"ކޮސް ގިނަ މިސްޓޭކް"ގެ 90 ޕަސެންޓް ޝޫޓްކޮށްފި، ފިލްމު އަންނަ މަހު!

ކޮސް ގިނަ މިސްޓޭކްގެ ތަރިން--- ފޮޓޯ/ ފޭސްބުކް

ވީމީޑިއާގެ ދެވަނަ ފީޗާ ފިލްމު "ކޮސް ގިނަ މިސްޓޭކް" ޝޫޓިންގެ 90 އިންސައްތަ ޝޫޓްކޮށް ނިންމާލައިފި އެވެ.

ފިލްމުގެ ބޮޑުބައެއް މިހާރު ޝޫޓްކޮށްފައިވާ އިރު ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މާލެ އަދި ރިސޯޓެއްގަ އެވެ. އދ. ފެންފުއްޓާއި އެ އަތޮޅު މާމިގިލީގައި ޝޫޓްކުރަން ޖެހޭ ހުރިހާ ބައެއް ނިންމުމަށް ފަހު ތަރިން މާލެ އައީ މި ހަފްތާތެރޭގަ އެވެ. ފިލްމު ޝޫޓްކުރާ ރިސޯޓަކީ ސަން އައިލެންޑް ރިސޯޓެވެ.

ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އިސްމާއިލް ޝަފީގު ސަން އަށް ބުނީ ފިލްމު އަންނަ މަހު ސްކްރީނުކުރާނެ ކަމަށާއި ތާރީހު ފަހުން އިއުލާނުކުރާނެ ކަމަށެވެ. އަދި ޝޫޓިން ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، މަރިޔަމް އައްޒަ. ނުޒުހަތު ޝުއައިބު، އިރުފާނާ އިބްރާހިމް (އިރޫ)، އަހްމަދު ސައީދު، އަހްމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސާ (އާނަންދު). ގުލިސްތާނު މުހައްމަދު، ހާމިދު އަލީ، ނަވާލް އަދި އިބްރާހިމް ޝާފިއު (ފުބޫ) ހިމެނެ އެވެ.

ޑައިރެކްޓަރު ޔޫއްޕެ ބުނީ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނަކީ މި ވަގުތު ރާއްޖޭގެ ފިލްމީ ދުނިޔޭގައި އެންމެ ފުންނާބު އުސް ތަރިން ކަމަށެވެ.

"ކޮސް ގިނަ މިސްޓޭކް ވެގެންދާނީ ވަރަށް އެންޓަޓެއިން ކާމިޔާބު ވަރަށް މަގްބޫލް ރީތި މޮޅު ފިލްމަކަށް"

ރޮމޭންޓިކް ކޮމެޑީ އޮފް ދަ އިޔާ ގެ ހޭޝްޓޭގް ބޭނުންކޮށް އެ ފިލްމު ސޯޝަލް މީޑިއާގައި އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ.

comment ކޮމެންޓް