އަނދިރި ހަޔާތަކުން ހިނިތުންވުމަކާ އެކު މަލެއް

އައިމަން، އޭނާ ކަރުދާހުން ހަދާ މާތަކާއެކު --- ފޮޓޯ/ ފޭސްބުކް (ރަހުމާ އީސާ)

ވިލިމާލޭ ޓާމިނަލް ބުޑުގައި ފުރޮޅުލީ ގޮނޑިއެއްގައި އިށީންދެލައިގެން އިން އެ ޒުވާނާގެ ކުރިމަތީ ހުރި ކުޑަ މޭޒެއްގައި އަތުރާލާފައި ވަނީ ކުލަކުލައިގެ މާތަކެކެވެ. އެކަމަކު އެއީ ގަހެއްގައި އަޅައި ފަރިވެ ފޮޅިފައިވާ ހުރި ގުދުރަތީ މާތަކެއް ނޫނެވެ. އެ މޭޒުގައި އެ ހުރީ މީހަކު ތައްޔާރުކޮށްފައިވާ ކަރުދާސް މަލުގެ ބަގީޗާއެކެވެ. ދުރުން ބަލާއިރު އަސްލާ އެއްގޮތް ކަމުން އެއީ ކަރުދާސް މާތަކެއްކަން ވަކިކުރަން ވެސް އުނދަގުލެވެ.

އެ ޗާލު މާތަކަކީ އުމުރުން އެންމެ 22، އަހަރުގެ އައިމަން އަބްދުލް ވާހިދުގެ ހުނަރުވެރި މަސައްކަތެވެ. ހިނިތުންވުމަކާ އެކު ފުރޮޅުލީ ގޮނޑިއެއްގައި އައިމަން އެ އިނީ، އޭނާގެ މަސައްކަތް ގަންނާނެ ބަޔަކު ވޭތޯ އެވެ. ހިނގުމުން މަހުރޫމްވެ ފުރޮޅުލީ ގޮނޑީގެ އެހީގައި އޭނާ އުޅެން ޖެހިފައި ވިޔަސް، މަންމަގެ އެހީއާ އެކު ކޮންމެ ހަފްތާ ބަންދެއްގައި ވެސް އެ މާތައް ވިއްކުމަށް ހަމަ އެތަނަށް އޭނާ އާދެ އެވެ. އެއީ އޭނާގެ މައުސޫމް ހިތުން ލޯތްބާ އެކު ދިއްކޮށްލާ މަލެކެވެ.

އައިމަން އަކީ ހައްވާ ޔޫސުފްގެ އަށްވަނަ އަދި އެންމެ ހަގު ދަރިފުޅެވެ. ހައްވަ ބުނި ގޮތުގައި އައިމަން ވިހެއުމުގެ ތެރޭ މެދުވެރިވި ކަމަކުން ސިކުނޑިއަށް އޮކްސިޖަން ލިބުމުގައި ހުރަސް އެޅި، އުފެދުމުގައި އުނިކަމެއް ހުރި ކުއްޖަކަށްވީ އެވެ. ހެދިބޮޑުވުން ލަސްވެ، އޭނާގެ ވިސްނުން އެ އުމުރުގެ އެހެން ކުދިންނާ އެއްވަރަށް ކުރިއެއް ނޭރި އެވެ.

އެހެން ނަމަވެސް އޭރު އައިމަންގެ އެނޫން އިތުރު އެއްވެސް މައްސަލައެއް ނެތެވެ. އަމިއްލައަށް ހިނގެ އެވެ. މީހެއްގެ އެހީއާ ނުލާ ރީއްޗަށް އެކަނި ހިނގާ ބިގާ އުޅެވެ އެވެ. ނަމަވެސް އުމުރުން އަށް އަހަރާއި ނުވަ އަހަރާއި ދެމެދު އައިމަންގެ ފައިގާ ރިއްސަން ފެށި އެވެ. އެ ވޭނުގައި އޭނާއަށް ހިނގަން އުދަގޫވީ އެވެ.

އައިމަން ކަރުދާހުން ހަދާ މާ -- ފޮޓޯ/ ފޭސްބުކް (އައިމަންގެ މާ ބަގީޗާ)

އެހިސާބުން ފެށިގެން އައިމަންގެ އާއިލާއިން މަސައްކަތްފެށީ އެނާގެ ފަޔަށް ތަދުވާ ސަބަބު ހޯދާށެވެ. ރާއްޖޭގެ ތަފާތު އެކިއެކި ކަށީގެ ޑޮކްޓަރުންނަށްވެސް ދެއްކި އެވެ. ނަމަވެސް ކަށީގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުވި އެވެ. އެއަށްފަހު ނާރުގެވެސް އެތަށް ޑޮކްޓަރުންނަކަށް ދެއްކި އެވެ.

ހައްވަ ބުނާ ގޮތުން އައިމަންއަށް ނުހިނގިގެން އުޅޭ އަސްލު ސަބަބު އަދިއަދަށް ދާންދެން ވެސް ޑޮކްޓަރުންނަކަށް ނުހޯދެ އެވެ.

އައިމަންގެ ފައިގެ ރިހުން ބޮޑުވެ، އެ ތަދު ހައްތަހާ ބޮޑުވެ ދިރިއުޅުމުގެ މުސީބާތަކަށް ވީ އެވެ. އަދި އެއްގޮތަކަށްވެސް އޭނާއަށް ނުހިނގި އެ ހާލެއްފައި ގޮނޑީގައި އިންނަތާ ހަތަރު އަހަރުވެއްޖެ އެވެ. އަދި އެކަނި ކޮޅަށްވެސް ނުހުރެވޭއިރު، މިހާރު އުނަގަނޑުން ތިރީގެ ހަރަކާތްތައް ވެސް ވަނީ ހުއްޓިފަ އެވެ. އެކަމަކު ހައްވަގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް އައިމަންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ތަފާތު ޓެސްޓްތައް އަންނަނީ ކުރަމުން އެވެ.

އައިމަން ގްރޭޑް އެކަކުން ފެށިގެން ތައުލީމު ހާސިލް ކުރީ އިމާދުއްދީން ސްކޫލްގަ އެވެ. އެންމެ ފުރަތަމަ އާންމު އެހެން ކުދިންނާއި އެއްކޮށް ކިޔެވުމަށްފަހު 2008 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސް، ސެންކްލާހަށް ބަދަލުކުރި އެވެ. އައިމަންގެ މަންމަ ބުނި ގޮތުގައި ސެން ކުލާހުގައި ކިޔެވުމަށްވުރެ، އައިމަންގެ ކިޔެވުން ރަނގަޅުވުމުންނާއި އޭނާއަށްވެސް އެންމެ ރަނގަޅީ އެހެން ކުދީންނާއި އެކީގައި ކިޔެވުން ކަމުގައިވާތީ އަނެއްކާވެސް އާންމު ދަރިވަރުންނާ އެކު ކިޔަވަން އާންމު ކުލާސްތަކަށް ބަދަލުކުރީ އެވެ.

އައިމަން ކަރުދާހުން ހަދާ މާ -- ފޮޓޯ/ ފޭސްބުކް (އައިމަންގެ މާ ބަގީޗާ)

އެގޮތަށް އޭނާގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދަމުން ދިޔައިރު، ގްރޭޑް ނުވަޔަކާ ހަމައިން ކިޔެވުން ހުއްޓާލަން ޖެހުނީ އެވެ. ނުހަނު ޝައުގާ އެކު، ބީޓެކް އާޓް އެންޑް ޑިޒައިންގެ ސްޓްރީމު ހިޔާރުކޮށް ކިޔަވަމުން ދިޔަ ނަމަވެސް އައިމަންގެ ބަލި ބޮޑުވެ، ކިޔެވުން ކުރިއަށް ނުގެންދެވުނީ އެވެ. ދޭތެރެ ދޭތެރެއިން ހެޔަށް ގޮތްވެ، ވެއްޓެން ފެށުމުން ޑޮކްޓަރުން ވެސް ލަފާދިނީ ސްކޫލަށް ނުގެނެސް ގޭގައި ބަހައްޓާށެވެ. އެހެންވެ، ސްކޫލުން ނިންމީ އައިމަން ގޭގައި ބަހައްޓައިގެން ކިޔެވުމުގައި ވެދެވެން އޮތް އެހީއެއް އޭނާއަށް ވެދޭށެވެ.

ސްކޫލް ދުވަސްތަކުގަޔާއި އަދި އެނޫންވެސް ކަންކަމުގައި އައިމަންއަށް އެންމެ ބޮޑަށް ގާތްކަން ބެހެއްޓި އަދި އައިމަން އެންމެ ލޯބިވާ އެކަކީ އޭނާގެ ޓީޗަރެއް ކަމުގައިވާ ރަހުމާ އީސާ (ރަހޫ މިސް) އެވެ.

ރަހޫ މިސް ބުނި ގޮތުގައި އައިމަން އަކީ ސްކޫލްގައި އުޅުނުއިރުވެސް ވަރަށް މަސައްކަތްކުރާ އާޓަށް ލޯބިކުރި ކުއްޖެކެވެ.

"ކިޔެވިއިރުވެސް އައިމަންއަކީ ވަރަށް ރަނގަޅު، މަސައްކަތަށް ވަރަށް ފަރުވާތެރި ކުއްޖެއް. އަބަދުވެސް ހުންނާނީ ވަރަށް ހެވިފައި. ދެން ފަހުން ދިމާވި ގޮތުން އަސްލު ނުގެނެވުނީ އޭނަ ސްކޫލަށް. ދެން ވިލިގިލިން މިހެން ދިމާވާއިރުވެސް ގޮވާލާ، ވާހަކަދައްކާނެ. ވަރަށް އުފާވެފައި އަބަދުވެސް ހުންނާނީ. ބުނާނެ ވަރަށް ކިޔަވާހިތްވާ ވާހަކަވެސް. އޭރުވެސް ކުރެހުމުގެ ކަންކަން ވަރަށް ރަނގަޅުވާނެ" ރަހޫ މިސް ބުންޏެވެ.

އައިމަންގެ ހަޔާތް އެފުށް މިފުށަށް ޖެހުނީ ކުއްލިއަކަށް ނޫނެވެ. މަޑުމަޑުންނެވެ. ނަމަވެސް އެ އުންމީދުތަކަކަށް އަދި އެ ހިނިތުންވުމަކަށްވެސް ފަނޑުކަމެއް ނާދެ އެވެ. އައިމަންގެ ހަޔާތަށް ދިރުން މި ގެނެސްދިނީ އޭނާގެ އަތުން ފޮޅުވާ މާމެލާމެލީންނެވެ.

އައިމަން ކަރުދާހުން ހަދާ މާ -- ފޮޓޯ/ ފޭސްބުކް (އައިމަންގެ މާ ބަގީޗާ)

އައިމަންގެ މާ ބަގީޗާގެ މަސައްކަތް ފެށުނީ، މީގެ ދެތިން އަހަރެއް ކުރީންނެވެ. ކިޔެވުމުގެ ކަންކަމާއި ދުރުވެ، ގޭގައި އަބަދުމެ އިންނަން ޖެހުމުން އައިމަން ފޫހިވާތީ އާއި އަދި އޭނާގެ އިނގިލިތަކުގެ މަސްތަށް ވަރުގަދަ ކުރުމަށްޓަކައި މާ ހަދާނެ ކަރުދާސް ފަދަ ތަކެތި ގެނެސްދީ އެކަން އޭނާއަށް ދަސްކޮށްދިނީ އެވެ. އައިމަންއަށް ވެސް އެކަންވީ ޝައުގުވެރި މަސައްކަތަކަށެވެ.

އޭރު އޭނާ ތައްޔާރުކުރާ މާތައް ގޭތެރެ ޒީނަތްތެރިކުރުމަށް ބަހައްޓައި ގެއަށް އަންނަ މީހުންނަށްވެސް ހަދިޔާ ކުރި އެވެ. މީހުންނަށް މާ ވިއްކާ ގޮތަށް މަސައްކަތް ފެށީ، މި ނިމުނު މަޖިލިސް އިންތިހާބުގައި ވައިކަރަދޫ ދާއިރާގެ ކެންޑިޑޭޓް އަދި މިހާރު އެ ދާއިރާގެ މެންބަރު ކެމްޕެއިނަށް އެގެއަށް ވަޑައިގެން އެ ހިޔާލު އާއިލާއަށް ހުށަހެޅުމުން އެވެ. އެ ހިތްވަރުން އައިމަން އޭނާގެ މަސައްކަތް އާންމުންނަށް ދައްކާލަން ނިކުތީ އެވެ.

އެއަށްފަހު ފުރަތަމަ ގޭދޮށުގައި މާ ވިއްކަން ފެށުމަށްފަހު މިހާރު މާ ވިއްކަނީ ހަފްތާ ބަންދުގައި ފެރީ ޓާމިނަލް ކައިރީގަ އެވެ.

އައިމަން ބުނީ އޭނާ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކުރުމަށްފަހު ފަށަނީ މާ ހަދަން ކަމަށެވެ. އަދި ދުވާލަކު 12 ވަރަކަށްް މާ އައިމަން ހަދަ އެވެ. އަދި ފަސް ރުފިޔާއަށް މަލެއް ވިއްކާއިރު، އެ ލިބޭ ފައިސާއިން އަނެއްކާވެސް މާ ހެދުމަށް ބޭނުންވާ ތަކެތި ގަނެ އިންވެސްޓް ކުރަނީ އެވެ. މާ ވިއްކަން ނުކުތުމަކީ އައިމަން މިހާރު އެންމެ އުފަލާ އެކު ކުރާ މަސައްކަތެވެ. މިއީ އޭނާގެ އަދިރި ހަޔާތަށް ގެނެސްދޭ ހިނިތުންވުމެކެވެ. މީހުންގެ ތެރެއަށް ނުކުމެ އޭނާގެ މަސައްކަތް ދައްކާލެވުމަށް ވުރެ ވަކިން ބޮޑު އުފަލެއް އޭނާއަށް މިއަދަކު ނެތެވެ. އައިމަން އެ ދިއްކޮށްލާ މަލަކީ، މައުމޫސޫމް ހިތަކުން ލޯތްބާ އެކު ކިޔައިދޭ އެތައް ވާހަކަ އެކެވެ.

comment ކޮމެންޓް