އެމްއާރްއެމް އުފެއްދުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދީފި

މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައި --- ފޮޓޯ: އެމްއާރްއެމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށެވެ. ނަމަވެސް ޕާޓީ އުފައްދަން ދިން މުއްދަތުގައި މެންބަޝިޕް ފޯމު ހުށަހަޅައިފައެއް ނުވެ އެވެ. ފަހުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދޫކުރީ ރައީސް މައުމޫންގެ ދަރިކަނބަލުން، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަށެވެ.

އެ ހުއްދައިގެ ދަށުން އެމްއާރުއެމް އުފެއްދުމަށް 3313 މެންބާޝިޕް ފޯމާއެކު އީސީއަށް ހުށަހެޅީ މިދިޔަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ.

އެ ފޯމްތަކުގެ ސައްހަކަން ބެލުމަށް ފަހު، އީސީއިން މިއަދު ވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިންކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފަ އެވެ. އެ ލިޔުން މިއަދު ޔުމްނާއާ ހަވާލުކޮށްދެއްވީ އީސީގެ ރައީސް، އަހުމަދު ޝަރީފް އެވެ.

އެމްއާރްއެމްގެ އިސް ފަރާތަކުން "ސަން" އަށް މިއަދު ވިދާޅުވީ މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރު ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެކަން ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި ކޮމިށަނަށް ހުށަހެޅުމަށްފަހު ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީގެ އަސާސީ ގަވާއިދާބެހޭ ގޮތުންނާއި، އެ ޕާޓީގެ މައިގަނޑު މެނިފެސްޓޯއާ ބެހޭގޮތުން ނިންމުންތައް ނިންމުމަށް ބައްދަލުވުމެއް ބާއްވަންވާނެ އެވެ.

މި ބައްދަލުވުމުގައި، ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދިފައިވާ، މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެ އެވެ. އަދި މި 300 މީހުންގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރާއި، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ އެވެ.

comment ކޮމެންޓް