މޯލްޑިވް ގޭހުން ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ހިލޭ ގޭސްފުޅިއެއް

މޯލްޑިވް ގޭހުގެ ގޭސްފުޅިތަކެއް-- ސަން ފައިލް ފޮޓޯ

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިލޭ ގޭސްފުޅި ލިބޭ ޕްރޮމޯޝަނެއް މާދަމާ ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހަކީ މާދަމާ، އޮކްޓޯބަރު 3 އެވެ.

އެ ކުންފުނިން ބުނީ އެ ދުވަހާ ދިމާކޮށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އައުޓްލެޓުތަކުން ގޭސް ގަންނަ ކޮންމެ 20 ވަނަ ކަސްޓަމަރަކަށް "ސަޕްރައިޒް" އިނާމެއްގެ ގޮތުގައި ބިލް ހިލޭ ވާނެ ކަމަށެވެ.

"ވިހި ވަނަ ކަސްޓަމަރަށް ސަޕްރައިޒެއްގެ ގޮތުގައި މި ބިލް ހިލޭ ކޮށްލަ ދެނީ. 20 ވަނަ ކަސްޓަމަރު އެއްފުޅި، ދެފުޅި ނޫނީ ތިންފުޅި ގަތް ނަމަވެސް ބިލު އެއްކޮށް ހިލޭ ވާނެ،" މޯލްޑިވް ގޭހުން ބުންޏެވެ.

އެ ކުންފުނިން ބުނީ ޑެލިވަރީ ކަސްޓަމަރުންނަށާއި އައުޓްލެޓުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 ން ރޭގަނޑު 10:00 އަށެވެ.

comment ކޮމެންޓް