އަހަރުމެންގެ ވެރިކަމެއްގައި ޓެރަރިޒަމް ގާނޫނުގެ އިސްލާހުތައް އުވާލާނަން: ޕީޕީއެމް/ޕީއެންސީ

އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ޓެރަރިޒަމްގެ ގާނުނުގެ އިސްލާޙުތައް އުވާލާނެ ކަމަށް ބުނޭ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ، އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް، ބިރުގަންނަވާލަން ގެނައި އިސްލާހުތަކެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެ އިސްލާހުތައް އުވާލާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޓެރަރިޒަމް ފުޅާ މާނައެއްގައި މާނަކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަަަކީ މި ސަރުކާރުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ. އެއީ ސިޔާސޫ ފަރާތްތަކާއި ދީނީ ފަރާތްތަކަށް އަމާޒުކޮށް ގެނައި އިސްލާހުތަކެއް ކަމަށް ޝުޖާއި ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ ގާނޫނަކީ، ސީދާ ސިޔާސީ ކުއްވެރިންނާއި ވަކި ފިކުރެއް ނައްތާލުމާއި އޭގެ އިތުރުން ދީނީ އިލްމުވެރިން ނައްތާލުމަށް ހަމަ ސީދާ މި ސަރުކާރު އަޑީގައި އޮވެގެން، ހީލަތްތެރި ކަމާއެކު، ކުރި ކަމެއް ކަމަށް އަޅުގަނޑުމެން ތުހުމަތު މި ކުރަނީ،" ޕީޕީޕއެމް ސަރުކާރުން އެންމެ ފުރަތަމަ ގެނައި ޓެރަރިޒަމްގެ ގާނޫނަށް މި ސާރުކާރުން ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި އެވެ. "މި އިސްލާހުތަކަކީ، އަޅުގަނޑުމެންގެ ސަރުކާރު އުފެދޭ ދުވަހު ގާނޫނުތައް ބަދަލު ކުރުމަށް އަޅުގަނޑުމެން ހުށަހަޅާނަން އިރާދަކުރެއްވިޔާ. މިއީ ޔަގީން ޝައްކެއް އޮތް ކަމެއް ނޫން،"

ޝުޖާއު ވިދާޅުވީ، މި ސާރުކާރުދެކެ ބިރުން އިދިކޮޅު ފަރާތްތަކުން ނުތިބޭނެ ކަމަށާއި މި ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމަށެވެ. އެގޮތުން ގާނޫނަކުން ބިރު ދެއްކޭނެ ކަމަށް މި ސަރުކާރުން ހީ ކުރުމަކީ ގޯހެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިއުޅެނީ ހިތުން އަޅުގަނޑުމެން ބިރު ދައްކައި، އިލްވެރިންނަށް [ބިރުދަދައްކަން.] އަޅުގަނޑުމެން މި ސަރުކާރު ދެކެ ބިރުން ނޫޅެން،" ޝުޖާއު ވިދާޅުވި އެވެ.

ޓެރަރިޒަމް ބިލު ފާސް ކުރީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށް، ސަރުކާރުން ބޭނުންވެގެން އަވަސްކުރުމަށްޓަކައި ދައުރުން ބޭރުން ޖަލްސާ ބައްވައިގެންނެވެ.

ރައްޔިތުންނާއި ޕާޓީތަކަށް ބިލަށް ހިޔާލު ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ބިލު ފާސް ކުރަން ޖެހުނު ސަބަބާމެދު ސުވާލު އުފެދޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ކަމަށް ޝުޖާއު ވިދާޅުވި އިރު، އޭރު އެ ގާނޫނު އެންމެ ފުރަތަމަ ގެނައީ މިހާރުގެ އިދިކޮޅުގައި ހުންނެވި ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އޭރު އެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އޭރުގެ އިދިކޮޅު ފަރާތްތަށް ޖަލަށްލައި ހުކުމް ކުރި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް