މަތިވެރި ގެސްޓްހައުސް މައްސަލައިގެ ޝަކުވާއާއިގެން ރައީސް ނަޝީދު އަރިހަށް

މަތިވެރި ކައުންސިލުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުން ---

އއ. މަތިވެރީގައި ހިންގާ ކާސާ މިއާ މޯލްޑިވްސް ގެސްޓްހައުސް ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދޭން ޓުއަރިޒަމް މިނިސްޓްރީއިން ނިންމި މައްސަލައިގެ ޝަކުވާއާއިގެން މަތިވެރި ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް މަތިވެރީގެ ދެބިމެއް ދޭން ސޮއިކުރެވުނީ 29 ސެޕްޓެމްބަރު 2019 ގަ އެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވާގޮތުން ރިޗް ކްލަބާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނީ ގާނޫނީ އިމުގެ ތެރެއިންނެވެ.

އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަށް މަތިވެރި ކައުންސިލުން މިއަދު ވަނީ ރައީސް ނަޝީދާ ބައްދަލުކޮށްފަ އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް 'ސަން' އަށް ވިދާޅުވީ އެ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ބަޔަކަށް އެރަށުގެ ބިމެއް ދިނުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް މައްސަލައެއް ނޫން ޖާބިރަކަށް، ކާސިމަކަށް ބިން ދިނުމަކީ. ކަންބޮޑުވުމަކީ ރަށުގައި އޮތް ބިމެއް ކުއްޔަށް ދީގެން މީގެ ރަނގަޅު މަންފާއެއް މަތވެރި ރައްޔިތުންނަށް ނުލިބޭތީ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެގްރިމެންޓް ބަދަލު ކުރަން،" މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވި އެވެ.

މަތިވެރި ކައުންސިލުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުން ---

އާތިފް ތުހުމަތު ކުރައްވާ ގޮތުން މިނިސްޓަރު އަލީ ވަހީދު އެގޮތަށް އެގްރިމެންޓްގައި ސޮއި ކުރެއްވީ އަމިއްލަ މަންފާއެއް އޮވެގެންނެވެ. އެކަމަކު އަލީ ވަހީދު އެކަން ދޮގު ކުރައްވަ އެވެ. އަދި އެތަން ކުއްޔަށް ދިން ގޮތުގެ ތަފްސީލެއްވެސް އަލީ ވަހީދު އިއްޔެ ދެއްވި އެވެ.

އާތިފް ވިދާޅުވީ އެކަމުގައި ހައްލެއް ހޯދުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލެއް ލިބޭނެ ގޮތެއް އޮތްތޯ ބަލައިދޭނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަށް އާތިފް ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ބުނާގޮތުން މަތިވެރީގެ އެ ބިން 50 އަހަރަށް ކުއްޔަށް ދިނީ ކައުންސިލް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށް ބިން ކުއްޔަށްދޭ މުއްދަތު ބަޔާންކުރާ އުސޫލުގެ ދެވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

comment ކޮމެންޓް