އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ވެހިކަލްތަކެއް ހަދިޔާކޮށްފި

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ވެހިކަލްތަކާއި ސްޕެއާތައް --

އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފްއަށް ވެހިކަލްތަކެއް ހަދިޔާކޮށްފި އެވެ.

މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކުރީ ތިން ކާރާއި ޕިކަޕަކާއި އަދި ސްޕެއާތަކެކެވެ.

ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި، އިންޑިއާގެ ފަރާތުން މި ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެގައުމުގެ ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީއޯއެސްސީ)ގެ ޗެއާމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު އެވެ.

އެ ރަސްމިއްޔާތުގައި، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝަމާލު މިއަދު ވަނީ އިންޑިއާއަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ޖެނެރަލް ބިޕިން ރާވަތު ވަނީ އިންޑިއާގެ އަސްކަރިއްޔާއާއި އެމްއެންޑީއެފްއާ ދެމެދު އަސްކަރީގޮތުން އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވާލައްވައި، އެމްއެންޑީއެފްގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާއިން ހަދިޔާ ކުރި ތަކެއްޗާ ފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ހަވާލުވެވަޑައިގަންނަވަނީ --

މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދެ ގައުމުގެ ޑިފެންސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު އެމްއެންޑީއެފްއަށް އިންޑިއާއިން ވެހިކަލްތައް ހަދިޔާކޮށްފައިވާ އިރު އަސްކަރީ ގޮތުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގައުމީ ސަލާމަތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ޕެނަލް ޑިސްކަޝަނެއްވެސް ބާއްވައިފަ އެވެ.

comment ކޮމެންޓް