ގައުމީ ސަލާމަތާ ބެހޭގޮތުން ރާއްޖެ-އިންޑިއާ މަޝްވަރާކޮށްފި

"މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕާސްޕެކްޓިވްސް"ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ/އެމްއެންޑީއެފް

"މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕާސްޕެކްޓިވްސް"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ބާއްވައި ގައުމީ ސަލާމަތާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީއޯއެސްސީ)ގެ ޗެއާމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުގެ ދަތުރުފުޅާ ގުޅިގެން ބޭއްވި އެ ޕެނަލް ޑިސްކަޝަން ބާއްވާފައި ވަނީ މިއަދު ހެނދުނު ބަންޑާރަކޮށީގަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި، ޖެނެރަލް ބިޕިން ރާވަތުއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސުނިލް ސުދީރުގެ އިތުރުން، ދެ ގައުމުގެ ޑިފެންސް އެޑްވައިޒަރުންނާއި ސިފައިންގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

"މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕާސްޕެކްޓިވްސް"ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން -- ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނީ، އެ ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރައްވާފައި ވަނީ، އަދުގެ ބަދަލުވަމުންދާ އިސްތިރާޖީ ސަލާމަތީ މަޝްރަހުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް ސަރަހައްދީ ގޮތުން އަދި ބައިނަލްއަގްވާމީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި، އެކުވެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމާއި، އަސްކަރީ ގަބިލްކަން އިތުރުކުރުމާ ބެހޭގޮތުން ކަމަށެވެ.

ޖެނެރަލް ރާވަތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދު އޭނާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާވެސް ބައްދަލުކުރައްވައިފަ އެވެ. އޭނާ އިތުރު ވަޒީރުންނާވެސް އަދި ބައްދަލު ކުރައްވާނެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާވެސް ބައްދަލުކުރައްވާނެ އެވެ.

އޭނާގެ ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި ގާއިމްކުރި އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓާ ޅ. މާފިލާފުށި، ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް