ރަކީދޫ އާއި ގުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ރަކީދޫ އާއި ގުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ވ. ރަކީދޫ އަދި ތ. ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހަމްދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތްތައް:

  • ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުން
  • ބޮޑު ހިލަ ބޭނުންކޮށްގެން ނެރުފައިކަށި ޖެހުން
  • 370 މީޓަރުގެ އެއްގަމު ތޮށި ހެދުން
  • އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން
  • ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލުން
  • 18 ބަނދަރު ބައްތި ހަރުކުރުން
  • ދެ ނެރުބައްތި ހަރުކުރުން
  • ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓު ހެދުން
  • ބަނދަރު އަދި ނެރު ފުންކުރުން

ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައި 18,511,404.34 ރުފިޔާއަށް 349 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތްތައް:

  • 156 މީޓަރުގެ ބޭރު ތޮށްޓެއް ލުން
  • 74 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 164 މީޓަރުގެ އެއްގަމު ތޮށި ހެދުން
  • އަށް މޫރިން ބޮއެ
  • އަށް ބަނދަރު ބައްތި ހަރުކުރުން
  • ދެ ނެރުބައްތި ހަރުކުރުން
  • ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓު ހެދުން
  • ބަނދަރު އަދި ނެރު ފުންކުރުން
comment ކޮމެންޓް