ އެކުދިން މަތިން ދުވަހަކު ހަދާން ނުނެތޭނެކަމުގައެވެ. ހަތަރުކުދިން އަނގަ ތަޅައިލަން އިރުގަނޑެއްވާންދެން ތިބުމަށްފަހު އާރްޔާ ބަލާ ޒޭބް އަސްގާޑިޔާގައި އައުމުން އެކުދިންނަށް އަލްވަދާއު ކިޔާފައި ހިނގައިގަތެވެ.

***

ކަޅު ހިޖާބުގައި މުޅިން ފޮރުވިގެން އިނަސް ޒޭބްއަށް ސެފްރަންގެ ހަރަކާތްތަކަށް ބަލަން އިނދެވުނެވެ. ސެފްރަންއަކީ ކޮން ގަބީލާއެއްގެ ކާކުކަމާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ. އެހުންނަ ސިއްރުވެރިގޮތާއި ކްރިމްސަންކުލައިގެ ދެލޯ ވާރުތަވީ ކިހިނެއްބާވައޭވެސް ހިތަށް އެރިއެވެ. އާއްމުކޮށް ޖިންނިއެއްގެ ލޮލުގައި ހުންނަ ކުލައެއްވެސް ނޫނެވެ. ހާދަ ތަފާތެވެ. ސެފްރަންއަށް ހިތުގައިވާ ޝައުގު ބޮޑުވާވަރުން އަޒްކީލް ކައިރިން އަހަކަށްވެސް ނުކެރުނެވެ. ޕޯލާބެއާއަކާއިގެން ޖިންނިން މިހާ ވަރު ހުންނަތަނެއް އޭނައަށް އަދި ފެނިފައެއް ނުވެއެވެ.

"ޖިންނި އެކުވެރިންވެސް އާރްޔާ ހޯދީތަ؟ " ޒޭބް ހިނިތުންވެލިއެވެ.

"އެކުދިން ވަރަށް ސްވީޓް...." އާރްޔާ އަތުގައި އޮތް ބުދުގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އާރްޔާގެ ހަށިގަނޑާއި ވަކިނުކޮށް ގެންގުޅޭ ބުދަކީ އާރްޔާ ގެއިން ގެނައި އެއްޗެއްކަމުގައި ޒޭބް ހީކުރިއެވެ. އަސްގާޑިޔާ މަގުމަތިން ދިޔައިރު މަގުމަތިން ނާމާން ހުނުމުގެ އަޑާއި ޖަނަވާރުގެ ހަޅޭކުގެ ބިރުވެރި އަޑުން އާރްޔާގެ ގައިން ހީބިހިނަގައެވެ. ދޭތެރެއަކުން ހުރަސްކޮށްލާ ހިޔަނިތަކާއި ތަފާތު ކުލަކުލައިގެ އަލި ގުޅަތަކާއި ވައިއަޑުން ވާހަކަދައްކާލާ އަޑަށް މިހާދުވަސްވީއިރުވެސް އާރްޔާގެ ކަންފަތް ހާނުވާލެވޭ ގޮތެއްނުވިއެވެ. ފަރުބަދަމަތީގެ ހަނިމަގުން އަސްދުއްވަމުން ދިޔައިރު އަނެއްފަރާތުގައި އޮތް ވާދީވެސް ފެންނާން އޮތީ ބިރުވެރިކޮށެވެ. އެންމެ މައްޗަށް އެރިއިރު ފިނިގަދަކަމުން އާރްޔާ ރޫރޫއަޅައިގަތުމުން ޒޭބްއާއި ކައިރިވެލީ ހީފިލުވުމުގެ ނިޔަތުގައެވެ.

ފަރުބަދައާއި ކައިރި ހިސާބުގަނޑުގައި ހުސްކޮށް އޮތް މައިދާނެއްގައި ޖިންނީންގެ އެއްވުމެއް ކުރިއަށް ދާތަން އާރްޔާއަށް ފެނުނެވެ. އެންމެން ތިބީ ހުދު ސްނޯކޮޅެއްފަދަ ތުނބުޅިޖެހި ޝޭޚަކު ވަށާލައިގެން އޭނަ ކިޔާއެއްޗަކަށް ސަމާލުކަން ދީގެން އަދަބުވެރިކޮށެވެ.

"އެންމެ ދުވަސްވީ އެއް ޝޭޚު ކަހީޖު ދަރުސް ދެނީ. ޅަ ޖިންނީން ބޮޑާވެ މަގުފުރެދުން އިތުރުވީމަ އެފަދަ ޝޭޚެއްގެ ދަރުސްތައް ގިނަގިނައިން ދިނުމުން މަގު ގެއްލިޔަނުދީ ހަޔޮމަގަށް ރުޖޫއަވާނެ. މާތް ﷲ ކަހީޖުއަށް ރަހުމަތް ލައްވާށި....."ޒޭބްގެ އެ ޖުމްލައާއިއެކު އާރްޔާ އާމީން ކިޔާލަމުން ހިނިތުންވެލިއެވެ.

އަޒްކީލްއާއި ކުދިން ޒޭބްގެ އިންތިޒާރުގައި ސުފުރާ ފަތުރާލައިގެން ކާން ތައްޔާރަށް ތިބިއިރު ބިތުގައި ހުޅުދާން ކޮށްފައިވާ ބައްތިއެއްގެ އަލިން ތަނަށް ހިތްގައިމު ކުލައެއް ފަތުރާލަފައިވިއެވެ. ފިހެފައި ހުރި ގެރިމަހާއި ކުކުޅު އަދި ރޮށްޓާއި މޭވާއަދި ފޮނި ކާތަކެތިފަދަ ތަކެތިން މޭޒު އޮތީ ފުރާލަފައެވެ. އާރްޔާ ފެނުމުން މާކިއަން ހީލިއެވެ. މާކިއަންގެ ސިފަތައް އޭނަގެ ބައްޕައާއި ވައްތަރެވެ. އެގަދަ ފެހި ދެލޮލެވެ. ޒޭބްއާއި އެހެން ކުދިން ފަދައިން އޭނައަށް ވަރައެއް ލިބިފައެއް ނެތެވެ. ބައްދަލުކޮށްލާ ހިނިތުންވުންތައް ފިޔަވާ އެންމެން އެކީ ކާން އިށީދެފައި އަޒްކީލް ބިސްމި ކިޔާފައި މާތްﷲއަށް ހަމްދުކުރިއެވެ. އެންމެން އެކީ ދުޢާކުރަން އަތް އުފުލިގޮތަށް އަދަބުވެރިކަން ފެނުނެވެ. ދުޢާކުރުމަށްފަހު އުފާވެރި މާހައުލެއްގައި ކައިގެން ކާންތިބިއިރު ރަށުތެރެ ޒީނަތްތެރިވަމުން އަންނަނީ ޝާހީ ކައިވެންޏަކަށް ކަން އެނގުނެވެ. އެކައިވެނީގެ އުފާތައް ސާޅީސް ރޭވަންދެން ކުރިއަށް ގެންދާނެކަމުގައި އަޒްކީލް ބުނުމުން އާރްޔާއަށްވެސް އުފަލުން ހީލެވުނެވެ. އެންގޭޖެމެންޓަށްވުރެ ކުލަ ގަދަވާނެކަން ޔަގީންވިއެވެ. ކެއުމަށްފަހު އެންމެން ނިދަން ކޮޓަރިތަކަށް ވަނެވެ. ހުޅުވާފައިވާ ދޮރުން އާރްޔައަށް ތަފާތު މަންޒަރެއް ފެނުނެވެ. މާކިއަން ގެ މޫނަށް އަޒްކީލް ބޮސްދީފައި ހީލަމުން އެއްޗެކޭ ބުނެލިއެވެ.

"އަޒްކީލްއަކާ ނުވެސް ގުޅޭ. އެހާ ކުދިން ދެކެ ލޯބިވާތީ ހައިރާން. އޯ ގޯޑް. އައި މިސް މައި ޑޭޑް ސޯ މަޗް. ބައްޕަވެސް ކިހާ ލޯބިން އުޅުނީ. ކުޑައިރު ނިދާއިރު ބައްޕަ ވާހަކަތައް ކިޔައިދޭން. ކޮންމެ ރެއަކު ލޯބިވާ ވާހަކަ ބުނެފައި ނިތަށް ބޮސްދޭނެ..ކުޑަ ކޫރުމެއް އެޅުނަސް އެކަމާ އެންމެ ދެރަވާނީ ބައްޕަ.."އާރްޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މަންމައާއި ބައްޕަގެ ލޯތްބަށްޓަކާ ހިތް ފެންބޮވައިގަތެވެ.

ކޮޓަރިއަށް ވަދެފައި ކިޑިކީއިން ބޭރަށް ބަލައިލުމުން ހިތަށް ބިރުވެރިކަން ވަނެވެ. ފަނޑު އަލިކަމުގެ ތެރެއިން ފަރުބަދަތަކާއި ހިލަތައްވެސް ފެންނަނީ ފުރޭތަތައް ފަދައިންނެވެ. ކަޅުސާލެއްފަދަ އުދަރެސް ހުރަސްކޮށް ދަތުރުކުރާ އަލި ގުޅަތައް އިންތިހާއަށް ގިނަރެއެކެވެ. އާރްޔާ ދޮރު ލައްޕާލުމަށްފަހު އެނދަށް އެރިއެވެ. ދިގު ރޭ ކަޑައްތުކޮށްލަން ކުރަހާ ފޮތްތައް ނެގިއެވެ. ސްކެޗްކުރަންފެށީ އެންމެ ފިޔަގަނޑެއް ލިބިފައިވާ "އެންޖެލް"އެކެވެ.

"ސެފްރަން......."

ސެފްރަންގެ ނަން ކިޔައިލިއިރު އާރްޔާގެ ދެލޮލުގެ ވިދުވަރު ގަދަވިއެވެ. ސެފްރަންއާއި މިރިއަމްގެ ކައިވެނީގެ ދުވަސް ހާދަ ކުލަގަދަވާނެއެވެ. ސާޅީސް ރޭވަންދެން ފާހަގަކުރާނެކަމަށް އަޒްކީލް ބުނެފައިވާއިރު އޮންނާނީ ހަވާއެރުވުމާއި ނެށުންކަހަލަ ކަންތައްތައް ބާވައެވެ. ޖިންނި ކައިވެނި ހަފުލާއެއްވީމަ އެމީހުންގެ ސަގާފަތް ތަފާތުވެސް ވާނެއެވެ. އެކަމަކު ސެފްރަން އެހާ ރުޅިގަދަވެ ހިތާމަކުރަނީ ކީއްވެހެއްޔެވެ؟ އެހާ އެކަނިވެރިކޮށް އުޅެނީ ކީއްވެބާވައެވެ. އަބަދު ވިސްނުމާއި ޚިޔާލީ ދުނިޔެއެއްގައެވެ. ސެފްރެންއަށް އުފާވެރިކަން ދެއްވުމަށް އެދި އަރްޔާ ދުއާކުރިއެވެ. ރަޖާގެ ދަށަށް ވަދެ އޮވެ ރޭގަނޑުގެ ދުޢާތައް ކުރިއެވެ. ބައްތީގެ ހުޅުކޮޅުން އިވޭ ލުއިލުއި އަޑު ނަނާއަކަށްވެގެން އޭނަގެ އެސްފިޔަތަކުގައި ހިފާ ނިދީގެ ފޮނިކަމާއި އަރާމުގެ ފުންކަމުގެ ތެރެއަށް މަޑުމަޑުން ގަންބާލިއެވެ.


***

ޒުއްނޫރީން ޖަލްޖާލޫތާއި ގަންދީޝާއާއި ބައްދަލުކޮށް ކާރމަންގެ ހުށަހެޅުން ފޯރުކޮށްދިނެވެ. އެންމެންގެ ހިތްތަކުގައިވާ ކިލަބުކަން ފިލުވައިލާ ގުޅުން ބަދަހިކުރަން އެ ކައިވެނި "ސިޔާސީ" ކަމެއްގެ ގޮތުން ނިންމަން މިރިއަމްއަށް ބާރުއަޅަން އެދުނެވެ. ޒުއްނޫރިން ނުސީދާކޮށް އިންޒާރެއްވެސް ދިނެވެ. އިފުރީތުންނާއި އަވަށްޓެރިންގެ ގޮތުގައި އުޅެން ފަސޭހަވެ ސުލްހަވެރިކަމާއެކު އުޅެން މިއީ ކުރުވަން ޖެހޭނެ ކައިވެންޏެއްކަމުގައި ވިސްނައިދިނެވެ. ގަންދީޝާ މިރިއަމް އާއި އެވާހަކަ ދެއްކުމުން މިރިއަމް ބުނީ އަމިއްލައަށް މަރުވެދާނެކަމުގައެވެ. ކާރމަންއާއިމެދު އެނަ ދެކެނީ ބޭބެއެއްގެ ގޮތުން ކަމަށާއި އިފުރީތަކާއި ނީންނާނެކަމުގައި ބުނެ ވަގުތުން ދެކޮޅުހެދިއެވެ.

ޒުއްނޫރީންއަށް އެ ޚަބަރު ދިނުމުން ލޮލުން އަލިފާން ނުކުތެވެ. ވަގުތުން ދުންކޮޅަކަށްވެ ގެއްލުނެވެ. ދެން ފައުޅުވީ އޭނަގެ ދަރިފުޅު ކާރމަންގެ ގެއިންނެވެ.

"ކާރމަން.. މިރިއަމް ކައިވެންޏަށް ދެކޮޅު ހަދާ ހަނގުރާމަ އިއުލާންކޮށްފި.................." ޒުއްނޫރީން މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

"އާހް....." ކާރމަންގެ ބޮލުގައި ރިއްސައިލިއެވެ.

"ކާރމަން. ފިކުރުނުކުރޭ. ދެކޮޅުހެދުނީތީ އެކަމާއި އަދި ހިތާމަކުރާނެ. ކަނޑުގެ ފަރުބަދަތަކާއި ގަނޑުފެންތައް ބޯ މައްޗަށް ވައްޓާލާނަން. އަހަރެމެން މަޑުން ތިއްބަސް ބަލިކަށިކަމަށް ހީކުރެވިގެން ނުވާނެ. ފެށުނީއްސުރެން އިފުރީތުންނާއި އެޖިންނިން ދެކޮޅު. އަހަރެމެންނަށް ލިބިފައިވާ ބާރާއިމެދު ހަސަދަވެރިވެފައި ވާކަމީ ފެންނަން ހުރި ހަގީގަތް. މާރިދުންނާއި ބެންތިކް ޖިންނީންނަކި އަހަރެމެންގެ ޒަމާނުއްސުރެން ދުޝްމަން ބަޔެއްކަން ހަދާން އެބަހުރި ސުލްހަވާން ދިއްކޮށްލި އަތުގައި ނުހިފިކަމީ ޖަލްޖާލޫތުގެ ރަސްކަމުގެ ނިމުން. ވަރަށް ހިތިކޮށް ބަލިވާނެ............." ޒުއްނޫރައިންގެ އުނަގަނޑުން ތިރި ދުމާއި އަލިފާނުގެ ތެރެއަށް ޣަރަގުވެފައިވާއިރު ދެލޮލުން ހުޅުތައް ނުކުމެއެވެ.

"މަންމާ. އަޅުގަނޑު ކެތްކުރާނަން އިންތިޒާރުކުރާނަން. ލޯބީގައި މަޖުބޫރުކަމެއް ނެތް. މަޖުބޫރުން ހޯދާ ލޯބީގައި ފޮނިކަމެއް ނުވާނެ. ކޮންމެވެސް ދުވަހަކުން އެހިތުގައި ލޯބި ލެއްވުން ދުޢާއަކީ..." ކާރމަން މާޔޫސްކަމާއެކު ބުންޏެވެ.

"ދަރިފުޅު ތި އިންތިޒާރުގައި ހުއްޓާ ކައިވެނީގެ ރަގަބީލު އެއޮތް ޖަހަނީ...." ޒުއްނޫރައިން ލޮލުން ފޮނުވައިލި އައްޔަކުން ދޮރު ހުޅުވާލުމަށްފަހު ހަވާގެ ތެރެއަށް އަރައިގެންގޮސް ދުރުދުރުން ފެންނަން ހުރީ އަލި ގުޅައެކެވެ. ކާރމަން އުދަރެހަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ދުރުގައިވާ ވާދީއަކަށް


***

ސެފްރަންއާއި މިރިއަމްގެ ކައިވެންޏަށްޓަކާ ބެންތިކް އައިލެންޑް ތައްޔާރުކުރުމުގައި ޖިންނިން ހޭލަމޭލަވެ އުޅެއެވެ. އެ ބޮޑު މައިދާނު ސްނޯއިން ސާފުކޮށްލާފައި މަތި ހިޔާކޮށްލާފައި ބިންގަނޑު ފުރައިލީ ފިނިފެންމާފިޔަތަކުންނެވެ. ކަނޑުގެ ސަތަހައިގާ އުފެދިފައިވާ ގަނޑުފެން ފަށަލަމަތީވެސް ވިދާބަބުޅަމުން ދިޔައީ އުއްބައްތި ޖަހާފައިވާ ރަންކުލައިގެ އުއްބައްތިޖަހާ ތަފާތު ޑިޒައިންތަކުގެ އެއްޗިއްސެވެ. އެތައް އުއްބައްތިތަކުން މުޅި ރަށް އެއްކޮށް ކަހަލަގޮތަކަށް ދިއްލާ އަޅާލުމުން ރީތިކަމުން އާޝޯޚުވާވަރުވެއެވެ. ވަކި ހިސާބެއްގައި ބޮޑުބެރުޖެހުމާއި ލަވަކިޔުން އަދި ނެށުން މެދުކެނޑުމެއްނެތި ކުރިއަށް ދާއިރު ރަށުތެރެ އާދަޔާ ޚިލާފަށް ހަލަބޮލިއެވެ. އާރްޔާއަށް ނެށުން ދައްކާލަންވެގެން ޒޭބް އަސްގާޑިޔާަގައި އެހިސާބަށް ގެންދިޔައީ އާރްޔާގެ އެދިލުމަށެވެ. ނެށުމަށްވުރެ ބޮޑަށް އާރްޔާގެ ހިތުގައި އޮތީ އޭނަގެ އެކުވެރިންނަށް ޒިޔާރަތްކޮށްލުމެވެ. ސެފްރަންވެސް ދެކެލުމަށެވެ.

"ހޭ ސެފްރަން....." އާރްޔާ ގެއަށް ވަދެފައި ގޮވައިލިއެވެ. "ކޮބާ އަހަރެމެންގެ ބްރައިޑްގްރޫމް. ސެފްރަންގެ ޝަރަފުގައި ހާދަ ވަރަކަށޭ ރަށުތެރެ ޒީނަތްތެރިކޮށްފައި މިއޮތީ...."

"އިހުތިރާމް. އިހުތިރާމް.." ސޯރާ އާރްޔާގެ އަތުގައި ހިފަމުން ކޮލުގައި ލޯބިން ޖަހައިލިއެވެ.

"އަދަބުކުޑަވާވަރުގެ އެއްޗެކޭ ނުބުނަމެއްނު. އެކްޗުއަލީ ސެފްރަން ގެންގުޅޭ ބޫ އާއި ހަގްކޮށްލާހިތުން ހަމަ ޑްރީމްއިންވެސް ފެންނަނީ އެ ސޮފްޓް ފްލަފީ ބެއާ ގަނޑު. މަށަށް ބޫ ދެކެ ލޯބިވެވިއްޖެ..."

"ބޫ ދެކެތަ ނޫނީ ވެރިޔާދެކެތަ؟ " ސޯރާ އެއްލޯ މަރައިލިއެވެ.

"ވަޓް؟ ސެފްރަންދެކެ......ހަހަ. ޔޫ އާ ސޯ ފަނީ...." އާރްޔާއަށް މަޖާވިވަރުން ލޮލުން ފެން އަންނާންދެން ހުނެވެ. "ޑްރީމެއްގައިވެސް އަދި ހިއުމަން ބޯއި އެއް ނާދޭ. އަދި ޖިންނިއަކާ ........."

"ހޫމް ހަމަ ކުޑަކުއްޖެއްވިއްޔަ. ސަމާސާއަކަށް އެހެން ބުނެލީ. ނުބައި މާނައެއް ނުނަގައްޗޭ. އެހެންނޫނަސް ސެފްރަން ޕްރިންސެސްއަކާއި ކައިވެނިކުރަން އެއުޅެނީ....." ސޯރާ މަޑުމަޑުން ބުނެލިއެވެ. އޭނައަށްވެސް ސެފްރަންވަރުގެ ރީތިކަމެއް ފެނިފާ ނުވެއެވެ. ސެފްރަން ކުޑައިރު ފެނުނީއްސުރެންވެސް ހިތުގައި އަޅައިގެން އެ ރީތިކަމަށް ހިތްކިޔައެވެ. ނަމަވެސް އޭނަގެ ފެންވަރަކީ ކޮބާހެއްޔެވެ؟ ސެފްރަންގެ ނަން ހިތަށް ގެނައުމަކީވެސް އަދަބު ހައްގުވާވަރުގެ ފާފައެއްކަމަށް އޭނަ ދެކުނެވެ. ލޫމާއާއި ރައްޓެހިވެގެން އުޅޭއިރުވެސް ލޫމާ ސެފްރަންހާ ރީތިވެފައި ރަސްދަރިކަލަކަށް ވާނެނަމައޭ ހިތަށް އެރި އަދަދެއްވެސް ނޭގެއެވެ.

***

މައިދާނުގައި ހަދާފައިވާ ސްޓޭޖެއްފަދަ ތަނަށް ރަސްކަމުގެ ދީވާނުގެ ބޮޑުންނާއި ޝާހީ އާއިލާ ޖަމާވެ ރަންއަދި ޔާގޫތު ގޮނޑިތައް ފުރަމުން ދިޔައެވެ. ވިދާބަބުޅާފަދަ ވިދުންގަދަ ޝާހީހެދުންތައް ބިންމަތީ ދަމަމުން އަންހެންވެރިން ފަރި ހިނގުމެއްގައި އަންނައިރު ފިރިހެން ޖިންނިންތައް އަނދެފައިވާ އަންނައުނާއި ލާފައި ހުރި ހެދުންތަކުންވެސް ޝާހީކަން ނޫން އެއްޗެއް ނުފެނެއެވެ. ސެފްރަންއާއި މިރިއަމް ޖެހިޖެހިގެން ހުރި ގޮނޑިތަކުގައި އިށީދެލިއިރު ސެފްރަން އަޅާފައިވާ ހެދުމުގައި އޭނަ ފެންނަލެއް ނިކަން ޝާހީއެވެ. ކައިވެނީގެ ރަސްމިއްޔާތު ދެކެން އެއްވެފައިވާ ކުދިބޮޑު ޖިންނީންތައް މުޅި މައިދާން ފުރާލާފައިވާއިރު ތަންކޮޅެއް ދުރުގައި އަލިފާން އަންދައިގެން ބޮޑެތި ތެލިތައް އަރުވައިގެން ކެއްކުމުގައި ޚާދިމާއިންތައް އަވަދިނެތި އުޅެއެވެ. މަސްފިހާ މީހުން މަސްފިހެނީއެވެ. ދުވާމީރުވަސް މުޅި ހިސާބުގައި އެއްވަސްވެލާފައެވެ.

ކައިވެނީގެ ވަގުތު ކުޑަތަންވަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނުނަސް ކާރމަންގެ އާއިލާއަށް ލިބިފައިވާ ނުތަނަވަސްކަން މޫނުމަތިން ފައުޅުވާން ހުރިއިރު ޒުއްނޫރައިން އާއި ގަންދީޝާ އެކަކު އަނެކަކަށް ވިހަ ބެލުމަކުން ބެލިއެވެ.

ކަހީޖު ކައިވެނީގެ ޚުތުބާ ކިޔުމަށްފަހު ކައިވެނިކޮށްދޭންފެށީ މުސްލިމުންގެ އާދަކާދައިގެ މަތިންނެވެ.

"އައްސުލްތާން ޖަލްޖާލޫތު ބިން ހަމްރާން ގެ ދަރިފުޅު މިރިއަމްއާއި ކައިވެނި ކުރުމަށް އެއްވެސް އިއުތިރާޒެއް އެބައޮތްތަ؟ " ކަހީޖުގެ ސުވާލަށް ސެފްރަންގެ ފަރާތުން ޖަވާބެއް ނުލިބުމުން ދެވަނަފަހަރަށްވެސް ސުވާލުކުރުމުން ސެފްރަން އިސް އުފުލައިލިއެވެ. ސޯރާމެންނާއެކު އެމަންޒަރުބަލަން ސަފުތަކުގެ ކުރީގައި ހުރި އާރްޔާއަށްވެސް ސެފްރަންގެ މޫނަށް ބަލައިލެވުނީ ސެފްރަން ޖަވާބެއް ނުދީ މާ ގިނައިރުވާން ފެށުމުންނެވެ. އެތައް ލައްކަ ޖިންނިތަކުން ފުރިފައިވާ އެ ރަށުތެރެއަށް ހިމޭންކަން ވެރިވިއެވެ. އެންމެންވެސް ނޭވާ ހިފަހައްޓައިގެން ތިބީހެއްޔެވެ؟ އާރްޔާ ހިނި އަންނަގޮތްވިއެވެ. ނޫނެކެވެ. ޖިންނިންނަށް ނޭވާ ލާކަށް ނުޖެހޭނެއެވެ. ފުއްޕާމެއާއި ހިތްވެސް ވާނީ އަލިފާންނާރާ ދުމުންނެވެ. ސެފްރަން އަނގައިން ނުބުނެ އިންނާން ފެށުމުން ސޯރާގެ މޫނަށް ބަލައިލިއިރު ސޯރާ ނިކަން މަޖާކޮށް އަނގަ ހުޅުވައިގެން ހުއްޓާ އާރްޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހުރިހާ ލޯތައް އޭނައަށް ހުއްޓުނުކަމެއްވެސް ރޭކާ ނުލިއެވެ.

"ސޯރާ އަނގަޔަށް މެއްސެއް ވަދެދާނެ. އަނގަ ލައްޕާލާ..."

އާރްޔާގެ ހިނިގަނޑާއިއެކު ޖިންނީންތައް އާރްޔާއަށް ބަލަންފެށީ ނުރުހުންވެފައެވެ. ކުޑަ އިންސިކުއްޖަކު އެއްވެސް އަދަބެއް ސަދަބެއްނެތި ރަސްކަލުންގެ ދަރުބާރުގައި މިއޮތް އުޅޭ ވައްތަރެކެވެ.

"އަޅުގަނޑަކަށް ތި ކައިވެންޏަކަށް އެއްބަހެއް ނުވެވޭނެ..."ސެފްރަންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެ އަޑުގައި ޔަގީންކަމެއްވިއެވެ.

(ނުނިމޭ...)

https://sun.mv/125103

comment ކޮމެންޓް