އެސްއޭޕީ އިފްތިތާހުކޮށްފި: ދެން ސަރުކާރުގެ މަސައްކަތް މިނެ ކިރޭނެ!

އެސްއޭޕީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ މަސައްކަތްތަކާއި، ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑުތައް ކަނޑައަޅައި އެކުލަވާލި ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ އެސްއޭޕީ އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެސްއޭޕީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ރިޔާސީ އިންތިހާބުގައި ރަައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ނެރުނު އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން އައި މަސައްކަތްތައްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.

"ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ބެލި ޑޮކިއުމެންޓަކީ ސަރުކާރުގެ މެނިފެސްޓޯ. ހަމައެއާ އެއްކޮށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުތައް މައިގަނޑު ގޮތެއްގައި މި އެކްޝަން ޕްލޭނުގައި ހިމެނޭނީ. ދެން އަޅުގަނޑުމެން މި ބެލި ޑޮކިއުމެންޓަކީ އެޖެންޑާ 19ގެ ގޮތުގައި މަޖިލިސް އިންތިހާބުގައި މި ގެންގުޅުނު ޑޮކިއުމެންޓް،" ރައީސް އޮފީހުގެ ޕޮލިސީ އަންޑަ ސެކެޓްރީ އުސާމް ޝަރީފް މިރޭ ވިދާޅުވިއެވެ.

އެސްއޭޕީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ދައުލަތުގެ މުއައްސަސާތަކުގެ ހުށަހެޅުންތައް ހިމަނައިގެންނެވެ. އަދި އެކި އެކި މަދަނީ ޖަމިއްޔާތަކުގެ ހުށަހެޅުންތައްވެސް އެ ޕްލޭނުގައި ހިމަނާފައިވެއެވެ. އެކި އެކި ދާއިރާތަކުގެ މާސްޓާ ޕްލޭންތަކާއި، ގާނޫނުތަކާއި، ކަމާ ގުޅުންހުރި ދިރާސާތަކުން ފާހަގަކޮށްލެވޭ ކަންކަންވެސް ޕްލޭނުގައި ހިމަނާފައިވެއެވެ. އެސްއޭޕީ ވިލަރެސްކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރީ ޕްލޭނިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީސް ގުޅިގެންނެވެ.

އެސްއޭޕީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެޖެންޑާ 19 އެކޭ އެއްފަދައިން އެސްއޭޕީވެސް އެކުލަވާލާފައި ވަނީ ލަނޑުދަނޑިތައް ފަސް ބަޔަކަށް ބަހައިގެންނެވެ. އެ ފަސް ބަޔަކީ "ނޫ އިގްތިސާދު"، "އޯގާތެރި ސަރުކާރު"، "ފަހުރުވެރި އާއިލާ"، "ޖަޒީރާ ދިރިއުޅުން"، އަދި "ހެޔޮ ވެރިކަން" މިއެވެ.

އެސްއޭޕީގައިވާ ކޮންމެ ހަރަކާތެއް ތަންފީޒު ކުރުމަށްވެސް ދައުލަތުގެ އިދާރާއެއް ނުވަތަ އިދާރާތަކެއް ކަނޑައަޅާފައިވެއެވެ. އެ ހަރަކާތެއް ނުވަތަ ލަނޑުދަނޑިއެއް ހާސިލު ކުރުމަކީ އެ އިދާރާއެއްގެ މަސްއޫލިއްޔަތެކެވެ. އަދި ކޮން އިރަކު ކުރާނީ ކޮން ކަމެއްތޯ ބެލޭނެ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން ކޮން އިރަކު ކުރާނީ ކޮން ކަމެއްކަން މި އެސްއޭޕީއިން އެނގިގެންދާނެ،" އުސާމް ވިދާޅުވިއެވެ.

އެސްއޭޕީގެ ނަތީޖާ ހާސިލު ކުރެވޭ މިންވަރު ބަލަން ކޮންމެ އަހަރަކު ރިޕޯޓެއް ނެރެވޭނެ އެވެ. އެހެންކަމުން، އުސާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނަތީޖާ އެސްއޭޕީ މެދުވެރިކޮށް ރައްޔިތުންނަށް މިނޭނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ، އެސްއޭޕީގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ފަސޭހަވެގެންދާނެ ކަމަށެވެ. ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ނުދާނަމަ އެކަން ބަލައި، އެކަމާ ބެހޭގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެސްއޭޕީގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ޝަރުއީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަންކަމާއި، ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަންވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުން ސަރުކާރާ ގުޅިގެން އެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރެެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން އެންމެން އެކުގައި މިވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގަންނަވާށޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް