އެޗްޑީސީއަށް ބައިނަލްއަގުވާމީ އެވޯޑެއް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބުނު ބައިނަލްއަގުވާމީ އެވޯޑާއެކު--- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

އެޗްޑީސީއަށް ލިބިފައިވަނީ އެމެރިކާގެ އެސްރީ ޔޫޒާއިން ދޭ ޖީއައިއެސް ނުވަތަ "ގިސް އެވޯޑް" އެވެ.

މިއީ އެޗްޑީސީން އިންޓާނަލް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ އެންޓަޕްރައިސް ސިސްޓަމްއަށް ލިބިގެން ދިޔަ އެވޯޑެކެވެ. އެންޓަޕްރައިސް ސިސްޓަމްއަކީ ގިނަ ހިދުމަތްތަކެއް ގުޅާލުމަށް ބޭނުންކުރާ ޒަމާނީ ސިސްޓަމެކެވެ.

އެ އެވޯޑް ދީފައިވަނީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ. ނަަމަވެސް އެ އެވޯޑާ ހަވާލުވީ މި ހަފްތާގެ ތެރޭގައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ އެ އެންޓަޕްރައިސް ސިސްޓަމްއަކީ ބައިނަލްއަގުވާމީ ސޮފްޓްވެއާ ސިސްޓަމެއް މޮޑިފައިކޮށްގެން އުފައްދައިފައިވާ ސިސްޓަމެެއް ކަމަށެވެ.

"މި ސިސްޓަމްއިން ބަލާލެވޭނެ ހުޅުމާލޭގައި ހުރި ބިންތަކާއި ގޯތިތައް ހުންނާނީ ޑިޖިޓަލައިޒްކޮށްފައި. މީގެން ވަރަށް ފަސޭހައިން ގިނަ މައުލޫމާތުތަކެއް ލިބޭނެ." ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީއިން ގާއިމްކޮށްފައިވާ އެންޓަޕްރައިސް ސިސްޓަމްގެ ތެރޭގައި "މައި ހުޅުމާލެ ޕޯޓަލް" ވެސް ހިމެނެއެވެ. އެ ސިސްޓަމްގެ ތެރެއިން ހުޅުމާލޭގައި އެކި ޕާމިޓްތަކަށްވެސް އެދެވެއެވެ.

comment ކޮމެންޓް