ބުޅާ މަރަން ނިންމި ނިންމުން ބާތިލްކޮށްފި

ބުޅާލެއް މާލޭ ރަޅުގަނޑު ސަރަހައްދުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރ. އުނގޫފާރުގައި ބުޅާ ގިނަވެ އާންމު އުދަގުލަކަށް ވެފައިވާ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން އެ ރަށު ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ "ސަން" އަށް މިރޭ ވިދާޅުވީ އެ ނިންމުން ބާތިލްކުރަން ނިންމީ ސަރުކާރުގެ އިދާރާތަކުން އައި ޕްރެޝަރުތަކާހުރެ ކަމަށެވެ.

ބުޅާ މަރަން ނިންމި ނިންމުމް ބާތިލްކުރިޔަސް ބުޅަލުގެ އުނދަގުލުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ ހަފްތާގައި މާލެއައިސް ސަރުކާރުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބުޅާތައް ފުރާޅުގައި ކޯޅޭވަރުން ކުޑަކުދިންނަށް ނުނިދޭ. ދެން ވާރޭ ފެން ނަގަން އުނދަގޫ،" ނާސިރު ވިދާޅުވިއެވެ.

ބުޅާ މަދުކުރުމުގެ ޕްރޮގްރާމް އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ވެސް އެ ކައުންސިލުން ކުރިން އޮތީ ނިންމައިފަ އެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަށް ހިންގާ ކޮންމެ އަމަލަކީ ކުށެކެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އެންމެ މަދުވެގެން ނުވަދުވަހުގެ އަދި އެންމެ ގިނަ ވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބުޅާމަރަން ނިންމި ނިންމުމާ ގުޅޭގޮތުން އެންވަޔަަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ބުނީ އެ ޕްރޮގްރާމް ރާވައިފައިވަނީ ބުޅަލުގެ ނަސްލު ނައްތާލުން ފަދަ ގޮތަކަށް ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ބުޅާ މަދުކުރުމުގެ ކަންތަައްތަކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް