ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބީއެމްއެލްއިން ފަތަން ދަސްކޮށްދެނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބީއެމްއެލްއިން ފަތަން ދަސްކޮށްދޭން ފެށި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބީއެމްއެލްއިން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.

'ފެތުން ތަރިން' ގެ ނަމުގައި އިފްތިތާހް ކުރި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކުންވަނީ ބައިވެރިވެފަ އެވެ.

މިއީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބީއެމްއެލް އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުސަތެއް ލިބި އިތުރު ހުނަރެއް އެ ކުދިންނަށް ދަސްވެގެން ދިއުމަކީ އެ ބޭންކްއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޕްރޮގްރާމަށް ތަރުހީބު ލިބުނުކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"މިއާއެކު، 'ފެތުން ތަރިން' ޕްރޮގްރާމަށް މި ލިބުނު ތަރުހީބު އަޅުގަނޑުމެން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އުންމީދަކީ ސްވިމިންގ އެސޯސިއޭޝަނާއި ކްލަބް ތަކުގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން." ޝަރީފު ވިދާޅުވި އެވެ.

ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ބީއެމްއެލް އިން ދަނީ އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް