އެއްޗެހި ކިޔަސް ހެޔޮ، ފަރުވާކުޑަ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ނަހުލާ

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްުޔާސް

ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވާ އޯޑިއޯއެއް ރޭ އާއްމުކޮށްފި އެވެ.

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާ އާދިއްތަ ދުވަހު ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ އެ މިނިސްޓްރީގެ މުވައްޒިފުންނާ ބައްދަލުކޮށް ދެއްކި ވާހަކަ ސަންގުޓީވީ އިން ރޭ އާންމު ކުރިއިރު އެ އޯޑިއޯގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ރަނގަޅު މުވައްޒިފުންނަށް ވުރެ، މިނިސްޓްރީގައި ގިނައީ، "ވަރަށް ހިތާމަވެރިކޮށް، ވަރަށް ހިތްދަތިކޮށް، ދެރަވަރުކޮށް، ދެރަ ފެންވަރުގައި" މަސައްކަތް ކުރާ މުވައްޒިފުން ކަމަށެވެ.

"ކިތަމެ ގިނަ ބޭފުޅުންނާމެދު އަޅުގަނޑު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އަޅުގަނޑު ފިޔަވަޅު އަޅާނަން،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުވައްޒިފުން ކޮފީ މޭޒު ފަދަ ތަންތާގައި މިނިސްޓަރާމެދު ހިތްހަމަނުޖެހިގެން "ކިތަންމެ ވަރަށްކަށް އެއްޗިހި ކިޔަސް" "ވާނެ ކަމެއް ނޯންނާނެ" ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، އަޅުގަނޑަށްވާނެ ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވީ، އޭނާ މަގާމާ ހަވާލުވީ، އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި މާތްﷲ އަށްޓަކައި، ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ އަޅުގަނޑު ގޮސް ގޭގައި އިންނާކަށް. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން މިކަން ނުވާކަމަށްވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ. ފަހަރެއްގައިވެސް ހީ ނުކުރާތި އަޅުގަނޑަށް ލިބޭ 60-70 ހާސްގެ ބޭނުމަގައޭ. އަޅުގަނޑަށް އުނި އެއްވެސް ކަމެއް ނެތް،" ނަހުލާ ވިދާޅުވެ އެވެ.

ނަހުލާ ވިދާޅުވީ، މިނިސްޓްރީގެ ކަންތައްތަކުގައި މައްސަލައެއް އުޅޭ ނަމަ، އެކަމެއް އޭނާއާ ބައްދަލުކޮށް ހިސާކުރުމަށެވެ.

"ބަދަލު ކުރަން ޖެހޭ މީހަކު ބަދަލު ކުރާނަން މިތަން. ވަރަށް ސާފުކޮށް މި ދަންނަވަނީ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 49 މުވައްޒަފަކު ސޮއިކޮށް ރައީސަށް ހުށަހެޅި ޕެޓިޝަނެއްގައި ވެސް ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ.

އޯޑިއޯގައި ނަހުލާ ވިދާޅުވީ، ކޮންމެ މިނިސްޓްރީއެއްގައިވެސް ވަޒީރު ފިޔަވާ އެހެން މުވައްޒިފުންނަށް ބޭނުން ގަޑިއެއްގައި އޮފީހަށް ވަދެ ނުކުމެ ނޫޅެވޭނެ ކަމަށެވެ. އެއީ "ޗުއްޓީއަަކަށް ދާން ޖެހުނަށް އެހެން ތާކަށް ދާން ޖެހުނަސް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕެޓިޝަންގައި މުވައްޒަފުން ބުނީ، ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައި ނުވާކަމަށެވެ.

މި އޯޑިއޯއާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

https://sun.mv/124911

comment ކޮމެންޓް