އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް ފެނަކަ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ

ފެނަކަގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވެފައި ---- ފޮޓޯ/ ފެނަކަ

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ފެނަކައިގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ރަމްޒީ ފައިސާގެ ބޯޑު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކުރައްވާފައެވެ.

ފައިސާ ހަވާލުކުރުން އޮތީ މިރޭ ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ފެނަކައިގެ އިސްބޭފުޅުންނާއި ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއޭ)ގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހަ ގުދަނެއް ރޫޅާލައި، ތިން ގެއެއް މިހާރު ވަނީ ތަޅާލާފައެވެ. މީހުން ދިރިނޫޅެވޭ ވަރަށް އިތުރު ހަ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތުކުރަންޖެހޭ ހަ ގެއެއް ހިމެނެއެވެ.

އެ ހާދިސާގައި 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭއިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ފަރާތްތަކަށް އެހީވުމަށް އެންޑީއެންއޭ އިން ވަނީ، ރިލީފް ފަންޑެއްވެސް ހުޅުވާފަ އެވެ. މިދިޔަ ހޯމަ ދުވަހު އެންޑީއެންއޭ އިން އާންމުކުރި، މައުލޫމަތުން އެނގޭ ގޮތުގައި ފަންޑަށް 1.3 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާއެ ފަންޑަށް ވަނީ ލިބިފަ އެވެ.

އެންޑީއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގުދުރަތީ ހާދިސާ އާއި މި ފަދަ ހިތާމަވެރި އެހެން ހާދިސާތަކުގައި ވެސް ގެއްލުން ލިބޭ މީހުންނަށް މާލީ އެހީގެ ގޮތުގައި ޑިޒާސްޓާގެ ގަވާއިދުގެ ދަށުން ދެނީ ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ.

ނަމަވެސް އެ ހާދިސާއެއްގެ ބޮޑު ކަމާއި ހާލަތަށް ބަލައި، ފަންޑު ހުޅުވާޅުމުން އެކި ފަރާތްތަކުން ދީލަތި އެހީއާއެކު، ދޭ ބަދަލު 20 ޕަސަންޓަށް ވުރެ އިތުރު ވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

comment ކޮމެންޓް