މިނިސްޓަރު ޝާހިދުގެ އަރިހަށް އިންޑިއާ ސިފައިންގެ ވެރިޔާ ޒިޔާރަތްކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ސިފައިންގެ ވެރިޔާ ބިޕިން ރާވަތުއާ ބައްދަލުކުރައްވަނީ --- ފޮޓޯ - ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބިޕިން ރާވަތު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރާވަތާއި ޝާހިދު ބައްދަލު ކުރެއްވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖެނެރަލް ރާވަތުއަށް މަރުހަބާ ދަންނަވައި، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި އެ ދެ ބޭފުޅުން ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކާނަލް އަހުމަދު ތޯހިރުގެ އިތުރުން އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރު މަރިޔަމް މިދުފާ ނައީމެވެ.

ރާވަތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އިތުރު ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. އިއްޔެ އޭނާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް