ގެސްޓުހައުސްގެ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން އެހީވަނީ

އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން ---

ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ގެސްޓްހައުސްގެ ދާއިރާ ކުރިއެރުވުމަށް ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) އާއި އުރީދޫ މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އެވެ. ގެސްޓްހައުސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމް އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނަ އަދި ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް." ނަޖީބް ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ގޭމްގެ ރައީސް ކަރަމް ވިދާޅުވީ މި ޕާޓްނަރޝިޕަކީ ދެފަރާތަށްވެސް ގިނަ ފައިދާތަކެއް ލިބޭނެ އެއްބަސްވުމެއް ކަމަށެވެ.

"ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓާސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު. ވީމާ އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް." ކަރަމް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އާއި ގޭމް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާހައުލާއި ގުޅޭ، ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އާ ފުރުސަތުތައް ގެނެސްދޭން ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް